Roadha Mihaaru
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު

މާލީ ދަތިކަމުން އަރައިގަތުމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު

14 ސެޕްޓެމްބަރ 2024

ރާއްޖެއަށް ދިމާވެފައިވާ މާލީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގައި އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް ދިމާވެފައިވާ މާލީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގައި އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ގައި އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ހަމަޖައްސަން ކުރިން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން، 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ނަން ހާމަނުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެ އެވެ.

މިހާތަނަށް ރަސްމީކޮށް އެ އެހީއަށް ރާއްޖެއިން އެދިފައިވާ ކަމެއް ނޭނގެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ނިންމާފައިވާ ދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ފޮރިން ކަރަންސީގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން ވިއްކާފައިވާ ސުކޫކު ޑިފޯލްޓަކަށް ހިނގައިދާނެ ކަމުގެ ވާހަކަ، ރާއްޖޭގެ ރިޒާވް ދަށަށް ދާތީ އިންޓަނޭޝަނަލް މީޑިއާގައި އަންނަނީ ދައްކަމުންނެވެ. އަންނަ މަހު ސުކޫކުގެ ކޫޕަން ޕޭމަންޓް ދެއްކުމަށް ވެސް ބޮޑެތި ދަތިތައް ހުރެދާނެ ކަމަށް ބައިނަލްއަގުވާމީ މާލީ ކަންކަމުގައި އުޅޭ މީހުން ބުނަމުން ދިޔަ ނަމަވެސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ، އަންނަ މަހުގެ އަށް ވަނަ ދުވަހު ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިވަގުތު ރާއްޖޭގެ ރިޒާވްގައި ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދައުލަތުން ބޮޑެތި އަދަދުތަކެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހެ އެވެ.