Roadha Mihaaru
ހޫނު ފެންތަށި ބަންޑުންވެ ކުއްޖަކު ވަރަށްބޮޑަށް ފިހިިފައި

ހޫނު ފެންތައްޓެއް ބަންޑުންވެ ކުޑަ ކުއްޖަކު ވަރަށް ބޮޑަށް ފިހިފައި

15 ޑިސެމްބަރ 2021

މިދިޔަ މަހުގެ 28 ވަނަ ދުވަހު، އައިޝަތު ޝަރުފާ، ފެން އެއްޗެއް ހޫނުކޮށް މޭޒުމަތީގައި ބެހެއްޓީ ވަރަށް ބޮޑަށް ރޯގާ ޖެހިގެން އާވިއެރުވުމަށެވެ. އެކަމަކު ސިކުންތުކޮޅަކަށް ހޫނު ފެން އެއްޗާ ދުރަށް ޖެހިލި ވަގުތު އޭނާގެ އެއް އަހަރުގެ އައިރިން މުހައްމަދުގެ ގަޔަށް ހޫނު ފެން އެޅި ގައިގެ އެ ތަންމިތަން ވަނީ ފިހިފަ އެވެ. އެ ތަދުން އަދިވެސް ދަރިފުޅު ސަލާމަތް ނުވެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ މަހުގެ 28 ވަނަ ދުވަހު، އައިޝަތު ޝަރުފާ، ފެން އެއްޗެއް ހޫނުކޮށް މޭޒުމަތީގައި ބެހެއްޓީ ވަރަށް ބޮޑަށް ރޯގާ ޖެހިގެން އާވިއެރުވުމަށެވެ. އެކަމަކު ސިކުންތުކޮޅަކަށް ހޫނު ފެން އެއްޗާ ދުރަށް ޖެހިލި ވަގުތު އޭނާގެ އެއް އަހަރުގެ އައިރިން މުހައްމަދުގެ ގަޔަށް ހޫނު ފެން އެޅި ގައިގެ އެ ތަންމިތަން ވަނީ ފިހިފަ އެވެ. އެ ތަދުން އަދިވެސް ދަރިފުޅު ސަލާމަތް ނުވެ އެވެ.

ޝަރުފާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި ދަރިފުޅުގެ ގަޔަށް ހޫނު ފެން ތަށި ބަނޑުންވީ އެ ކުދިންނަށް ކާން ދޭން ތައްޔާރުވަމުން ގޮސް، ސިންކް ކައިރިއަށް ޖެހިލި ވަގުތު އެވެ.

"ތާޒާ ފެންފުޅިއެއް މެދުން ބުރިކޮށްލައިފައި އެއަށް ފެން އަޅައިފައި މޭޒުގެ މެދަކާ ހިސާބުގައި ބެހެއްޓީ. އޭރު ހަތް އަހަރުގެ ދަރިފުޅު މި އުޅެނީ އޭނާ ވެސް އާވި އަރުވަން ބޭނުމޭ ކިޔައިގެން އެއާ ބެހެން. މޭޒުގެ އެއްފަޅިއަކަށް ގެނެސްފަ އިނީ އެ ފުޅިބުރި،" ސ. ހުޅުދޫ އަށް އުފަން ނަމަވެސް މާލޭގައި މިހާރު އުޅޭ ޝަރުފާ ކިޔައިދިނެވެ.

ޝަރުފާ އަށް ފެނުނުއިރު އޭނާގެ ހަގު ދަރިފުޅު ގޮސް ހޫނު ފެން ތަށީގައި ހިފަނީ އެވެ. ދުވެފައި ގޮސް އޭތި އަތުލުމަށް މަސައްކަތް ކުރި ނަމަވެސް އޭރު ދަރިފުޅުގެ ގަޔަށް ފެން އެތި ބަންޑުން ވެއްޖެ އެވެ.

އޭނާ ބުނި ގޮތުގައި ކުއްޖާގެ ގަޔަށް ފެން އެޅުމާ އެކު ކުއްޖާގެ ހެދުން ބޭލި ނަމަވެސް ހެދުމާ އެކު ކުއްޖާގެ ހަންތައް ނެއްޓިގެން ދިޔަ އެވެ. އެހެންވެ ސައިކަލަކަށް އަރުވައިގެން އަވަހަށް ދިޔައީ އޭޑީކޭއަށެވެ.

އޭޑީކޭގެ އީއާރުގައި ކުއްޖާއަށް ފަރުވާދޭން ފެށި ނަމަވެސް މާގިނައިރުތަކެއް ނުވެ ކައިރި ކައިރީގައި ތިން ފަހަރަށް ކުއްޖާ ފިޓު ޖެހުނެވެ. ޑޮކްޓަރާ ހަވާލާދީ ޝަރުފާ ބުނީ ފިޓް ޖެހުނީ ތަދުބޮޑުވެ ކުއްޖާގެ ގައިގައި އަޅާ ވޭން ބޮޑުވެގެން ކަމަށެވެ.

"އޭޑީކޭގެ އީއާރުގައި ފަރުވާދެމުން އެ މީހުން ކުއްޖާގެ ގައިގައި ކްރީމް އުނގުޅި. ފަހުން ވަރަށް ގާތްގާތުގައި ތިން ފަހަރު ފިޓް ޖެހުނީމަ ހޭނައްތައިގެން ވެސް ފަރުވާދިން. ވަރަށް ވޭން އަޅާތީ ރޯވަރުން އެގޮތަށް ހެދީ،" ޝަރުފާ ބުންޏެވެ.

އައިރިން--

އައިރިން--

އައިރިންގެ ކޮނޑުން ފެށިގެން އުނަގަނޑާ ހަމައަށް ފިހިފައިވެ އެވެ. ކަންފަތާ ދިމާލުން ކޯކަށިގަނޑުން ފެށިގެން އަނގަ މައްޗާ ހަމައަށް ވެސް ހޫނު ފެން އެޅި ފިހުނެވެ. އޭޑީކޭގެ އީއާރުގައި ފަރުވާ ދިނުމަށް ފަހު އެޗްޑީޔޫ އިން ޕްރައިވެޓް ރޫމަކަށް ބަދަލުކުރީ ކުއްޖާގެ ހަށިގަނޑުގައި އިންފެކްޝަން އުފެދިދާނެތީ އެވެ. އެކަމަކު އެއްވެސް އެއްޗެއް ނުކެވި ކުއްޖާގެ ހާލު ދެރަވާހެން ހީވާތީ އާއިލާއިން ބޭނުންވީ ރަނގަޅު ފަރުވާއެއް ދެވޭނެ ތަނަކަށް ކުއްޖާ ގެންދާށެވެ.

"ދެވަނަ ދުވަހު އަޅުގަނޑުމެން ބުނެގެން ޓްރީޓޮޕަށް ބަދަލުވީ. އެކަމަކު އެތަނުން ބުނީ ކީއްވެހޭ އެތަނަށް އައީ. އައިޖީއެމްއެޗަށްދާށޭ. އެތަނުން ދެވޭނެ ފަރުވާއެއް ނެތޭ،" ޝަރުފާ ބުންޏެވެ.

ޓްރީޓޮޕުން އައިޖީއެމްއެޗަށް ކުއްޖާ ބަދަލުކުރީ ހާދިސާ ހިނގިތާ ތިންވަނަ އަށްވީ ދުވަހު އެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑުގައި ބޭއްވުމަށް ފަހު މިހާރު އައިރިންއަށް ފަރުވާދެނީ ޕްރައިވެޓް ރޫމެއްގައި ބާއްވައިގެންނެވެ.

ޝަރުފާ ބުނީ ކުއްޖާގެ ހާލު އަދިވެސް ރަނގަޅުނުވާ ކަމަށެވެ. ކުއްޖާއަށް ގިނަ އަދަދަކަށް އެންޓިބަޔޮޓިކް ވެސް ދެމުން އަންނައިރު އެ ކުއްޖާގެ އެއް އަތުން ހަރަކާތް ނުކުރެވޭތީ ޕިޒިއޮތެރަޕީ ދޭން ވެސް ވަނީ ފަށައިފަ އެވެ. އެ ހާދިސާ ހިނގި ދުވަހުން ފެށިގެން މިހާތަނަށް އޭނާގެ ގައިން ހުން ނުފިލާ ކަމަށް ވެސް ޝަރުފާ ބުންޏެވެ.

"ހުން މަޑުވެލައިފައި ވަރަށް ގަދަ އެބަވޭ ކުއްލިއަކަށް. ޓެސްޓުތަކުން ވެސް ދައްކާ ޗެސްޓާއި ޔޫރިން އަދި ބްލަޑުން ވެސް އިންފެކްޝަން. ފިހުނު ތަނުން ވެސް މިއަދު ސާމްޕަލް ނެގި އެތަނުގަ އިންފެކްޝަނެއް ހުރިތޯ ބަލަން،" ޝަރުފާ ބުންޏެވެ.

އާއިލާ އިން މަސައްކަތް ކުރަމުންދަނީ އައިރިން ގޮވައިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާ އަށް ފުރުމަށެވެ. އެކަމަކު ރާއްޖެއިން ލިބޭ ފަރުވާއަށް އާސަންދަ ނުލިބޭތީ އެންސްޕާގެ އެހީއަކަށް ވެސް އެދިފައިވާ ކަމަށާއި މިހާތަނަށް އެކަމާ ގުޅިގެން ވަކި އެއްޗެއް ނާންގާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން 28 އިން 2 އަކަށް އޭޑީކޭގެ ރޫމެއްގަ ތިބީމަ ވެސް އެބަ އަރައި 13،000 އެއްހާ ރުފިޔާ. އެ ފައިސާ އިން 11،000 ދައްކައިދޭނެ ކަމަށް އެންސްޕާ އިން ބުނެފަ އޮތީ. އަދި ބޭރަށް ދިއުމަށް އެހީ ލިބޭނެ ކަމަށް ނާންގާ."

އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނަމަ އެކައުންޓް ނަމްބަރަކީ: 7730000037388 (އައިޝަތު ޝަރުފާ/ކުއްޖާގެ މަންމަ)