Roadha Mihaaru
ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑް!

ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑް ކޮށްފި!

08 ޑިސެމްބަރ 2021

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑްކޮށްފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ، ސަސްޕެންޑްކުރީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދާފައި ނުވާ ލޯކަލް ކައުންސިލްތަކެއްގެ ބިޑް ކޮމިޓީތައް ކަމަށެވެ. މި މުއްދަތުގައި ބިޑް ކޮމިޓީތަކަށް އެއްވެސް ޕްރޮޖެކްޓެއް އެވޯޑު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ކޮމިޓީތައް ޖެހޭނީ އޮންނަ އުސޫލްގެ ތެރެއިން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަ ހޯދަން،" ޝަނޫން ވިދާޅުވި އެވެ.

ދައުލަތުގެ އެކި އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ގޮތުން އައްޔަންކުރާ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް ނުތިބެވޭނެ ކަމަށް މާލިއްޔަތު ގަވާއިދުގެ 10.13 ވަނަ މާއްދާއާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ވަނީ ނިންމައިފަ އެވެ.

މި ނިންމުމާ ހަވާލާދެއްވައި ސެޕްޓެމްބަރު، 9، 2021 ގައި މިނިސްޓަރު އިބްރާހިމް އަމީރު ނެރުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމަށްް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެކުލަވާލާފައިވާ ބިޑް ކޮމިޓީތަކަކީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީން ހުއްދަ ދީފައިވާ ކޮމިޓީތަކަކަށް ވާން ޖެހޭ ކަމަށެވެ. އެ ހުއްދަ ނުދޭ ތިބި ބިޑް ކޮމިޓީތަކުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ވެސް އެދިވަޑައިގެންފައިވެ އެވެ.

ބިޑް ކޮމިޓީތަކުގައި ސިޔާސީ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަށް ނުތިބެވޭނެ ގޮތަށް ހަމަޖެއްސީ ބީލަންތަކަށް ނުފޫޒު ފޯރުވުމުގެ ޖާގަ ނުދީ، މިނިވަންކޮށް ގެންދަން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި ބަދަލު ގެނައީ ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގެ ތެރެއަށް ހިޔާނާތް ވަދެ މައްސަލަ ބޮޑުވުމުންނެވެ. އެ ކޮމިޓީގައި ގިނައިން ސިޔާސީ ބޭފުޅުން ތިއްބައި އަމަލުކުރެއްވީ މާލިއްޔަތު ގަވާއިދަށް ނުބަލައި އިސްވެރިން އަންގާ ގޮތަކަށް ކަމަށް ތަހުގީގާއި އޮޑިޓް ރިޕޯޓުން އޮތީ ފެންނާށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި، "ޗީފް އެކައުންޓްސް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މަގާމެއް ވެސް މިހާރު އުފައްދައިފަ އެވެ.

ބިޑް ކޮމިޓީތަކާ މެދު ފިޔަވަޅު އަޅަން ފެށިއިރު، މަޝްރޫއުތައް ހިންގަން ހަވާލުވެ އެއްބަސްވެފައި އޮންނަ ތާރީހަށް ނުނިންމާ ކުންފުނިތައް ވެސް ފިނޭންސް މިނިސްޓްރީން އަންނަނީ ސަސްޕެންޑް ކުރަމުންނެވެ. މި ފަހުން ދެ ކުންފުންޏެއް ސަސްޕެންޑްކޮށް، ވެބްސައިޓުގައި އާއްމުކޮށްފައިވެ އެވެ.