20 ޑިސެމްބަރ 2021
މި ވީޑިއޯ ޔޫޓިއުބުން ފެންނަތާ އެތައް އަހަރެކެވެ. ދޯނިތަކެއްގައި އެތައް ބަޔަކު ގޮސް ބޯޓަކަށް އަރައި ހަލަބޮލިކޮށް އުޅޭ މަންޒަރު މި ފެންނަ ވީޑިއޯގައި ބުނަނީ މިއީ ދިވެހިރާއްޖޭގެ ކަނޑުފޭރޭ މީހުން ކަމަށެވެ؛ ޕައިރޭޓް އެޓޭކެކެވެ. އެކަމަކު ކުރިން ހީވެފައި އޮތީ މިއީ ދިވެހިރާއްޖެއާ ވައްތަރު ގޮތެއް ހުންނަ އެހެން ތަނެއްގައި ހިނގާފައިވާ ހާދިސާއެއް، ކޮންމެވެސް އޮޅުމެއްގެ ސަބަބުން ރާއްޖެ ކަމަށް ބުނެވިފައިި އޮތީ ކަމަށެވެ.
މި ވީޑިއޯ ޔޫޓިއުބުން ފެންނަތާ އެތައް އަހަރެކެވެ. ދޯނިތަކެއްގައި އެތައް ބަޔަކު ގޮސް ބޯޓަކަށް އަރައި ހަލަބޮލިކޮށް އުޅޭ މަންޒަރު މި ފެންނަ ވީޑިއޯގައި ބުނަނީ މިއީ ދިވެހިރާއްޖޭގެ ކަނޑުފޭރޭ މީހުން ކަމަށެވެ؛ ޕައިރޭޓް އެޓޭކެކެވެ. އެކަމަކު ކުރިން ހީވެފައި އޮތީ މިއީ ދިވެހިރާއްޖެއާ ވައްތަރު ގޮތެއް ހުންނަ އެހެން ތަނެއްގައި ހިނގާފައިވާ ހާދިސާއެއް، ކޮންމެވެސް އޮޅުމެއްގެ ސަބަބުން ރާއްޖެ ކަމަށް ބުނެވިފައިި އޮތީ ކަމަށެވެ.
އެކަމަކު އެއީ ދިވެހިރާއްޖެ އެވެ. މީގެ 42 އަހަރު ކުރީގެ މި ހާދިސާ ރަނގަޅަށް ހަނދާން ހުރި އެތައް ބަޔަކު އެބަތިއްބެވެ. މި ހާދިސާގެ ވާހަކަ ރާއްޖޭން ބޭރުގެ ނޫސްތަކުގައި ވެސް އެބަހުއްޓެވެ.
ފެންނަން ހުރި ލިޔުންތަކުން އެނގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 19، 1979 ގައި ރާއްޖޭގެ އެންމެ އުތުރުގަ އެވެ. ލިޔުންތަކުގައި ހުރި ގޮތުން ނަމަ އެމެރިކާގެ ބޯޓެއް ރާއްޖޭ ސަރަހައްދުގައި އޮއްވައި ފެނިގެން ދިވެހިންގެ ބަޔަކު ގޮސް އެޔަށް އަރައި އޭގެ ބަޔަކު ބަނދެ ދޯންޏަކަށް އަރުވައިގެން ގެންގޮސް ބޯޓު ވެސް ހިފެހެއްޓީ އެވެ. އަދި އޭގައި ހުރި އަގުބޮޑު މުދާތައް ވެސް ފޭރުނީ އެވެ. މިކަން މިހެން ހިނގި އެވެ. ގާތްގަނޑަކަށް 60،000 ޑޮލަރުގެ އެއްޗެހި ފޭރުނު ކަމަށް ވެ އެވެ. އެއީ އޭރަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
މިއީ އެމެރިކާގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަަހި) އަށް 10 މީހުންނާ އެކު ދަތުރުކުރި، ކަނޑުގެ ސާވޭކުރާ އެމެރިކާގެ އުޅަނދެއް ކަމަށްވާ "އެލީސް މަރޫ" އެވެ. މި ބޯޓު ދަތުރުކުރަނިކޮށް ފެބްރުއަރީ 17، 1979 ވީ ހޮނިހިރު ދުވަހު އިންޖީނަށް މައްސަލައެއް ދިމާވި އެވެ. ބޯޓުގެ ޑިސްޓްރެސް ކޯލްތަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި އިންޖީނަށް މައްސަލަ ދިމާވީ މާލެ ކައިރިންނެވެ. އެކަމަކު ބޯޓަށް ބަޔަކު އަރައިގަތް ހާދިސާ ދިމާވީ، އިންޖީނަށް މައްސަލަ ޖެހުނުތާ ތިން ދުވަސް ފަހުން، ހޯމަ ދުވަހު ރާއްޖޭގެ އެންމެ އުތުރުގައި އޮއްވައިކަން އެނގޭނެ ކިތަންމެ ހެއްކެއް އެބަހުއްޓެވެ.
އެ ދުވަސް ހަނދާންހުރި މީހުން ކިޔައިދިން ގޮތުގައި އެއީ ދުވަހުގެ ހެނދުނެވެ. ކުއްލިއަކަށް ޚަބަރު ލިބުނީ ރާއްޖޭގެ އެންމެ އުތުރުން ބަޔަކު ބޯޓެއް ހިފަހައްޓައިގެން އުޅޭ ކަމަށެވެ. މީހުންގެ ވާހަކައިން ބެލެވެނީ އެންމެ ފުރަތަމަ ބޯޓަށް އެރީ ހއ. ތުރާކުނު ބައެއް ކަމަށެވެ.
"އެ ދުވަސްވަރަކީ ރާއްޖޭ ސަރަހައްދުން ބޭރުގެ ބޯޓުތައް މަސްވެރިކަން ކުރާތީ މީހުން ވަރަށް ރުޅި އައިސް ތިބި ދުވަސްވަރެއް. އޭގެ ދުވަސްކޮޅެއް ކުރިން ލ. އަތޮަޅުން ވެސް ބޭރުގެ މަސްބޯޓެއް އަތުލައިގަތް. މީހުންނަށް ހީވީ މިއީ ވެސް މަސްބޯޓެކޭ. އެހެންވެ އެ މައުލޫމާތު އަތޮޅު އޮފީހަށް ދިނުމާ އެކު އެންގީ ބޯޓު ހިފަހައްޓަން،" އަތޮޅު އޮފީހުގެ އެންގުމަށް ބޯޓު ކައިރިއަށް ދިޔަ މީހަކު އެ ދުވަހުގެ ހަމަނުޖެހުން ފެށުނު ގޮތް ކިޔައިދިނެވެ.
އިންޖީނު އެޅި އޮޑިފަހަރުގައި ބޯޓު ކައިރިއަށް ދޯނިތައް އޭރު ވެސް ޖަމާވަމުންދަނީ އެވެ. އެހެން ދިމާވީ އަތޮޅު އޮފީހުގެ އެންގުމަށް އަތޮޅުގެ ހުރިހާ ރަށަކުން ވެސް މީހުން އަންނަން ފެށުމުންނެވެ.
އެ ދުވަސްވަރަކީ ރާއްޖޭ ސަރަހައްދުން ބޭރުގެ ބޯޓުތައް މަސްވެރިކަން ކުރާތީ މީހުން ވަރަށް ރުޅި އައިސް ތިބި ދުވަސްވަރެއް. އޭގެ ދުވަސްކޮޅެއް ކުރިން ލ. އަތޮަޅުން ވެސް ބޭރުގެ މަސްބޯޓެއް އަތުލައިގަތް. މީހުންނަށް ހީވީ މިއީ ވެސް މަސްބޯޓެކޭ
އޭނާ ބުނީ ހަމަނުޖެހުން ބޮޑުވެ ބޯޓަށް ބޯޓުގެ މެޑިކަލް އޮފިސަރު ބަނދެގެން ބާލައި ތުރާކުނަށް ގެންދަން ފެށުމުން ބޯޓުން ވައިގެތެރެއަށް ބަޑިޖެހުމާ އެކު މަސްރަހު އެއްކޮށް ބަދަލުވި ކަމަށެވެ.
"މީހުންތައް ބިރުން މޫދަށް ފުންމާލައި ތުރާކުނާ ދިމާލަށް ފަތާފައި ވެސް ދިޔަ. އެއްބަޔަކު ގަދަބާރުން ބޯޓަށް އަރައި ހަމަނުޖެހުން ހިންގިޔަސް އެއީ މަސްބޯޓެއް ނޫން ކަމަށާއި އޭގައި ތިބީ ނުރައްކަލެއް އޮތް ބައެއް ނޫން ކަމަށް އެއް ބަޔަކު އޭރު ވެސް ބުނަމުން ދިޔަ. އެކަމަކު ލ. އަތޮޅުން މަސްބޯޓެއް ހިފެހެއްޓުމާއި އެ ކަމުގައި އުޅުނު މީހަކު ހއ. އަތޮޅުގައި އޭރު ހުރުމުން އޭނާގެ ބަހަށް އަތޮޅު އޮފީހުން ވެސް އަންގަމުން ދިޔައީ ބޯޓު ހިފަހައްޓަން،" އެމެެރިކާގެ، 144 ފޫޓުގެ ދިގު އުޅަނދު ދިވެހިންގެ ބާރުގެ ދަށަށް ގެންގޮސް ހިންގި އަމަލުތައް ތަޖުރިބާކުރި އެކަކު ކިޔައިދިނެވެ.
އެމެރިކާގެ ބޯޓު ކައިރިއަށް އައި ދޯންޏެއް
ބަޑިޖެހުމުން އަތޮޅު އޮފީހުން އެންގީ ބޯޓު މީހުންނާ އަލުން ވާހަކަ ދެއްކުމަށެވެ. އެކަމަކު ބަޑި ޖެހުމުން ބޯޓާ ކައިރިއަށް ދާން ނުކެރިފައި ގިނަ މީހުން ތިއްބަސް ބޯޓުގައި ތިބި މީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންކޮށްގެން ކުރިން ވެސް ވާހަކަ ދައްކަމުން ދިޔަ މީހުން އަލުން ބޯޓަށް އަރައި ސުލްހަވެރިކަމާ އެކު ހުރިހާ ކަމެއް ހަމަޖެއްސި އެވެ.
"އަޅުގަނޑުމެން އެދުނީ ބޯޓު ހޯރަފުއްޓަށް ގެންދަން. އޭރު ހއ. އަތޮޅުގެ ވެރިކަން ކުރާނީ އެ ރަށުގައި. ބޯޓު މީހުން އެކަމަށް އެއްބަސްވެ ދަތުރު ފެށީ. އެކަމަކު ވަކި ހިސާބަކަށް ދިޔައިރު އިތުރު ދޯނިތައް އަތޮޅުގެ އެކި ރަށްތަކުން އައިސް އަނެއްކާ ދިމާކޮށްލީ. އަތޮޅު އޮފީހުން ވެސް އަންގަނީ ބޯޓުގައި ހުރި އެއްޗެހި ނަގަން. ތެލާއި އެ ނޫން ހުރިހާ އެއްޗެއް ވެސް. ހަމަ ފޭރުނީ. ދެއްކި ވާހަކައެއް މީހުން އަޑު އަހަނީއެއް ނޫން. ދެން އެ ހިސާބަށް ދިޔައިމަ އަޅުގަނޑުމެން ބޯޓުން ފޭބީ،" އޭނާ ކިޔައިދިނެވެ.
ބޯޓުގައި ތިބި މީހުން ދެކޮޅުވެރިކަމެއް ނުދައްކާނެ ކަމަށާއި އެ މީހުންނާއި ބޯޓަށް ގެއްލުން ނުދޭން އެދުނަސް ރުޅިއައިސް ތިބި މީހުން އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. މިގޮތަށް ވިސްނައިދޭން ތިބި މީހުންނަށް އެންމެ ފަހުން ގޮތް ހުސްވެ، ބޯޓުން ފޭބުމާ އެކު އަނެއްކާ ވެސް ބޯޓުން ބަޑިޖެހީ އެވެ.
"ބަޑި ޖަހައި، މީހުންނަށް އިންޒާރު ދީ މީހުން ހުސްކުރުމަށް ފަހު އެ މީހުން ފުރައިގެން ދިޔައީ އަތޮޅުވެރިޔާގެ ދަރިފުޅު ގޮވައިގެން. އެއީ އެ ދުވަސްވަރަށް ބަލާއިރު ކިޔަވައިގެން ހުރި، އިނގިރޭސިން ވެސް ވާހަކަ ދައްކަން އެނގޭ ކުއްޖެއް."
ބޯޓުން ރަހީނުކުރި މެޑިކަލް އޮފިސަރު ތޯމަސް ވިއެމްކެން ސަލާމަތްކުރަން ބޯޓުގެ ކެޕްޓަން ކެނެތު ލިއޮނާޑް އަދި ޗީފް އިންޖިނިއަރު ކްރެއިގް ވިލިއަމްސް އޭރު ވީ އެއްގަމަށް ފައިބައިފަ އެވެ. ބަޑި ޖެހުމަށް ފަހު ބޯޓު ފުރައިގެން ދިޔައީ އެ މީހުން ބައިތިއްބާފައި، އަތޮޅުވެރިޔާގެ ދަރިފުޅު ގޮވައިގެންނެވެ. މައްސަލަ ހައްލުވުމުން އޭނާ ފަހުން ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.
މި މައްސަލަ ހައްލުކޮށް މާޗް 25، 1979 ގައި، ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީ އާއި ދިވެހި ސަރުކާރު ގުޅިގެން ބަޔާނެއް ނެރެ ހަގީގަތް ހާމަކުރި އެވެ. ބަޔާނުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކާވާފައިވަނީ އޭރުގެ ޑެޕިއުޓީ މިނިސްޓަ އޮފް ޕަބްލިކް ސޭފްޓީ އިލްޔާސް އިބްރާހިމެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ 300 ވަރަކަށް މީހުން އެމެރިކާގެ ބޯޓަށް އަރައިގަތީ ހަމަ ހަގީގަތުގައި ވެސް "އޮޅުމެއް" ގެ ތެރެއިން ކަމަށެވެ. އެހެންވެ މިކަމުގައި އެއްވެސް ބަޔަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނާޅަން ނިންމިކަން ބަޔާނުގައިވެ އެވެ.
އެމެރިކާގެ ސާވޭ އުޅަނދަކީ ރާއްޖޭ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު އުޅަނދެއް ކަމަށް ދިވެހިންނަށް ހީވީ ކަމަށާއި ބޯޓަށް އަރައި ހިންގި ހަމަނުޖެހުމަކީ ވެސް ޕައިރެސީ ކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ރޭޑިއޯ އޮޕަރޭޓަރުންނަށް އިވުނު ވާހަކަތަކުން އެރި އޮޅުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ބޯޓެއް ރާއްޖޭގައި ފޭރުނުކަމުގެ ޚަބަރު ބައެއް ނޫސްތަކުގައި.
މިގޮތަށް ބަޔާނުގައި ހާމަކުރުމުގެ ކުރިން ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އެމެރިކާ މީހުން ރަށެއްގެ ކަތީބެއްގެ ގަޔަށް ބަޑި ޖެހި ކަމަށާއި އޭގެ ފަހުން އަތޮޅުވެރިޔާގެ ދަރިފުޅު ގޮވައިގެން ޑިއެގޯ ގާސިއާ އަށް ދިޔައީ ކަމަށެވެ.
"މިއީ ހަމަ ހަގީގަތުގައި ވެސް، އެރިއޮޅުމަކުން ހިނގާފައިވާ ކަމެއް،" ރާއްޖެ އާއި ލަންކާ އަށް ހާއްސަކޮށްފައިވާ އެމެރިކާ އެމްބަސީގެ ތަރުޖަމާނަކު އޭރު ވިދާޅުވެފައިވެ އެވެ.
އެމްބަސީގެ ބައެއް މީހުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން އޭރު ބުނެފައިވަނީ މައްސަލަ ގޯސްވީ ރާއްޖޭން ބޯޓަށް އެރި މީހުން އޭގައި މަސް ހުރިތޯ ބަލަން ޑެކް ދަށަށް ވަދެ އެއްޗިއްސަށް ގެއްލުންދީ އެތަނުން ވައްކަންކުރި ކަމަށް ތުހުމަތުކޮށް ޑެކް ދަށަށް ވަންނަން މަނާކުރުމުން ކަމަށެވެ.
ރާއްޖޭގައި "ރަހީނުކުރި" ކަމަށް ބުނި ތިިން އޮފިސަރުން ރާއްޖޭގައި މަޑުކުރީ ދިވެހި ސަރުކާރަށް ދޭ ޔަގީންކަމެއްގެ ގޮތުން އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެމެރިކާ މީހުން ރާއްޖޭން ގެންދިޔަ، އަތޮޅުވެރިޔާގެ ދަރިފުޅު ވެސް ބޯޓުގައި ޑިއެގޯ ގާސިއާ އަށް ގެންދިއުމަށް ފަހު އަނބުރާ ގެނައީ އެވެ. އޭނާ މަސައްކަތްކުރީ ތަރުޖަމާނެއްގެ ގޮތުގަ އެވެ.
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން
ފަރަށްއެރިތާ ގަރުނެއް، މި ބޯޓުގެ ހަގީގަތަކީ ކޮބާ؟
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ
ތާރީހު ރައްކާކުރަން ޑިޖިޓަލް އާކައިވް ޕްރޮޖެކްޓެއް
އަބްދުލްމަޖީދާ އެކު ނިމިގެން އެ ދިޔައީ ތާރީހުގެ ބާބެއް
ގޫގުލް އޮފީހާ އެކު މަސައްކަތްކުރަން މަޝްވަރާކޮށްފި
އިންވެސްޓްކުރަން އެކި ދާއިރާތައް ހުޅުވާލަން އިސްކަންދެން
ރައީސް، ޔޫއެސްއެއިޑްގެ އިސްވެރިއަކާ ބައްދަލުކުރައްވައިފި
ބޭރުގެ ބޯޓުތަކަށް އުލިގަމަށް ވުރެ ފަރިތަ ބައެއް ނެތް