Roadha Mihaaru
ހުއްދަ ނުލިބޭތީ އިންޑިއާ ހޮސްޕިޓަލާއެކު ސޮއިނުކުރެވިފައި

ފިނޭންސްގެ ހުއްދަ ނުލިބޭތީ އޭއީއެޗަށް އިންޑިއާގެ ހޮސްޕިޓަލާއެކު ސޮއިނުކުރެވިފައި

21 ޑިސެމްބަރ 2021

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު، މި މަހުގެ ތެރޭގައި ސޮއިކުރަން ނިންމިޔަސް ފިނޭންސް މިނިސްޓްރީން އަދިވެސް ހުއްދަ ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު، މި މަހުގެ ތެރޭގައި ސޮއިކުރަން ނިންމިޔަސް ފިނޭންސް މިނިސްޓްރީން އަދިވެސް ހުއްދަ ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސިއްހީ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ވަނީ ބައެއް ރީޖަނަލް ހޮސްޕިޓަލްތައް ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ކޮންމެ ހޮސްޕިޓަލަކަށް ވަކި ބޯޑެއް އުފައްދައިފަ އެވެ. އާ ހިދުމަތްތަކާއި ބަދަލުތައް ގެނައުމުގެ ބާރު އެ ބޯޑަށް ލިބިފައި ވެ އެވެ.

އެކަމަކު، އެއްބަސްވުން ގާއިމު ކުރުން ފަދަ ކަންތައްތައް ކުރެވެނީ ފިނޭންސް މިނިސްޓްރީ ނުވަތަ އެ ކަމަކާ ގުޅޭ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ.

އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލެއް ކަމަށްވާ "މިއޮޓް" އާ ގުޅިގެން އައްޑޫ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ ޑްރާފްޓް އެއްބަސްވުން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މިނިސްޓްރީން ވަނީ ބައެއް ބަދަލުތައް ގެނެސް މިއޮޓް ހޮސްޕިޓަލާ އެ ބަދަލުތައް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.އެކަމަކު ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ފިނޭންސް މިނިސްޓްރީއަކަށް އެ ކަމެއް ނުކުރެވުނެވެ.

އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމަށް ބޭރު މީހުންނަށް އަބަދު ބަރޯސާ ވުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެކަން ބަދަލުކުރުމަށް، އަދި އައްޑޫ ހޮސްޕިޓަލްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ދިވެހި ޑޮކްޓަރުން ތަމްރީނު ކުރުމަށް ފުރުސަތު ލިބޭ ގޮތަށް ސޮއިކުރަން ނިންމާފައިވަނީ ޗެންނާއީގެ މިއޮޓް ހޮސްޕިޓަލަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. މީގެ 22 އަހަރު ކުރިން ހުޅުވި މިއޮޓް ހޮސްޕިޓަލަށް ފަހަކަށް އައިސް ގިނަ ބަޔަކު ދެ އެވެ.

ޑރ. ސޯލިހު ވިދާޅުވީ، ފަސް އަހަރުގެ މުއްދަތަށް ހަދާ އެ އެއްބަސްވުމުގެ ސަބަބުން އޭއީއެޗްގައި މިހާރު ތިބި ދިވެހި އަށް މެޑިކަލް އޮފިސަރުން ސްޕެޝަލައިޒްވާން ފުރުސަތު ލިބޭނެ ކަމަށެވެ. ހާއްސަވާނެ ދާއިރާތައް ކަނޑައަޅާނީ ވެސް އޭއީއެޗުން ކަމަށާއި އޭރުން 5-8 އަހަރުގެ ތެރޭގައި ޓާޝަރީ ފެންވަރަށް ބަދަލުކުރެވޭނެ އޭނާ ވިދާޅުވި އެވެ.

"އެހެން ނޫނީ އަބަދު ވެސް ބޭރު ބަޔަކަށް ޑިޕެންޑުވެގެން ތިބެން ޖެހޭނީ. އެކަމަކު ކުރިއަށް އޮތް ތަނުގައި، އަޅުގަނޑަށް 100 ޕަސެންޓް ޔަގީން ދިވެހިންނަށް ފޯކަސް ކޮށްގެން ޓްރެއިން ނުކޮށްފި ކަމަށް ވަންޏާ ކިތައްމެ ވަރަކަށް ބިލްޑިންގްތަކާއި އިކުއިޕްމަންޓުތަކާ އެއްޗެހި ލާފައި އެ ތަނުގައި މަސައްކަތް ކުރާނެ ރަނގަޅު މީހުންނެއް ނުލިބޭނެ،" ޑރ. ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް ފަށަން [މިއޮޓާއެކު މަސައްކަތް ކުރަން] ބޭނުން."

ޑރ. ސޯލިހު ވިދާޅުވީ އެކަން ކުރިއަށްގެން ބޭނުންވަނީ ވެސް ދިގު މުއްދަތުގެ ޕްލޭނަކާއެކުގަ އެވެ.

"ބޭރު ބަޔަކު ހަމަ ގެނައުމެއް ނޫން މަގުސަދަކީ. އަސްލު އެ އަށް ވުރެ ލޯންގް ޓާމް ސްޓްރެޓަޖީ ޕްލޭނަކާ އެއްކޮށް، ކުރިއަށް ދާން ބޭނުންވަނީ. އަޅުގަނޑު އެއްގޮތަކަށް ސަޕޯޓުކުރާ ކަމެއް ނޫން ބޭރު މީހުންނަށް ޑިޕެންޑުވެގެން އުޅުމަކީ،" އޭނާ ވިދާޅުވި އެވެ.

ބޭރު ބަޔަކާ އެކީ، ސޮއިކުރި ނަމަވެސް، ހޮސްޕިޓަލްގެ ޑިޕާޓްމަންޓުތައް އެ ހޮސްޕިޓަލްގެ އަތް މައްޗަށް އެއްކޮށް ދުލެއް ނުކުރާނެ އެވެ. އެކަން ކުރަން ހަމަޖައްސާފައިވަނީ، ޑިޕާޓްމަންޓެއްގައި ބޭރުގެ ސްޕެޝަލިސްޓު ޑޮކްޓަރަކު އިސްކޮށް ބައިތިއްބައި، އޭގެ ދަށުން ދިވެހިން މަސައްކަތްކުރާ ގޮތަށެވެ.