Roadha Mihaaru
ބަރެސްދޫ: ދުބާއީގެ "ޕާމް އައިލެންޑް" ކޮންސެޕްޓަށް

ބަރެސްދޫގެ ޑިޒައިން ބަދަލުކޮށް، ދުބާއީގެ "ޕާމް އައިލެންޑް" ކޮންސެޕްޓަށް

06 ޑިސެމްބަރ 2021

ލ. ބަރެސްދޫގައި ތަފާތު ކޮންސެޕްޓަކަށް ޓޫރިޒަމްގެ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ބަރެސްދޫގެ ޑިޒައިން އޭރު ދެއްކުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނުގައި ގެސްޓްހައުސް އަޅަން ބުކިން ފީ ވެސް ދައްކައިފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އެ ރަށުގެ މަސައްކަތަށް ނެގި ފައިސާ އަށް ވީނުވީއެއް ނޭނގި، މުޅި ޕްރޮޖެކްޓް ބޮޑު ހައިޖާނު ގަނޑަކަށްވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލ. ބަރެސްދޫގައި ތަފާތު ކޮންސެޕްޓަކަށް ޓޫރިޒަމްގެ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ބަރެސްދޫގެ ޑިޒައިން އޭރު ދެއްކުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނުގައި ގެސްޓްހައުސް އަޅަން ބުކިން ފީ ވެސް ދައްކައިފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އެ ރަށުގެ މަސައްކަތަށް ނެގި ފައިސާ އަށް ވީނުވީއެއް ނޭނގި، މުޅި ޕްރޮޖެކްޓް ބޮޑު ހައިޖާނު ގަނޑަކަށްވި އެވެ.

އެމްއައިޓީޑީސީން ވަނީ ބަރެސްދޫ ޕްރޮޖެކްޓްގެ މުޅި ޑިޒައިން ބަދަލުކޮށްލައި މުޅިން އާ ފެށުމަކުން އެ މަސައްކަތް ފަށައިފަ އެވެ.

އާ ޑިޒައިންގެ ދަށުން ބަރެސްދޫގައި 683 އެނދު ތަރައްގީ ކުރާނެ އެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަރެސްދޫގައި ހަދަނީ ކުރިން ޑިޒައިން ކުރި ކުދި ކުދި ގެސްޓްހައުސްތަކުގެ ބަދަލުގައި ބޭރުގެ މަަހުޖަހުންނަށް ބިން ދިގު މުއްދަތަށް ދެވޭނެ ފަދަ ގޮތަކަށް ވިލާތައް ވެސް ހިމެނޭ ގޮތަށެވެ.

ބަރެސްދޫގެ އާ ޑިޒައިންގައި ރަށުގައި ތަފާތު ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ހިންގަން ސަރަހައްދުތައް ކަނޑައަޅާފައިވޭ-- ފޮޓޯ: އެމްއައިޓީޑީސީ

ބަރެސްދޫގެ އާ ޑިޒައިންގައި ރަށުގައި ތަފާތު ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ހިންގަން ސަރަހައްދުތައް ކަނޑައަޅާފައިވޭ-- ފޮޓޯ: އެމްއައިޓީޑީސީ

300 އެނދުގެ ހޮޓާ، ދެއް ވިއްކާނީ ވިލާ

އެ ރަށުގައި ބޮޑު ތިން ހޮޓާ ހަދާނެ އެވެ. ހޮޓާތައް ހުންނަނީ ރަށުގެ އެއް ފަޅީގެ ތިން ސަރަހައްދެއްގަ އެވެ. ދެން ބާކީ ހުންނާނީ ދިގު މުއްދަތަކަށް ކުއްޔަށް ދޭ ވިލާތަކެވެ. އެތަންތަން ދޫކުރަނީ ޓޫރިޒަމަށް ދޫކުރާ އެހެން ރަށްތަކޭ އެއްގޮތަށް 99 އަހަރަށެވެ.

"މިހާރު މިސާލަކަށް ވިލާ ކްލަސްޓާތައް ވަން، ޓޫ، ތްރީ، އަށް މިހުންނަނީ. ވޯޓާ ވިލާތައް ވެސް ހުންނާނެ،" އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫން ވިލާތައް ވިއްކާނީ ދުނިޔޭގެ އެކި ގައުމުތަކުގެ މަހުޖަނުންނަށެވެ. އޭގެ ތެރޭގައި ހަ ކޮޓަރި، ތިން ކޮޓަރި އަދި ދެ ކޮޓަރީގެ ވިލާތައް ހިމެނެ އެވެ. މޫދުގައި އަޅާ ވިލާތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ވޯޓާ ވިލާތައް ރަށުގެ ދެ ސަރަހައްދެއްގައި އެޅުމަށް ވަނީ ރާވައިފަ އެވެ.

އެ ރަށުގައި ހަދާ ހޮޓާ އަދި ވިލާތަކުގެ އިތުރުން ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ލ.ބަރެސްދޫ މާސްޓާ ޕްލޭން. ރަށުގައި ކޮމާޝަލް އޭރިއާތަކެއް ވެސް ކަނޑައަޅާފައިވޭ--ފޮޓޯ:އެމްއައިޓީޑީސީ

ލ.ބަރެސްދޫ މާސްޓާ ޕްލޭން. ރަށުގައި ކޮމާޝަލް އޭރިއާތަކެއް ވެސް ކަނޑައަޅާފައިވޭ--ފޮޓޯ:އެމްއައިޓީޑީސީ

ގާތްގަނޑަކަށް 72 ހެކްޓަރުގެ ރަށުގެ އެއްފަޅި އެއްކޮށް ހާއްސަކޮށްފައި ވަނީ ގޮލްފް ދަނޑަކަށެވެ.

ބަރެސްދޫގައި ދެން ހުންނާނީ ކޮމާޝަލް އޭރިއާތަކެވެ. އެތަނަށް ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތައް އަންނާނެ ކަމަށް އެމްއައިޓީޑީސީން އުންމީދު ކުރެއެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތައް ތަރައްގީ ކުރަން ގާތްގަނޑަކަށް 20 ސަރަހައްދު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ބޮޑު ޝޮޕިން ކޮމްޕްލެކްސްއެއް ވެސް ހިމެނެ އެވެ.

ރަށުގައި މަލްޓި ޕާޕަސް ހޯލަކާއި ހެލްތު ފެސިލިޓީ އޭރިއަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ބިލްޑިންގެއް ވެސް ހުންނާނެ އެވެ. ރާއިދު ވިދާޅުވީ، ރާއްޖޭގައި އެންމެ ބޮޑު ޓޫރިސްޓް ރަށުގެ ގޮތުގައި ބަރެސްދޫ ތަރައްގީ ކުރާ އިރު ރަށުގައި ޕޮލިސް ސެކިއުރިޓީ ވެސް ގާއިމް ކުރަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.

ގޮލްފް ދަނޑަށް ހާއްސަ ސަރަހައްދު: އެ ރަށުގެ އެއްފަޅި އެއްކޮށް ހާއްސަކޮށްފައި ވަނީ ގޮލްފް ދަނޑަށް--ފޮޓޯ: އެމްއައިޓީޑީސީ

ގޮލްފް ދަނޑަށް ހާއްސަ ސަރަހައްދު: އެ ރަށުގެ އެއްފަޅި އެއްކޮށް ހާއްސަކޮށްފައި ވަނީ ގޮލްފް ދަނޑަށް--ފޮޓޯ: އެމްއައިޓީޑީސީ

މީގެ އިތުރުން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ވެސް އެ ރަށުގައި އޮންނާނެ އެވެ. އެހެންވެ ގޮލްފް ދަނޑުގެ އިތުރަށް ތަފާތު އެކި ކުޅިވަރުތަކަށް ހާއްސަ ހަތަރު ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ.

ރާއިދު ވިދާޅުވީ، ތަނުގެ ޑިޒައިން ނިމިފައިވާ އިރު ވަކިވަކި ވިލާތަކުގެ އަގުތައް ކަނޑައަޅާނީ ތަން ތަރައްގީ ކުރާ ފަރާތުންނެވެ. މި ޑިޒައިނަށް ތަން ތަރައްގީކޮށް ނިންމާލުމަކީ ރާއިދުގެ އެންމެ ބޮޑު އަމާޒެވެ.

"ތަފާތު ޓޫރިޒަމަކަށް ރާއްޖެ ދާންވެފައި މިއޮތީ. މިތަން ތަރައްގީ ކުރަނީ ދުބާއީ ޕާމް އައިލެންޑްގެ ކޮންސެޕްޓަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ އަވަހަށް ފެށިއްޖެއްޔާ،" އޭނާ ވިދާޅުވި އެވެ.

އެންމެ ލަގްޒަރީ އަދި މިޑް ރޭންޖްގެ ވިލާތައް ހިމެނޭ އެރަށް ތަރައްގީކޮށް ނިމޭ އިރު ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއް ވެސް ހުންނާނީ ތާރު އަޅައި، ރަނގަޅު ފެންވަރަށް ހެދިފަ އެވެ.

"މިއީ އެންމެންނަށް ވެސް އެފޯޑަބަލް ތަނަކަށް ހަދަން ބޭނުންވަނީ. ބޭނުންވަނީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އުޅެވޭ ތަނަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި ވޯޓާ ވިލާތައް އަޅާ އެއް ސަރަހައްދު: ވޯޓާ ވިލާތަކުގައި ދެ ރޫމް ހުންނާނެ. މިއީ ވެސް ދިގު މުއްދަތައް ވިއްކާ ރަށްތައް-- ފޮޓޯ: އެމްއައިޓީޑީސީ

އެ ރަށުގައި ވޯޓާ ވިލާތައް އަޅާ އެއް ސަރަހައްދު: ވޯޓާ ވިލާތަކުގައި ދެ ރޫމް ހުންނާނެ. މިއީ ވެސް ދިގު މުއްދަތައް ވިއްކާ ރަށްތައް-- ފޮޓޯ: އެމްއައިޓީޑީސީ

އޭނާ ވިދާޅުވީ، ގަބޫލުކުރައްވަނީ އެތަނަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތައް ވެސް އަންނާނެ ކަމަށެވެ. އަދި އެތަނުގެ ވިލާތަކަށް ދިގު މުއްދަތަށް އަންނަ ޓޫރިސްޓުންނަށް ވެސް ފޫހިނުވެ، ޗުއްޓީ ހޭދަކުރެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިނގާ ރަށަކަށް ބަރެސްދޫ ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ، އެމްއައިޓީޑީސީ އަށް ގިނަ ހުށަހެޅުންތަކެއް ލިބޭ ކަމަށެވެ. އެކަމަކު ބަރެސްދޫގެ ޕްރޮޖެކްޓް އެހާ ބޮޑަށް ލަސްވެފައި ވާތީ ދެން އެ ޕްރޮޖެކްޓް ހަވާލު ކުރާނީ އެތަން އެދޭނެ ގާބިލްކަން ހުރި ކުންފުންޏަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މަސައްކަތް ފެށުމެވެ.

"މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަނީ އިޓަލީ އިންޑިއާ ޗައިނާ. އަޅުގަނޑުމެން ހަވާލެއް ނުކުރާނަން މިކަން ނުވާ ވަރުގެ ބަޔަކާ،" އޭނާ ވިދާޅުވި އެވެ.

ކުރިން ބަރެސްދޫ ތަރައްގީ ކުރަން ޕްލޭން ކޮށްފައިވަނީ 3،000 އެނދުގެ ގެސްޓްހައުސް އާއި ހޮޓާތައް ހިމެނޭ ގޮތަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު މަދުކޮށް، މުޅި ތަނުގެ ޑިޒައިން ވަނީ ބަދަލުކޮށްފަ އެވެ. އާ ޑިޒައިނަކާ އެކު ބަރެސްދޫގައި އަމަލީ ސިފަ ޖެހޭނެ ކަމުގެ އުންމީދުތައް އަނެއްކާ ވެސް ވަނީ އާވެފަ އެވެ.