Roadha Mihaaru
10 މަސް ފަހުން ޗެމްޕިއަންސް ލީގުގައި ބާސާއަށް މޮޅެއް

10 މަހަށް ފަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ މޮޅެއް ހޯދައިފި

21 އޮކްޓޯބަރ 2021

ބާސެލޯނާ (އޮކްޓޯބަރު 21) - ކޭމްޕް ނޫގައި ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް 1-0 އިން ބަލިކޮށް، 10 މަހަށް ފަހު ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗަކުން ރޭ މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޮކްޓޯބަރު 21) - ކޭމްޕް ނޫގައި ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް 1-0 އިން ބަލިކޮށް، 10 މަހަށް ފަހު ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗަކުން ރޭ މޮޅުވެއްޖެ އެވެ.

ގުރޫޕް ޖީގައި ބާސެލޯނާ މި ސީޒަނުގައި ކުޅުނު ދެ މެޗުން ވެސް 3-0 އިން ބަލިވެފައިވާއިރު، ދެ މެޗުގައި އެޓީމަށް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. އެޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގު މެޗަކުން މޮޅުވީ މިދިޔަ ސީޒަނުގެ ގުރޫޕް ސްޓޭޖުގައި، ޑިސެމްބަރު މަހު ހަންގޭރީގެ ފެރެންކްވާރޯސް އަތުންނެވެ. ދެވަނަ ބުރުގައި ޕީއެސްޖީއާ ވާދަކޮށް މުބާރާތުން ކެޓީ، ކުޅުނު ދެ ލެގުން ވެސް މޮޅެއް ނުހޯދި އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު 36 ވަނަ މިނިޓުގައި ޖަހައިދިނީ 34 އަހަރުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. ޕީކޭ މި ލަނޑު ޖެހީ ޖޯޑީ އަލްބާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މީގެ އިތުރުން ވެސް ސާޖީނޯ ޑެސްޓާއި އަންސޫ ފާޓީ އަދި ފިލިޕޭ ކުޓީނިއޯ އަށް ވަނީ މެޗުގައި ބާސެލޯނާގެ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި، ނާކާމިޔާބުވެފަ އެވެ.

ސާނޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފައި. -- ފޮޓޯ: އޭއެފްޕީ

ސާނޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފައި. -- ފޮޓޯ: އޭއެފްޕީ

ސާޖިއޯ އަގުއެރޯ ވެސް ވަނީ މެޗުގެ ފަހު 15 މިނިޓަށް ކުޅެން އަރުވާފަ އެވެ. އަގުއެރޯ އަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ދުރުން ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ކިއޭވްގެ ޑިފެންޑަރެކެވެ.

މި ގުރޫޕުގައި ހިމެނޭ ބެންފީކާ އާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗް ނިމުނީ 4-0 އިން ބެޔާން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގައި ބެޔާނުން ޖެހި ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ފަހު 20 މިނިޓުތެރޭގަ އެވެ. މެޗުގެ 70 ވަނަ މިނނިޓުގައި ފުރަތަމަ ލަނޑު ލެރޯއީ ސާނޭ ކާމިޔާބު ކުރިއިރު އޭގެ 10 މިނިޓު ފަހުން ޖެހި ދެވަނަ ލަނޑަކީ ބެންފީކާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބެޔާންގެ ތިންވަނަ ލަނޑު 82 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކޮށްދިންއިރު، އޭގެ ދެ މިނިޓު ފަހުން ހަތަރުވަނަ ލަނޑު ޖެހީ، ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސާނޭ އެވެ.

މި ނަތީޖާއާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ބެޔާން އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ބެންފީކާ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އަދި ބާސެލޯނާ ވަނީ ތިން ޕޮއިންޓާ އެކު ޓޭބަލްގެ ތިންވަނައަށް ޖެހިލައިފަ އެވެ. އެއް ޕޮއިންޓާ އެކު ފުލުގައި އޮތީ ޑައިނަމޯ ކިއޭވް އެވެ.