Roadha Mihaaru
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް

ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާގެ އެއްބަސްވުން ހާމަކުރައްވާނެ: ޝިޔާމް

19 މާޗް 2022

މި ވެރިކަމުގައި އިންޑިއާއާ އެކު ސޮއިކޮށް ފޮރުވައިގެން އުޅޭ ސިއްރު އެއްބަސްވުންތައް، 2023ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި އާއްމުކުރެއްވުމަށް ފަހު އުވާލައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ވެރިކަމުގައި އިންޑިއާއާ އެކު ސޮއިކޮށް ފޮރުވައިގެން އުޅޭ ސިއްރު އެއްބަސްވުންތައް، 2023ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި އާއްމުކުރެއްވުމަށް ފަހު އުވާލައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ "އިންޑިއާ އައުޓް" ކެމްޕޭނަށް ޔާމީނާ އެކު ނައިފަރަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޝިޔާމް ވިދާޅުވީ އެ އަތޮޅަށް އަދި ރާއްޖެ އަށް ވެސް ނުރައްކާވެފައި އޮތް އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކުރައްވާނެ ލީޑަރަކީ ޔާމީން ކަމަށެވެ. އެމަނިކުފާނު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެން އެއްބަސްވުންތައް އުވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ދެން އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީ އަށް ވެރިކަން ލިބިއްޖެ ނަމަ، އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. ދިވެހިންނަށް ގެއްލުންވާ އެއްވެސް ކަމެއް އޮވެއްޖެ ނަމަ، އެ އެއްބަސްވުންތައް ވަގުތު ބާތިލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނާ ގުޅޭ މިފަދަ ބޮޑެތި ކަންކަމުގައި ޔަމީންގެ ވެރިކަމުގައި އަބަދު ވެސް ރައްޔިތުން މަޖިލީހަށް ހުށަހަޅައި ގޮތެއް ނިންމެވިޔަސް، އެކަމަކު މި ސަރުކާރުން އެކަން ނުކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި މީހުންގެ [ސަރުކާރުގެ] ޖައްބާރު ކަމަކީ، މި ގައުމަށް ގައްދާރުވާ ކަން އަންގައިދޭ ކަމަކީ، އޭގެއިން އެއްވެސް އެގްރީމެންޓެއް ރައްޔިތުންގެ މަޖިލީހަކަށް އަދި ޔަގީނުން ވެސް ނުގެނޭ. އަޅުގަނޑުމެން އިހުތިޖާޖުކޮށްގެން ވެސް އެ އެގްރީމެންޓްތައް ދެއްކީ އެމީހުންގެ މެޖޯރިޓީ އޮތް ކޮމެޓީއަކަށް،" އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައަށް ތާއީދު ކުރައްވަމުން އެ އެއްބަސްވުންތައް އުވާލައްވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ޔާމީން ތަކުރާރު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ މިންވަރަށް އިންޑިއާއަށް އަޅުވެތިވާންވީ ސަބަބެއް ނެތް ކަމަށެވެ. މި ވެރިކަމުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅުން ވެސް އެމަނިކުފާނާއި ސަރުކާރަށް ޕްރެޝަރު ކުރަންވީ އެއްބަސްވުންތައް ހާމަކުރަން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިސް ބޭފުޅުން ތާއީދު ހޯދަން ޅ. އަތޮޅަށް ވަޑައިގަތުމުން އިންޑިއާގެ އެއްބަސްވުންތައް ދައްކައި ހަގީގަތް ހާމަކުރަން ގޮވާލުމަށް ޔާމީން އެދިވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި، އެ އިހުތިޖާޖަކީ މިއަދު އެކަނި ކޮށްގެން ނިންމާލައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޔަމީން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ސަރުކާރުގެ އިސްވެރިން އެ ރަަށަށް ވަޑައިގަންނަވާނެ އެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަށް އެ ރަށުގެ މަގުތަކަށް މިއަދު ނުކުމެގެން ތިބި އެމަނިކުފާނުގެ ސަޕޯޓަރުން އެ ދުވަހު ވެސް އެ ބޭފުޅުންނާ ބައްދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސަމާސާ ރާގަކަށް ޔާމީން ދެން ވިދާޅުވީ "އިންޑިއާ ސިފޭންނަށް ޖެހޭނީ ފޭއިބާށޭ" އެ ބޭފުޅުން ގާތުގައި އެ ދުވަހު ބުނަން ޖެހޭ ކަމަށެވެ.

"ހަމަ މި ގްރޫޕް ނިކުމެވަޑައިގަންނަވާ. މި ގްރޫޕް ނިކުމެ ބުނޭ، އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތޭ އިންޑިއާގެ އަސްކަރިއްޔާ މިތާ ތިބެން ޖެހޭ ސަބަބު ކިޔައިދޭށޭ،" ޔަމީން ވިދާޅުވި އެވެ.

"ސަބަބު ކިޔައި ނުދެވޭ ކަމަށް ވަންޏާ، ދެން ތިމަންނަމެން ކަލޭމެންނާ ދައްކާނެ ވާހަކައެއް ނެތޭ."

އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިންގައި ޅ. ނައިފަރުގެ ސަޕޯޓަރުން ޝުއޫރުފާޅުކުރަނީ.-- ފޮޓޯ: ޕީޕީއެމް

އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިންގައި ޅ. ނައިފަރުގެ ސަޕޯޓަރުން ޝުއޫރުފާޅުކުރަނީ.-- ފޮޓޯ: ޕީޕީއެމް

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޅި ފާދިއްޕޮޅުގެ މީހުން ތިބީ އިންޑިއާގެ ސިފައިން ބޭރުކުރަން ބޭނުންވެފައި ކަން މާފިލާފުށީގައި ތިބި ސިފައިންނަށް ވެސް އެނގެން ޖެހެ އެވެ.

އިންޑިއާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމަކާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެއީ ކަނޑު އަޑީގެ ޗާޓުތައް ކުރަހަން އިންޑިއާއާ ހަވާލު ކުރި ހައިޑްރޮގްރަފީ އެއްބަސްވުމާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުމާއި އަދި އުތުރުތިލަފަޅުގައި ބަނދަރެއް ހެދުމާ ބެހޭ އެއްބަސްވުމެވެ.

ޔަމީން ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހިންނަށް އިންތިހާ އަށް ހިތްދަތިކަން ދީފައިވާ ކަމަށާއި އެފަދަ ބަޔަކާ އެކު ހަދަން ޖެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. ސޮއިކޮށްފައި ވަނީ ފަންނީ ނުވަތަ ސަގާފީ އެއްބަސްވުމެއްތޯ ބެލުމެއް ނެތި، އެ ގައުމާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ވެސް ބާތިލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.