Roadha Mihaaru
މަސައްކަތްތެރިންނަށް މުސާރަ ނުދޭ ޝަކުވާ ބޮޑު: ސައީދު

މަސައްކަތްތެރިންނަށް މުސާރަ ނުދޭ ޝަކުވާ ބޮޑު: ސައީދު

11 ޑިސެމްބަރ 2016

ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނާއި ބިދޭސީންނަށް މުސާރަ ނުދޭ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނާއި ބިދޭސީންނަށް މުސާރަ ނުދޭ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނީ ފޮތްބައި ނެރުމާއި ހިއުމަން ރައިޓްސް ފްރޭމްވޯކް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށާއި އޭގެ ތެރެއިން މުސާރަ ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު މައްސަލަ ހުށަހަޅާ ކަމަށެވެ. އަދި ދާދިފަހުން ދިވެހިންނަށް ވެސް މުސާރަ ނުދީގެން ގިނަ އަދަދެއްގެ މައްސަލަ ހުށަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަހަރުތަކެއް ވެގެންދާއިރު ވެސް މަސައްކަތްތެރިންނަށް މުސާރަ ނުދިނުމާއި ރަމަޟާން މަހުގެ އެލަވަންސް އަދި ސާވިސް ޗާޖު ނުދޭކަން ފާހަގަކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮބައިތޯ މަސައްކަތްތެރިންގެ ހައްގު؟ މަސައްކަތްތެރިންގެ ހައްގު ކަށަވަރު ނުވެ ކިހިނެއްތޯ އިގުތިސާދީގޮތުން ދުޅަހެޔޮ ވެއްޓަކަށް ވާނީ؟ އިގުތިސާދީ ގޮތުން ދުޅަހެޔޮ ވެއްޓަކަށްނުވެ ކިހިނެއްތޯ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރާނީ؟ އިޖުތިމާއީ ހަމަޖެހުން އަންނާނީ؟ މީގައި އެއްކަމެއް އަނެއްކަމަކާ މިއޮންނަނީ ގުޅިފައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް ބިދޭސީން ގެންނަ އޭޖެންޓުން ވަރަށް ބޮޑެތި ފީ ނަގާ ކަމަށާއި އަދި ރާއްޖެ އައުމަށް ބައެއް ބިދޭސީން އެ މީހުންގެ އަމިއްލަ ގެދޮރު ވެސް ވިއްކާ ކަމަށެވެ. ނަމަވެސް އެފަދަ ބިދޭސީން ރާއްޖެ އައުމުން މުސާރަ ވެސް ނުދީ ދޫކޮށްލާ ކަމަށް ވިދާޅުވި އެވެ.

"އެމީހުންގެ މުދާ ވިއްކާލާފައި އެބައާދޭ... އެ ކުރާ އުއްމީދަކީ ބޮޑު މުސާރަ ލިބޭނެކަމަށް. އެކަމަކު ރާއްޖެ އައީމަ އެ ފަރާތްތަކުން ބައެއް ހާލަތްތަކުގައި ދޭން ބުނި މުސާރަ ނުދީ އަދި އެ މުސާރައާ ގާތްކުރާ އަދަދެއް ވެސް ނުދީ، މަސައްކަތް ކުރާ ސައިޓަށް ވެސް ނުގެންގޮސް އޭނާ ރާއްޖެ އަށް ދޫކޮށްލަނީީ. ދެން އިޖުތިމާއީ ކުންޏަކަށް މިވަނީ ހިތާމައާއެކު ވެސް،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދަށް ހެޔޮއެދޭ ބަދަލުތަކެއް ގެނެވޭނީ އެންމެން ގުޅިގެން މަސައްކަތްތެރިންގެ ހައްގު ހިމާޔަތްކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.