Roadha Mihaaru
ބާސެލޯނާ މޮޅުވާން މަޖުބޫރު މެޗަށް ސަޕޯޓަރުން ނުވައްދާނެ

ބާސެލޯނާ މޮޅުވާން މަޖުބޫރު މެޗަށް ސަޕޯޓަރުން ނުވައްދާނެ

03 ޑިސެމްބަރ 2021

މިއުނިކް (ޑިސެމްބަރު 3) - އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ ބެޔާން މިއުނިކުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއުނިކް (ޑިސެމްބަރު 3) - އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ ބެޔާން މިއުނިކުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަޕޯޓަރުންނަށް ސްޓޭޑިއަމް ބަންދުކުރީ ޖަރުމަންގެ މިއުނިކް ހިމެނޭ ބަވޭރިއާ ސްޓޭޓުގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވާން ފެށުމުންނެވެ.

ބަވޭރިއާ ސްޓޭޓުގެ މިނިސްޓަރު މާކަސް ސޯޑާ ވިދާޅުވީ މީގެ ހަފްތާއެއް ކުރިން މިފަދަ ނިންމުމެއް ނިންމަން ރާވަމުން ދިޔަ ކަމަށެވެ. ޖަރުމަން ބުންޑެސްލިގާ މެޗުތަކަށް ވެސް ދަނޑަށް ސަޕޯޓަރުން ވަންނަ މިންވަރު ކޮންޓްރޯލް ކުރަން ވަނީ ނިންމައިފަ އެވެ.

ބެޔާން ވަނީ އެ ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައިގައި މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. ގުރޫޕުގެ ފަހު މެޗުގައި، ދެވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު، މި ދެ ޓީމު ސްޕެއިންގައި ކުޅުނު މެޗު ފަސޭހަ ކަމާއެކު 3-0 އިން ކާމިޔާބުކުރީ ބެޔާން އެވެ. ދެވަނަ ބުރަށް ކޮލިފައި ވާން ފަހު މެޗުގައި ބެޔާން މިއުނިކް ބަލި ކުރަން މަޖުބޫރެވެ.

ބާސެލޯނާ މޮޅުވެގެން ނޫން އިތުރު ނަތީޖާއަކުން ދެވަނަ ބުރަށް ދާނީ ބެންފީކާ އާއި ޑައިނަމޯ ކިއޭވް ކުޅޭ މެޗުން ބެންފީކާ މޮޅު ނުވެއްޖެ ނަމަ އެވެ. ބާސެލޯނާ އާއި ބެޔާން މެޗު އެއްވަރުވެ، ބެންފީކާ މޮޅުވެގެން ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރު ވިޔަސް ކުރި ލިބޭނީ ބެންފީކާ އަށެވެ. ބެންފީކާ އާއި ބާސެލޯނާ ކުޅުނު ދެ މެޗުގެ ތެރެއިން ޕޯޗުގަލްގައި ކުޅުނު މެޗު ބެންފީކާ ކާމިޔާބު ކުރިއިރު ސްޕެއިންގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ގުރޫޕުގެ ދެވަނައިގައި ބާސެލޯނާ އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ބެންފީކާ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ތިންވަނައިގައި ގުރޫޕް ސްޓޭޖް ނިންމާލަން ޖެހިއްޖެ ނަމަ އެ ޓީމު ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. އެންމެ ފަހުން އެ ޓީމު ޔޫރޮޕާ ލީގުގައި ކުޅުނީ 2000-2001 ގެ ސީޒަނުގަ އެވެ. އެ ސީޒަނުގައި އޭސީ މިލާނާއި ލީޑްސް ޔުނައިޓެޑް ފަހަތުން ގުރޫޕްގެ ތިންވަނައިގައި ނިންމުމުން ކުޅުނީ އޭރުގެ ޔޫއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ގަ އެވެ. ޔޫއެފާ ކަޕުގެ ސެމީ ފައިނަލުން ކެޓީ އެފަހަރު ޗެމްޕިއަންކަން ހޯދި ލިވަޕޫލް އަތުން ބަލިވެގެންނެވެ.

އެންމެ ފަހުން ބާސެލޯނާ، ބެޔާން މިއުނިކުގެ އެލިއެންޒް އެރީނާގައި ކުޅުނީ 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގަ އެވެ. އެ މެޗުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. ނަމަވެސް ފުރަތަމަ ލެގުގެ ނަތީޖާއިން ބާސެލޯނާ ވަނީ ފައިނަލަށް ގޮސް، މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޯން ޔޫރަޕުގައި ހަލުވި ކަމާއެކު ފެތުރެމުން ދާއިރު، މެންޗެސްޓާ ޔުނައިޓެޑުން އަންނަ ހަފްތާގެ ޗެމްޕިއަންސް ލީގުގައި ސްވިޒަލޭންޑުގެ ޔަންގް ބޯއީޒް އާ ދެކޮޅަށް އިންގްލެންޑުގައި ކުޅެން ތާވަލް ކޮށްފައިވާ މެޗު ވެސް އިންގްލެންޑުގައި ކުޅެވޭނެ ކަމާ މެދު ވެސް ޔަގީނެއް ނޫނެވެ. އެއީ، ޔޫކޭ އިން ސްވިޒަލެންޑަށް ދަތުރުކުރާ ކޮންމެ މީހަކު 10 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭތީ އެވެ.