Roadha Mihaaru
ބިރުދެއްކިޔަސް "އިންޑިއާ އައުޓް" ނުހުއްޓުވޭނެ:އިދިކޮޅު

ބިރުދެއްކިޔަސް "އިންޑިއާ އައުޓް" ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް: އިދިކޮޅު

22 ޑިސެމްބަރ 2021

ސަރުކާރާއި މައި ޕާޓީ، އެމްޑީޕީގެ މަދު ބަޔަކު ނުކުމެ ބިރު ދެއްކިޔަސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މުޅި ރާއްޖޭގައި ފަށާފައިވާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރާއި މައި ޕާޓީ، އެމްޑީޕީގެ މަދު ބަޔަކު ނުކުމެ ބިރު ދެއްކިޔަސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މުޅި ރާއްޖޭގައި ފަށާފައިވާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީގެ މާލެ ދާއިރާގެ މެމްބަރުންތަކަކާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށެވެ. އެކަން ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް ނުގޮވޭނެ، އެއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ މަސްލަހަތާ ހިލާފު ކަމެއް. ކަނޑައެޅިގެން ރާއްޖޭގެ އެކިއެކި ތަންތަނުގައި ގޮވަމަކުން ނުހިނގޭނެ،" ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަފުޅަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ކޮންމެ ގޮތަކުން ނަމަވެސް އެ ހަރަކާތް ހުއްޓުވަން ސަރުކާރަށް ގޮވާލައިފަ އެވެ. މި ކެމްޕޭނަކީ "ޖަރީމާއެއްގެ" ގޮތުގައި ސިފަކުރައްވައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ރޭ ވަނީ، ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރާއި އެމްޑީޕީގެ މި ވާހަކަތައް އިދިކޮޅުން ސިފަކުރަނީ ބިރުދައްކައި އިންޒާރު ދިނުން ކަމަށެވެ. މިއީ ނާތަހުޒީބު ފިނޑިއަމަލެއް ކަަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ތެރެއިން އިންޒާރުދީ ހަދާ ބައެއްގެ ހަމައެކަނި ވިސްނުމަކީ ވެރިކަން ދެމެހެއްޓުން ކަމަށެވެ. ވެރިކަމެއް ކުރެވޭނީ ގައުމެއް އޮވެގެން ކަން އެ ބޭފުޅުން ގަބޫލުކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މިކަން ނުކޮށް މާދަމާ ދައްކާނެ ވާހަކައެއް ނޯންނާނެ. ކަމުގެ ހައްސާސްކަން ފިޔާ ކިލޯއާ ހިސާބުން ނުނިމޭ،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި އިންޑިއާ އައުޓް ދިދަ ވިހުރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި އިންޑިއާ އައުޓް ދިދަ ވިހުރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފިޔާ ތާށިކޮށް އިންޑިއާ އިން ރާއްޖެއަށް ކުރިން ވެސް ދަތިކުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިމްޕޯޓު ބަރޯސާވެފައި އޮތީ އެ ގައުމަކަށް ނޫން ކަމަށެވެ. ސަރުކާރަށް ވެސް އެކަން އެނގޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަން ނިގުޅައި ނުގަންނާނެ ގޮތަށް ދޭދޭ ގައުމުތައް ދަމަހައްޓަން ސޯލިހްގެ ސަރުކާރަށް އެނގެން ވާނެ. ނޭނގޭ ނަމަ ވެރިކަމުގައި ތިބެން ކުފޫ ހަމަނުވަނީ،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ކުރީގެ ގުޅަކުޅޭ ފަސްގަނޑު ކައިރީގައި މަދު ބަޔަކު ތިބެގެން "އިންޑިއާ މިލިޓަރީ އައުޓް" ހަރަކާތަށް ބިރުދައްކަން އުޅުން ވަރަށް ނާތަހުޒީބެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތް ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިދިކޮޅުގެ ހަރަކާތް ކުރިއަށް ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި އެހެން ވަޒީފާތައް އަދާކުރާ މީހުންނާ ވެސް ދެކޮޅަކަށް ނޫނެވެ. އެއީ ރާއްޖެ އަށް ނުފޫޒު ފޯރުވޭ ގޮތަށް އަދި ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ސިފައިން ތިބޭތީ ހިންގާ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރާއްޖޭގައި ސިފައިން ބައިތިއްބައިގެން އުޅެނީ އިންޑިއާގެ މިހާރުގެ ސަރުކާރުން ބޭނުންވާތީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ދެ ގައުމުގެ ގުޅުން ވަރުގަދަ. އެކަމަކު އަޅުގަނޑުމެން ގުރުބާން ނުކުރާނެ ކަންކަން ހުންނާނެ. އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ޖާގަ ދިނުމާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ ފަދަ ކަންކަން ހިނގާ ނަމަ ކޮންމެ ގައުމެއް ނަމަވެސް އެ ގައުމަކާ ދެކޮޅަށް ދިވެހިން ތެދުވާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަމާ ދެކޮޅަށް ތެދުވަން މި ޖެހެނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ވެސް ވަންނަން މި ސަރުކާރުން ފުރުސަތު ދޭތީ،"

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި އިދިކޮޅު ކޯލިޝަންގެ އިސް މީހުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި އިދިކޮޅު ކޯލިޝަންގެ އިސް މީހުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ލަސްވުމުގެ ސަބަބުން އިންޑިއާގެ ހައި ކޮމިޝަނުން ރާއްޖޭގެ ބައެއް މަޝްރޫއުތައް އިއުލާންކުރާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ އައްޑޫގެ މަޝްރޫއަކަށް ހައި ކޮމިޝަނުން ބަޔާން ނެރުމެވެ. މިހެން މިކަން ވާންޖެހެނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޕީއެންސީން ހިންގާ ހަރަކާތުން ރާއްޖޭގެ މަސްލަހަތެއް ނުގެއްލޭނެ އެވެ. އެ ކޯލިޝަނަކީ ގައުމު އިސްކުރާނެ، އެހެން ބައެއްގެ ނުފޫޒާއި ބާރުގެ ދަށަށް ގައުމު ދާން ޖާގަ ދީގެން ބަލަން ތިބޭނެ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުގެ ހަރަކާތް ހިންގަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ. އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް ސަރުކާރަށް ޕްރެޝަރު ކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ އަތޮޅުތަކަށް ވަޑައިގެން ވެސް އަޑު އުފުއްލަވަމުންނެވެ. މި ކެމްޕޭން މާދަމާ އޮތީ ފ. ނިލަންދޫގަ އެވެ.

އިންޑިއާ އައުޓް ކެމްޕޭންގައި ކ. ގުރައިދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވެސް ވިދާޅުވެފައި ވަނީ އިންޑިއާގެ ރައްޔިތުންނާ ކުރިން ވެސް އޮންނަ ގުޅުން އަބަދުވެސް ރާއްޖެއާ އޮންނާނެ ކަމަށެވެ. ކުރިޔަށް އޮތްތަނުގައި އެ ގުޅުން ވަރުގަދަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ދައުވަތު ނުދެނީސް އަދި ރާއްޖެއަށް ބަޔަކު އުދުވާނީ ހަމަލާއެއް ނުދެނީސް އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެގޮތަށް ތިބުމުން އެއީ ރާއްޖެ ހިފަންތޯ ސުވާލު އުފެދޭ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ޑޯނިއާ އާއި ހެލިކޮޕްޓަރަށް ރާއްޖޭގައި ތިބީ 75 ސިފައިންނެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މި ސިފައިން ރާއްޖޭގައި ތިބީ ވެސް ގާނޫނާ ހިލާފަށެވެ. މި މީހުންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި އިދިކޮޅުން އަންނަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.