Roadha Mihaaru
ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭ ގޮތް ހަދަނީ

ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭ ގޮތް ހަދަނީ

11 ޑިސެމްބަރ 2021

ފްލޮރިޑާގައި މިހާރު ކްރިޕްޓޯކަރަންސީ ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނާތީ އަންނަ އަހަރުގެ ތެރޭގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމުގެ އިޝާރާތެއް އެތަނުގެ ގަވަރުނަރު ރޮން ޑިސެންޓިސް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފްލޮރިޑާގައި މިހާރު ކްރިޕްޓޯކަރަންސީ ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނާތީ އަންނަ އަހަރުގެ ތެރޭގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމުގެ އިޝާރާތެއް އެތަނުގެ ގަވަރުނަރު ރޮން ޑިސެންޓިސް ދެއްވައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ބުރާސްފަތި ދުވަހު ޓަލާހާޒީގައި ވާހަކަ ދައްކަމުން ގަވަރުނަރު ވިދާޅުވީ ފްލޮރިޑާގައި ކްރިޕްޓޯ އިން އިންވެސްޓްކުރާ މީހުންނާއި އެ ބޭނުންކުރާ މީހުން ވެސް ވަރަށް ބޮޑަށް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

އެހެންވެ އަންނަ އަހަރަށް އެކުލަވާލާ ބަޖެޓްގައި ކްރިޕްޓޯ އިން ޓެކްސް ދެއްކުމާ ގުޅުން ހުރި ކަންކަމަށް 200،000 ޑޮލަރުގެ ބަޖެޓެއް ހަމަޖައްސަން ބޭނުންވާ ކަމަށް ގަވަނަރު ވިދާޅުވި އެވެ.

"ސްޓޭޓް ސަރުކާރެއްގެ ހައިސިއްޔަތުން އަހަރެމެންނަކީ ކްރިޕްޓޯ އަށް އަބަދުވެސް މަރުހަބާ ކިޔާނެ ބައެެއް. ކްރިޕްޓޯއާ ވަރަށް ރައްޓެހި ތަނަކަށް ފްލޮރިޑާ އަބަދުވެސް ވާނީ." ޑިސެންޓިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ޕްލޭން ކޮށްފައި އޮތް އަނެއް ކަމަކީ މެޑިކައިޑް ޕޭމަންޓްތަކުގައި ވެސް ބްލޮކްޗެއިން ޓެކްނޮލޮޖީ (ކްރިޕްޓޯކަރަންސީ) އާ ގުޅޭ ޕައިލެޓް ޕްރޮގްރާމެއް ފެށުމެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓްގައި 500،000 ޑޮލަރު ކަނޑައަޅަން ނިންމާފައިވެ އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ފްލޮރިޑާގައި ކްރިޕްޓޯ އިން ފުޅާކޮށް މާލީ މުއާމަލާތްތައް ކުރެވޭ ގޮތްވުމަކީ އިގުތިސާދީ ގޮތުން ކުުރިއެރުންތައް އަންނާނެ ކަމެކެވެ.

"މީގެ ސަބަބުން ވިޔަފާވެރިން، އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ވާނެ." އޭނާ ވިދާޅުވި އެވެ.

ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ބަލައިގަންނަން ތައްޔާރުވާ އިރު، އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަން ތައާރަފުކުރި ތަނަކީ އޮހައިއޯ އެވެ. އެއީ 2018 ގަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު ކަމާ ގުޅުން ހުރި އިދާރާތަކުގެ އެންގުމަށް އެކަން ޖެހުނީ ހުއްޓާލާށެވެ.