Roadha Mihaaru

އަހަރުގެ މިހާތަނަށް ޓޫރިސްޓުންގެ އާ ރެކޯޑެއް

މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން ގެނެސްގެން ގާއިމުކުރި ރެކޯޑު މުގުރާލައި، އާ ރެކޯޑެއް ގާއިމުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހަރުގެ މިހާތަނަށް ޓޫރިސްޓުންގެ އާ ރެކޯޑެއް

މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން ގެނެސްގެން ގާއިމުކުރި ރެކޯޑު މުގުރާލައި، އާ ރެކޯޑެއް ގާއިމުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު، ރާއްޖެ އަށް ޒިޔާރަތްކުރި 2،046،615 ޓޫރިސްޓުންނަކީ، ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ދެ މިލިއަން ޓޫރިސްޓުންގެ އަދަދު ހުރަސްކުރި ފުރަތަމަ ފަހަރެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހާ ހަމައަށް 2،080،134 ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، މިދިޔަ އަހަރު ރެކޯޑު މިހާރު ވެސް ވަނީ މުގުރާލައިފަ އެވެ.

މިދިޔަ އަހަރު ރެކޯޑު ހެދުމަށް ފަހު، މި އަހަރަށް ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކަނޑައެޅިއިރު، އެ އަމާޒު ވަނީ 2.2 މިލިއަނަށް ދަށްކޮށްފަ އެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހު، ރާއްޖެ އަށް ދުވާލަކު އެވަރެޖުކޮށް 6،453 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.

އަހަރުގެ ބާކީ އޮތް 22 ދުވަހަށް އެ އެވްރެޖު ހިފެހެއްޓޭނެ ކަމަށް ބެލެވޭއިރު، މި މަހުގެ ނިޔަލަށް 2.2 މިލިއަން ޓޫރިސްޓުން ފަސޭހަކަމާ އެކު ހާސިލު ކުރެވޭނެ އެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން، މި އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އަހަރުގެ މިހާތަނަށް 318،032 ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިޔާ އިން 260،416 ޓޫރިސްޓުން އައިސްފައިވާއިރު، ތިންވަނައިގައި އިނގިރޭސި ވިލާތް އޮތީ، 186،762 ޓޫރިސްޓުންނާއެކު އެވެ.