Roadha Mihaaru
ނައިޖަރުން ފަރަންސޭސި ސިފައިން ބޭލުމަށް މަޝްވަރާކުރަނީ

ނައިޖަރުން ފަރަންސޭސި ސިފައިން ބޭލުމަށް މަޝްވަރާކުރަނީ

06 ސެޕްޓެމްބަރ 2023

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ގެނައި އަސްކަރީ އިންގިލާބަކުން ސިފައިންގެ ބާރުގެ ދަށަށް ވެރިކަން ގެންގޮސްފައިވާ ނައިޖަރުގައި ތިބި ފަރަންސޭސި ވިލާތުގެ ސިފައިން އެ ގައުމުން ބޭލުމާ ބެހޭ ގޮތުން ދެގައުމުގެ ސިފައިންގެ މެދުގައި މަޝްވަރާ ކުރަން ފަށައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ގެނައި އަސްކަރީ އިންގިލާބަކުން ސިފައިންގެ ބާރުގެ ދަށަށް ވެރިކަން ގެންގޮސްފައިވާ ނައިޖަރުގައި ތިބި ފަރަންސޭސި ވިލާތުގެ ސިފައިން އެ ގައުމުން ބޭލުމާ ބެހޭ ގޮތުން ދެގައުމުގެ ސިފައިންގެ މެދުގައި މަޝްވަރާ ކުރަން ފަށައިފި އެވެ.

މާލީ އާއި ސެނެގާލްގައި ކުރިން ހުންނެވި ފަރަންސޭސި ސަފީރު ނިކޮލަސް ނޯމަންޑް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށް ދަނީ ނައިޖަރުގެ އަސްކަރިއްޔާ އާއި ފަރަންސޭސި އަސްކަރިއްޔާއާ ދެމެދުގަ އެވެ. އަދި މި މަޝްވަރާތަކުގެ ބޭނުމަކީ ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން، އެއްބަސްވެވޭ ތާވަލަކާ އެއްގޮތަށް ނައިޖަރުން ބޭލުމުގެ ކަންތައް ހަމަޖެއްސުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނައިޖަރުގެ އަސްކަރީ ވެރިންނާ އެކުގައި ފަރަންސޭސި ވިލާތުން މަޝްވަރާ ކުރަނީ، ނައިޖަރުގައި މިހާރު އޮތް އަސްކަރީ ވެރިކަން ފަރަންސޭސި ސަރުކާރުން ގަބޫލުކުރާތީކީ ނޫނެވެ. އެހެން ނަމަވެސް، މަޝްވަރާގެ ބޭނުމަކީ، ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން ރައްކާތެރިކަމާއެކު އެ ގައުމުން ބޭލޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުލައި 26 ގައި ގެނައި އިންގިލާބަށް ފަހު ނައިޖަރުގައި އެކުލަވައިލި އަސްކަރީ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށް ފަރަންސޭސި ވިލާތުން ބުނުމާ ގުޅިގެން ނައިޖަރުން ވަނީ އެކަން ކުށްވެރިކޮށް، ނައިޖަރުގައި ހުންނެވި ފަރަންސޭސި ސަފީރު ފޮނުވާލައިފަ އެވެ. އިންގިލާބުގައި ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކޮށް ރިއާސީ ގަނޑުވަރުގައި ހައްޔަރުކޮށްފައި ހުންނެވި އިރު، ފަރަންސޭސި ވިލާތުން އަދިވެސް ގަބޫލުކުރަނީ ނައިޖަރުގެ ރައީސަކީ ބަޒޫމް ކަމަށެވެ.

ކުރިން ފަރަންސޭސި އިސްތިއުމާރީ ގައުމެއްގެ ގޮތުގައި އޮތް ނައިޖަރުގައި، ފަރަންސޭސި ވިލާތުގެ 1500 އަށް ވުރެ ގިނަ ސިފައިން މިހާރު ވެސް އެބަތިއްބެވެ. ފަރަންސޭސި ސިފައިން ނައިޖަރުގައި ތިބެނީ، އެފްރިކާގެ ސާހިލް ސަރަހައްދުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެ ސަރަހައްދުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން، އޮގަސްޓް 2014 ގައި ފެށި އަސްކަރީ ހަރަކާތެއްގެ ދަށުންނެވެ.

އެ އަސްކަރީ ހަރަކާތް 2022 ގައި ރަސްމީކޮށް ނިމިފައި ވިޔަސް، ސާހިލްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ނައިޖަރު ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ފަރަންސޭސި ސިފައިން ނައިޖަރުގައި މިހާތަނަށް ތިބީ، ރައީސް ބަޒޫމްގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

ނަމވެސް، ޖުލައި 26 ގައި ގެނައި އަސްކަރީ އިންގިލާބަށް ފަރަންސޭސި ވިލާތުން ދެކޮޅު ހެދުމުން، ނައިޖަރުގެ އަސްކަރިއްޔާ އިން ނިންމައި ފަރަންސޭސި ސަރުކާރަށް އަންގާފައިވަނީ، އެ ގައުމުގެ ހުރިހާ ސިފައިން ނައިޖަރުން ބޭލުމަށެވެ. އަސްކަރީ އިންގިލާބަކުން ވެރިކަން ވައްޓާލައި އަސްކަރީ ސަރުކާރެއް ގާއިމުކުރުމާ ގުޅިގެން، ވެރިރަށް ނިއާމޭގެ މަގުތަކަށް އާންމުން ނުކުމެ ސަރުކާރަށް ތާއީދުކޮށް، ފަރަންސޭސި ސިފައިން ބޭލުމަށް ގޮވާލައި ކުރާ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ.

އޭގެ އިތުރުން ނައިޖަރުގެ އަސްކަރީ ސަރުކާރުން ވަނީ އެ ގައުމާއި ފަރަންސޭސި ވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ އެއްބާރުލުމާ ބެހޭ އެއްބަސްވުންތަކަށް އަމަލުކުރުން، އޮގަސްޓް 3، 2023 ން ފެށިގެން ހުއްޓާލައިފަ އެވެ. އަދި ނައިޖަރުގައި ފަރަންސޭސި ސިފައިން ތިބުމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި، އެއް މަސްދުވަހުގެ ތެރޭގައި ފަރަންސޭސި ސިފައިން ބޭލުމަށް ނައިޖަރުން ވަނީ ފަރަންސޭސި ވިލާތަށް އަންގައިފަ އެވެ.

ނައިޖަރުގެ އަސްކަރީ ވެރިން ދިން މުހުލަތު މިދިޔަ އާދީއްތަ ދުވަހު ހަމަވުމާ ގުޅިގެން، ފަރަންސޭސި ސިފައިން ނައިޖަރުން ބޭލުމާ ބެހޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް ނައިޖަރު ސަރުކާރުން ހާމައެއް ނުކުރެ އެވެ.