Roadha Mihaaru
ތިއޭޓަރު ބޭނުންނުކުރެވެނީ ކޮވިޑު މީހުންނަށް ފަރުވާދޭތީ

ހައިބްރިޑް ތިއޭޓަރު ބޭނުންނުކުރެވެނީ ކޮވިޑު ބަލި މީހުންނަށް އެ ފްލޯގައި ފަރުވާދޭތީ: އައިޖީއެމްއެޗް

23 ޑިސެމްބަރ 2021

ދަރުމަވަންތަ ހޮސްޕިޓަލްގައި ހަދާފައިވާ ޒަމާނީ ތިއޭޓަރުގައި ހުރި ބައެއް ސާމާނުގައި ފަންގަސް ޖަހާފައިވާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެ ތަން ބޭނުން ނުކޮށް ހުރީ ކޮވިޑު-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، އެ ތިއޭޓަރު ހުރި ފްލޯ ބޭނުންކުރާތީ ކަމަށް، އައިޖީއެމްއެޗުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލްގައި ހަދާފައިވާ ޒަމާނީ ތިއޭޓަރުގައި ހުރި ބައެއް ސާމާނުގައި ފަންގަސް ޖަހާފައިވާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެ ތަން ބޭނުން ނުކޮށް ހުރީ ކޮވިޑު-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، އެ ތިއޭޓަރު ހުރި ފްލޯ ބޭނުންކުރާތީ ކަމަށް، އައިޖީއެމްއެޗުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލުގައި ހައިބްރިޑް ތިއޭޓަރެއް ވެސް ހަދާފައި އެބަހުއްޓެވެ.

ނަމަވެސް، ރާއްޖޭގެ އެންމެ އަގުބޮޑު ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، 23 މިލިއަން ރުފިޔާގެ އަގުހުރި ސާމާނުގެ ތިއޭޓަރު ބޭނުންކުރާކަށް ނުފެށެ އެވެ. އެ ތަނުގެ މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނިގޮތުގައި، ތިއޭޓަރު ބޭނުން ނުކުރާތީ ބައެއް މެޝިންތަކުގައި ވެސް ހުރީ ފަންގަސް ޖަހައިފަ އެވެ.

އެކަން ދޮގުކޮށް އައިޖީއެމްއެޗުން ލިޔުމުން ހިއްސާކުރި ޖަވާބުގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ހުންނަ ތިއޭޓަރުގެ ސާމާނުގައި ފަންގަސް ނުޖަހާ ކަމަށެވެ. އެތަން ބޭނުންކުރަން ނުފެށި ލަސްވެގެންދަނީ ކޮވިޑުގެ ސަބަބުން ކަމަށް ބުންޏަސް، އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ދަރުމަވަންތައިގައި ފަރުވާ ދިނުން މި ދޭތެރެއިން މެދުކަނޑާލި އެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވި ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫ ބަންދުކޮށް، އެ ތަނުގައި ތިބި މީހުން މިދިޔަ ހޮނިހިރު ދުވަހު ދަރުމަވަންތަ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެތަން އޮރެންޖު ހިޔާ އަށް ބަދަލުކުރާތީވެ، ކުރިން ބޭރު މީހުން ބޭތިއްބި އޮރެންޖު ބިލްޑިންނެއް. އެޗްއެމްއެފް ބަންދުކޮށްފައި އެތަނަށް [ބިދޭސީން] މޫވްކުރަނީ. ބަދަލުކުރާތީވެ ކްރިޓިކަލް ކޮންޑިޝަންގައި މީހުން ބޭތިއްބެން ނެތިގެން އެ މީހުން މި މޫވްކުރީ ދަރުމަވަންތައިގެ 11 ވަނަ ފްލޯއަށް،" ސިރާޖު ވިދާޅުވި އެވެ.

"އޮރެންޖު ހިޔާގައި އައިސީޔޫ ފެސިލިޓީއެއް ހަމަޖެހެންދެން [ފަރުވާދޭނޭ] ވާހަކައަކީ."

އޭނާ ވިދާޅުވީ އައިސީޔޫގައި ތިބި މީހުން އެހެން ހިސާބަކަށް ބަދަލުކުރެވުމުން ތިއޭޓާ ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އެތަން ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިރާޖު ވިދާޅުވި އެވެ.