21 ޑިސެމްބަރ 2016
ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ފަރުމައްޗަށް އެރި އާގުބޯޓެއްގެ ވާހަކަ މި ހިސާބުގެ މީހުން އަބަދުވެސް ދައްކަ އެވެ. މިހާރުވެސް ފަރުމަތީ ފެންނަން ހުރި ބޯޓުގެ ބައިތައް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު މިހާރު ދުނިޔޭގައި ހުރުން ވެސް ނާދިރެވެ. "ގޮތް ނޭނގޭ" މި ބޯޓުގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކަ އެވެ. ފެނުން މައްޗަށް ވިއްސަކަށް ފޫޓަށް ފެންނަން ހުރި ދަގަނޑު ޕްލެޓްފޯމެއް ފާޑުގެ ތަނުގެ ކައިރިއަށް ބައެއް މީހުން ދިޔަ ކަމަށް ވިޔަސް ފަރުމަތީގައި، ފެނު އަޑީގައި ހުރި ބޯޓުގެ ބައިތަކުގެ ތެރޭ ބިޔަ ވެނާއި މިޔަރާއި އެ ފާޑުގެ ނުރައްކާތެރި މަސްމަހާމެހި އުޅޭ ކަމަށް ބުނާ ވާހަކަޔާ ހެދި އެތަނަށް އެރި އުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ފަރުމައްޗަށް އެރި އާގުބޯޓެއްގެ ވާހަކަ މި ހިސާބުގެ މީހުން އަބަދުވެސް ދައްކަ އެވެ. މިހާރުވެސް ފަރުމަތީ ފެންނަން ހުރި ބޯޓުގެ ބައިތައް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު މިހާރު ދުނިޔޭގައި ހުރުން ވެސް ނާދިރެވެ. "ގޮތް ނޭނގޭ" މި ބޯޓުގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކަ އެވެ. ފެނުން މައްޗަށް ވިއްސަކަށް ފޫޓަށް ފެންނަން ހުރި ދަގަނޑު ޕްލެޓްފޯމެއް ފާޑުގެ ތަނުގެ ކައިރިއަށް ބައެއް މީހުން ދިޔަ ކަމަށް ވިޔަސް ފަރުމަތީގައި، ފެނު އަޑީގައި ހުރި ބޯޓުގެ ބައިތަކުގެ ތެރޭ ބިޔަ ވެނާއި މިޔަރާއި އެ ފާޑުގެ ނުރައްކާތެރި މަސްމަހާމެހި އުޅޭ ކަމަށް ބުނާ ވާހަކަޔާ ހެދި އެތަނަށް އެރި އުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
ތުންތުންމަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު މިއީ އެތައް ސަތޭކަ އަހަރެއް ވެފައިވާ ބޯޓަކަށް ވާތީ އެތަނަށް ގޮސް ހަގީގަތް ހޯދަން ޝައުގުވެރިވި އެވެ. ސްޕީޑް ލޯންޗެއްގައި އުލިގަމުން ފުރައިގެން 15 މިނެޓް ދަތުރުކުރި ފަހުން "އިންނަފިނޮޅު ބޯޓުގަނޑު" ކުޑަކުޑަކޮށް ފެންނަން ފެށި އެވެ. ކަނޑު މަޑު އަދި ފަރުމައްޗަށް ރާޅު ނުލައި ދުވަހެއްކަމުން ސީދާ އެ ބޯޓުގަނޑާ ލޯންޗު ކައިރިކޮށްލެވުނެވެ. އެއީ ދެ ބުރި އިމާރާތެއްހާ އުސް ދަގަނޑު "ގެއެއް" ހެން ހީވެ އެވެ. ވަށްކޮށް ތިން ބައެއް ހުރި އިރު އެ ބައިތައް ވަނީ ގުޅި ލާމެހިފަ އެވެ. ހުސް ދަބަރެވެ. އެކަމަކު ފިސާރި ވަރުގަދަ އެވެ. ދަތުރުގެ އެއް ބައިވެރިޔަކު އޭގައި އެލިގަނެގެން އެންމެ މައްޗަށް އެރި އެވެ. އަހަރެން ވެސް އޭނާގެ ފަހަތުން އެރީމެވެ. އޭގެ މައްޗަށް އަރައި ބަލައިލުމުން، ސާފު މޫދުގެ ތެރެއިން ފެންނަނީ ފަރުމަތީގައި އެގޮތް މިގޮތަށް ހުރި ދަގަނޑެވެ. ބިޔަ ދެ ބުރަފައްޗާއި ދުންހޮޅިއެއް ވެސް ފެނެ އެވެ. އެއް ބުރަފަތިން ފިޔައެއް ފެނުން މައްޗަށް ފެންނަން ވެސް ހުއްޓެވެ. އެތަން ވެފައި ވަނީ އެކި ފާޑުގެ މަސްމަހާމެހީގެ ބަގީޗާއަކަށެވެ. އެކި ކުލަކުލައިގެ މަސްތައް ބޯޓުގެ ބައިތަކުގެ ތެރެއިން ވަދެ ނިކުމެ އުޅޭތީ ފެނެ އެވެ.
އިމާރާތެއްހެން ފަރުމަތީ މި ހުންނަ ބަޔަށް މި ހިސާބު މީހުން ކިޔަނީ "ބޯޓުގަނޑު" އެވެ. އެ އެއްޗަކީ ބޯޓު ދެލި އަޅައިގެން ހިންގާ އިންޖީނެއްގެ ޕިސްޓަންތަކެވެ. އެތައް ޒަމާނެއް ވެފައި ވިޔަސް އޭގެ ބައްޓަމާއި ސިފަތަކުން އެކަން އެނގެ އެވެ. އެކަމަކު ލިޔުމެއް ނުވަތަ ނަންބަރެއް ވެސް ފެންނާކަށް ނެތެވެ. ފަރުމަތީގައި އަޅާފައި ހުރި ގެއެއްހެން ހުރީ ތިން ޕިސްޓަނެވެ.
ހއ. އިންނަފިނޮޅު ފަރަށް އެރި ބޯޓުގެ ބައިތައް ފަރުމަތީގައި. -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
ދެން ފުންމާލީ މޫދަށެވެ. މޫނުމަތި އަޅައިގެން ބަލައިލުމުން ފެނުނީ ބާދަގަނޑުގެ ގޮނޑެކެވެ. ބޯޓުގެ ވިންޗުގެ ބައިތަކާއި ބުރަފަތި ދަގަނޑު އަދިވެސް އެބަ އޮތެވެ. އެ ދަގަނޑުގެ ކޮޅުގައި ބިޔަ ބުރަފައްޗެކެވެ. ތަންކޮޅެއް ދުރުގައި ވަކިން ވެސް ބުރަފައްޗެއް އޮތެވެ. އިސްކޮޅަށް ވުރެ ދިގު ހަތަރު ފިޔަގަނޑު ކޮންމެ ބުރަފައްޗެއްގައި ހުއްޓެވެ. ބެލެވެނީ އެއީ ސްޕެއާ ބުރަފައްޗެއް ކަމަށެވެ. ބޯޓުގެ ދުންހޮޅީގެ ބައެއް ވެސް ފަރުމަތީ ހުރީ ކޮޅަށެވެ. ހިކި ދިޔާގައި އޭގެ ބައެއް ވެސް ފެނުން މައްޗަށް ހުރެ އެވެ. ރާޅު ދަމާލާއިރު އެ ހޮޅީގެ ތެރެއަށް ފެންގަނޑު ދަމައިގަނެ އެވެ. ބިރުވެރި ގޮތަކަށް ފެނުނަސް އޭގެ ތެރޭގައި ވެސް، މީހުން އެ ބުނާ ކަހަލަ ނުރައްކާތެރި އެއްޗެއް ނެތެވެ.
ހއ. އިންނަފިނޮޅު ފަރަށް މީގެ 99 އަހަރު ކުރިން އަރާފައިވާ ބޯޓެއްގެ ސްޓީމް އިންޖީނު (ވ) އަދި އެކަހަލަ އިންޖީނެއްގެ ކުރެހުމެއް -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
މީހުން ބުނަނީ ފަރުމަތީގައި ހުރި ބޯޓުގެ ގިނަ ބައިތައް އެކި ބޭނުންތަކަށް ނަގައި ހުސްކޮށްފައިވާ ކަމަށެވެ. ލޮއެ ވިރުވައިގެން އެއްޗެހި ހެދުމަށާއި އެ ވިއްކުމަށް ވަރަށް ގިނަ އެއްޗެެެހި ނެގި ކަމަށްވެ އެވެ. އެކަމަކު މިހާރު އެކަން މަނާކޮށްފި އެވެ. ބާކީ ހުރީ ފަސޭހައިން ނަގައިގެން ނުގެންދެވޭ ވަރުގެ ބިޔަ އެއްޗިއްސެވެ.
މިއީ ކޮން ގައުމެއްގެ، ކޮން އުޅަނދެއް ކަމެއް ބުނެދޭން އެނގޭ މީހަކާ ދިމަލެއް ނުވި އެވެ. ފެންނަން ހުރި ބައިތަކުން ވެސް އެފަދަ މައުލޫމާތެއް ލިބޭ ވަރެއް ނުވެ އެވެ. އުމުރުން ދުވަސްވީ ބައެއް މީހުން ބުނަނީ އެ މީސްމީހުންގެ މައިންބަފައިން އެ ބޯޓުގެ ވާހަކަ ކިޔައިދޭ ކަމަށެވެ. އެންމެން ވެސް ކިޔަނީ ބޯޓަށް ފެން އުފުލި ވާހަކަޔަކާ އެ ބޯޓުގައި ހުރީ ބޮނބި ނަރާއި ދެލި ކަމަށެވެ.
ބޯޓުގެ ދުންހޮޅީގެ ބައެއް -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
ބޯޓާ ބެހޭ ގޮތުން ކަށަވަރު އެއްވެސް މައުލޫމާތެއް އެނގޭ މީހަކާ ދިމާނުވުމުން ދެން ޖެހުނީ އުރިފައިވާ ބޯޓުތަކާ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓްތައް ހާވާށެވެ. އެހެން އުޅެނިކޮށް ހއ. ހަތިފުށި ކައިރިއަށް އުރުނު ބޯޓެއްގެ ވާހަކަ ފެނުނެވެ. އިނގިރޭސި ވިލާތުގެ ހައިޑްރޮގްރެފިކް އޮފީހުގެ މައުލޫމާތުގައި ބުނަނީ ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅުގައި އޮންނަ "ކަނޑުފުށި" ކައިރިން "އޯޝަނޯ" ނަމަކަށް ކިޔާ ކާގޯ ބޯޓެއް 1917 ވަނަ އަހަރު ފަރަށް އެރި ކަމަށެވެ. އެކަމަކު އެ ބުނާ ކަނޑުފުއްޓަކީ ކޮން ތަނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ފަރަށް އެރި ކަމަށް ބުނާ ލޮކޭޝަނުން ދައްކަނީ އިންނަފިނޮޅު ފަރެވެ. އެއީ މިހާރު ފެންނަން ހުރި ބޯޓުގެ ބައިތައް ހުރި ތަނެވެ. އިތުރު ބޯޓެއް އެތަނަށް އުރުނު ކަމެއް އެނގޭކަށް ނެތެވެ.
މޫދު އަޑީގައި އޮތް ބޯޓުގެ ބުރަފައްޗެއް -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
ހަތިފުށި ފަރަށް ބޯޓެއް އެރި ކަމަށާއި އެއީ ކޮން ބޯޓެއްކަން ނޭނގޭ ކަމަށް ބައެއް ވެބްސައިޓްތަކުގައި ބުނެފައި ވިޔަސް ބެލެވެނީ "ކަނޑުފުށި" އަދި "ހަތިފުށި" އޮޅުން އަރައި ދެ ތަނެއްގެ ގޮތުގައި ބުނެފައި ވަނީ ކަމަށެވެ.
ހއ. އިންނަފިނޮޅު ފަރަށް މީގެ 99 އަހަރު ކުރިން އަރާފައިވާ ބޯޓެއްގެ އިންޖީނުގެ ބައެއް. -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
ކަނޑަފުއްޓަކީ އޮންނަ ރަށެއް ނޫން ނަމަވެސް ބޯޓު އެރި ފަރަކީ ވަރަށް ދިގު، އެތައް ބައިވަރު ރަށެއް ހިމެނޭ ފަރަކަށް ވެފައި އެ ފަރުމަތީގައި ވަރަށް ކުރިން އޮތް ވަރަށް ކުޑަ ރަށެއް މިހާރު ގިރައި ހުސްވެ ގެއްލިފައިވާ ކަމަށް މީހުން ބުނެ އެވެ. ހަތިފުށި ވެސް އޮންނަނީ މި ފަރުގަ އެވެ.
އިނގިރޭސި ވިލާތުގެ ކާގޯ ބޯޓެއް ހއ. އަތޮޅުގެ ފަރަކަށް 1917 ވަނަ އަހަރު އެރި ކަމަށް ލިބުނު މައުލޫމާތަށް ބަލާއިރު އިންނަފިނޮޅު ފަރުމަތިން ފެނުނު ބައިތަކާ އެ ބުނާ ބޯޓުގެ ސިފަތަކާ ދިމާވެ އެވެ. އެއީ ތިން ސިލިންޑަރުގެ ޓްރިޕްލް އެކްސްޕެންޝަން އިންޖީނެއް އެޅި ބޯޓެއް ކަމަށްވެ އެވެ. މިހާރު ފަރުމަތީގައި ހުރީ އިންޖީނުގެ ތިން ސިލިންޑަރުކަން ކަށަވަރުވެ އެވެ. އަދި ޓްރިޕްލް އެކްސްޕެންޝަން ސްޓީމް އިންޖީނެއްގެ ހުރިހާ ސިފައެއް ފަރުމަތީގައި ހުރި ބައިތަކުން ފެނެ އެވެ. ސުވާލެއް އުފެދޭ ވަރެއް ނުވެ އެވެ. މި ބޯޓުގައި ބަރާކޮށްފައި ހުރީ ދެލި ކަމަށް ބުނާ ވާހަކައިން ވެސް މިކަމުން ބާރު ލިބެ އެވެ. ސްޓީމް އިންޖީނެއްގެ ހަކަތަޔަކަށް ވާނީ ބޯޓު ދެއްޔެވެ.
މިއީ ހއ. އިންނަފިނޮޅު ފަރަށް މީގެ 99 އަހަރު ކުރިން އެރި ބޯޓުގެ ފޮޓޯއެއް ކަމަށް ހައިޑްގްރެފިކް ރިޕޯޓްގައި ބުނޭ
މި ލިބުނު މައުލޫމާތާ ޒަމާނުންސުރެ ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާއިރު "އިންނަފިނޮޅު ބޯޓުގަނޑު" އެއީ އިނގިރޭސި ވިލާތުގެ ކާގޯ ބޯޓް އެސްއެސް. އޯޝަނޯ އެވެ. ބޯޓު ބަނދެފައި ވަނީ މަޝްހޫރު ޓައިޓެނިކް ބަނުމުގެ މަސައްކަތް ފެށުމުގެ ނުވަ އަހަރު ކުރިން 1900 ވަނަ އަހަރު އެވެ. ރަސެލް އެންޑް ކޯ ކުންފުނިން ބަން މި ބޯޓުގެ ދިގުމިނުގައި 112.62 މީޓަރު ހުރެ އެވެ. ފުޅާ މިނުގައި 15.85 މީޓަރު އަދި އުސްމިނުގައި 8.23 މީޓަރު ހުރެ އެވެ. މިއީ އޭރުގެ ނިސްބަތުން ބޮޑު ބޯޓެކެވެ.
ހއ. އަތޮޅުގެ އެކި ހިސާބުތަކަށް އުރިފައިވާ ބޯޓުތައް ދައްކައިދޭ ޗާޓެއް
ބޯޓު ނިސްބަތްވާ ގައުމުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގެނީ ބޯޓު ފަރަށް އެރީ ޖުލައި 19، 1917 ގައި ކަމަށެވެ. އޭގެ ފަހުން 99 އަހަރު ވީ އެވެ. ބޯޓުގެ އުމުރުން 116 އަހަރު ވީ އެވެ. ބޯޓު ފަަރަށް އެރި އިރު އުމުރުން 10 ވަރަކަށް އަހަރު ވެފައިވާ މީހަކަށް އެ ވާހަކަ ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށް ބެލި ނަމަވެސް އެ މީހެއްގެ އުމުރު މިހާރު 100 އިން މަތިވާނެ އެވެ.
އުމުރުން އެންމެ ދުވަސްވީ މީހަކަށް ލިބުނީ މިހާރު ހދ. ހަނިމާދު އަށް ބަދަލުކޮށްފައިވާ ހަތިފުށީ މީހުންގެ ތެރެއިން މީހެއްގެ ބަހެވެ. މިހާރު އުމުރުން 104 އަހަރު ވެފައި ވާނެ ކަމަށް ބުނާ "އަބްދުއްރަހުމާންބެ" ބުނި ގޮތުގައި އިންނަފިނޮޅު ފަރަށް އެރި ބޯޓުގެ ވާހަކަ ކާފަމެން ކިޔައިދެ އެވެ. އެކަމަކު އެހާ ރަނގަޅަން އެ ވާހަކަތައް ހަނދާން ނެތް ކަމަށް ބުންޏެވެ. ބޯޓު ފަރަށް އެރި އިރު އުމުރުން ވަރަށް ހަގުވާނެ ކަމަށް ބެލެވޭ މި މީހާ ބުނީ ގިނަ އަދަދެއްގެ ބޯޓު ދެލި އެ ބޯޓުން އިންނަފިނޮޅަށް ބޭލި ވާހަކަޔާއި އޭގެ ބޮޑެތި ފުނިތައް ޖަހާފައި ވަނިކޮށް ތިލޭރުކަން ކުރާ މީހުން އެ ދެލިތައް ގެންދިޔައީ ކަމަށް ބުނާ ވާހަކަ އިވުނު ކަމަށެވެ. އަދި އިހުގައި ނަދުރު ބުނެ އުޅުނު މަތީރަށުގެ ޒިޔާރަތުގައި ވެސް އެ ބޯޓުގެ ބައެއް ތަކެތިން ހަދާފައިވާ ތަންތަން ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއީ ވެސް އަބްދުއްރަހުމާންބެ އަށް މީހުން ކިޔައިދީފައިވާ ވާހަކަތަކެވެ. އިތުރު މައުލޫމާތެއް ނޭނގެ އެވެ.
ހއ. އިންނަފިނޮޅު ފަރަށް މީގެ 99 އަހަރު ކުރިން އަރާފައިވާ ބޯޓެއްގެ އިންޖީނުން މިހާރު ފެންނަން ހުރި ބައި. -- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު
ހައިޑްރޮގްރެފިކް ރިޕޯޓްގައި ބުނާ ގޮތުން 4657 ގްރޮސް ޓަނޭޖްގެ މި ބޯޓު ފަރަށް އެރީ މިސްރުން ފުރެއްދެ ލޮނު ހިފައިގެން އިންޑިއާގެ ކަލްކަތާ އަށް ދަތުރުކުރަނިކޮށެވެ. އޭރު ބޯޓުގެ ކެޕްޓަނަކަށް ހުރީ ޓީ. ޖޯޖް ކިޔާ މީހެކެވެ.
މިއީ ތާރީޚީ ބޯޓަކަށް ވިޔަސް މި ހިސާބުގެ ރިސޯޓްތަކުގެ ސަމާލުކަމަށް ވެސް މިތަން އައިސްފައެއް ނުވެ އެވެ. ޑައިވްކުރުމަށް ނުވަތަ ސްނޯކެލިން އަށް ވެސް އެ ސަރަހައްދު ބޭނުމެއް ނުކުރެ އެވެ.
ހއ. އަތޮޅު އިންވެގެން އޮންނަނީ ކަނޑުދަތުރުގެ ބައިނަލްއަގުވާމީ މަގެއްގަ އެވެ. އެހެންވެ މިއީ ޒަމާނުންސުރެ ބޭރު އެކި ކަހަލަ އުޅަނދުތައް ދަތުރުކުރާ ހިސާބެކެވެ. މި އަތޮޅުގެ އެހެން ދެތިން ތަނެއްގައި ވެސް ފަރަށް އަރާފައިވާ ބޯޓުތައް ހުރި އިރު އިންނަފިނޮޅު ބޯޓުގަނޑަކީ އެންމެ ދުވަސްވީ ބޯޓެވެ. މި ހޯދުންތަކުގެ ތެެރެއިން ޝައުގުވެރި އެހެން ކަމެއް ވެސް ފާހަގަވި އެވެ. އެއީ އުލިގަމު އިރުމަތީ ފަރާތުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޯޓެއް ފައްތާލިތަން ފެނުނު ވާހަކައާ އޭގައި ތިބި މީހުން އެ އަތޮޅު ބެރިންމަދޫ އަށް ދިޔަ ވާހަކައިގެ ހަގީގަތް ވެސް އެނގުމެވެ. ކޮމްބައިންޑް ފްލީޓް ވެބްސައިޓުގައި ބުނާ ގޮތުން އޭޕްރީލް 6، 1942 ގައި އެއިޓް ޑިގްރީ ޗެނަލްގެ ހުޅަނގު ކޮޅުން ވަންނަން އުޅުނު އެމެރިކާގެ ކާގޯބޯޓެއް ކަމަށްވާ ވޮޝިންޓޮނިއަން އަށް ޖަޕާނުގެ ސަބްމެރިން އަކުން ދެ ޓޯޕިޑޯ އިން ހަމަލާ ދިނެވެ. ސުއެޒް އިން ކޮލަމްބޯއަށް ދަތުރުކުރި އެ ބޯޓުގައި ތިބި 41 މީހަކު ދެ ލައިފް ބޯޓުގައި ރާއްޖެ އަށް ދަތުރުކޮށް ސަލާމަތްވި ކަމަށް އޭގައި ބުނެފައިވެ އެވެ.
އެކަަމަކު އޯޝަނާގައި ދަތުރުކުރި މީހުންނަށް ވީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ލޯކަލް ޓޫރިޒަމް: މިނިސްޓަރު
އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފި
ކޮނޑޭގެ ޓޫރިޒަމް ފެށުން: ކޮނޑޭ މަލާ ރިޔަތި މަލާ!
ދިވެހިން އެމެރިކާގެ ބޯޓެއް ފޭރުނު ނުރައްކާ ހާދިސާއެއް
އިންނަފިނޮޅު ދެބުރިވެ، ގަރުނެއްވީ ލޭންޑްމާކް ގެއްލިއްޖެ
އުތުރާއި ދެކުނުގައި ކުލި ތަފާތުވާކަން ނުޖެހޭ: ސައީދު
ތަރިކަ ރައްކާތެރިކޮށްގެން މަންފާ ލިބޭނެ: ޔުމްނާ
އެނބޫދޫ ފަޅާ ބެހޭ ޑޮކިއުމަންޓްރީއެއް ހިސްޓްރީން ހަދަނީ
ގެސްޓްހައުސް ތަރައްގީކުރަން މުރައިދޫން ބިމެއް ދެނީ
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން