Roadha Mihaaru
ޓިގްރޭ ހަނގުރާމަވެރިން ތަރިކައިގެ ސަރަހައްދު ހިފައިފި

ހަނގުރާމަވެރިން އިތިއޮޕިއާގެ ތަރިކައިގެ ސަރަހައްދު ހިފައިފި

13 ޑިސެމްބަރ 2021

އިތިއޮޕިއާގެ އުތުރުގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިން، އެ ގައުމުގައި ޔުނެސްކޯ އިން ކަނޑައަޅާފައިވާ ތަރިކައިގެ ސަރަހައްދު އިއްޔެ ހިފައިފި އެވެ.

އިތިއޮޕިއާގެ އުތުރުގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިން، އެ ގައުމުގައި ޔުނެސްކޯ އިން ކަނޑައަޅާފައިވާ ތަރިކައިގެ ސަރަހައްދު އިއްޔެ ހިފައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ލަލިބޭލާ ސަރަހައްދަށް، ޓިގްރޭގެ ހަނގުރާމަވެރިން ވެރިވެގަތީ އެއްވެސް ވަރަކަށް ހަމަލާ ބަދަލުކުރުމެއް ނެތި އެވެ. ވަރަށް އިހު ޒަމާނުގެ ފައްޅިތަކާއި ގަދީމީ އާސާރުތައް ހިމެނޭ އެ ސަރަހައްދަށް، ޓިގްރޭގެ ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެރިވެގަތީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ނަމަވެސް އިތިއޮޕިއާ ސަރުކާރުގެ ސިފައިން، މީގެ 11 ދުވަސް ކުރިން އެ ސަރަހައްދުގައި ކުރި ވަރުގަދަ ހަނގުރާމައިގައި، ޓިގްރޭގެ ހަނގުރާމަވެރިން ބަލިކޮށް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް އެ ސަރަހައްދު ގެންދިޔަ އެވެ.

ޓިގްރޭގެ ހަނގުރާމަވެރިން އުތުރުން ފެށިގެން އިތިއޮޕިއާގެ މެދުތެރޭއާ ހަމައަށް އަތް ގަދަކުރަމުން އައިސް، ވެރިރަށް އެޑިސްއަބާބާއާ ކައިރިވާން ފެށުމާ ގުޅިގެން، ބޮޑުވަޒީރު އަބީ އަހްމަދު ވަނީ ހަނގުރާމައިގެ މައިދާނަށް ވަޑައިގެން ސިފައިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފަ އެވެ. ބޮޑުވަޒީރު އަބީ، ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގަތުމާ ގުޅިގެން، ސަރުކާރު ސިފައިން އަންނަނީ ޓިގްރޭގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިއެރުންތައް ހޯދަމުންނެވެ.

އިތިއޮޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިން އެ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ފެށުމާ ގުޅިގެން، ޓިގްރޭގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފަ އެވެ. އިތިއޮޕިއާގެ މަރުކަޒީ ސަރުކާރާ ގުޅުން ކެނޑި، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތުމުން، އެ ސަރަހައްދަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނު އެ ސަރަހައްދަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އދ. އިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޓިގްރީގެ ނުވަ މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ ކާބޯތަކެއްޗަށް ޖެހިފަ އެވެ. ޓިގްރޭގެ އިތުރުން، އެ ގައުމުގެ އުތުރުގައި އޮންނަ އަމްހާރާ ސަރަހައްދާއި އަފާރް ސަރަހައްދުގެ ވެސް ވަރަށް ގިނަ ބަޔަކު މިހާރު ތިބީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބިފަ އެވެ.