Roadha Mihaaru
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"

މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ: އަމީރު

10 ނޮވެމްބަރ 2021

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި ނަގާފައިވަނީ 34 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި ނަގާފައިވަނީ 34 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ދަރަނީގެ މައުލޫމާތު ރެކޯޑު ކުރަނީ، އެ ދަރަނީގެ އަދަދުތައް ލިބޭ ހިސާބުން ކަމަށެވެ. ބައެއް ލޯނުތައް މާލީ އިދާރާތަކުން ދޫކުރަނީ އެކި ބައިތަކަށް ބަހާލައިގެން، އެ މަޝްރޫއަކަށް ބޭނުންވާ ވަރަކުންނެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ނެގި ދަރަނި ކުރީގެ ސަރުކާރަށް ވުރެ އިތުރު ނުވާ ކަމަށެވެ.

މި ސަރުކާރުން ނެގި ދަރަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މަދުވާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ނެގީ ވެސް ޔާމީން ސަރުކާރުން ކަމަށެވެ. އެ ސަރުކާރުން ނެގި ދަރަނީގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ޖުމުލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާ. ރައީސް ވަހީދުގެ ސަރުކާރުގައި 6.2 ބިލިއަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުމުލަކޮށް ރެކޯޑް ކުރެވިފައި އެބައޮތް 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސަރުކާރުގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ޑެޓް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި، މުޅި ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ކާރިސާއާއެކު ވެސް ދަރަނި ހުރީ 34 ބިލިއަން ރުފިޔާގަ އެވެ. މި އަަަދަދުގެ ތެރެއިން ސަރުކާރުން ގެރެންޓީ ދީގެން އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އެމްއެމްއޭ އިން ދެއްކުމުން ދަރަނި 30 ބިލިއަނަށް ކުޑަ ވާނެ މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ޖުމުލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާ. ރައީސް ވަހީދުގެ ސަރުކާރުގައި 6.2 ބިލިއަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުމުލަކޮށް ރެކޯޑް ކުރެވިފައި އެބައޮތް 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސަރުކާރުގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ޑެޓް،" ---އަމީރު

ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު، އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ އަށް ދަރަނި އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގަ އެވެ.

ޔާމިންގެ ސަރުކާރު ނިމުނު އިރު 2018 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 59 ޕަސެންޓެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ދައުލަތުގެ ދަރަނި 79.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 103.5 ޕަސެންޓެވެ. އަންނަ އަހަރަށް ދައުލަތުގެ ދަރަނި 91.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.