Roadha Mihaaru
އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން ރުފިޔާ!

22 ޑިސެމްބަރ 2021

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާ ކަމަށްވާ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާ ކަމަށްވާ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ 20 އަތޮޅަކަށް މިހާރު ދީފައިވާ ކަމަށެވެ. އެއީ؛

- 2016 ވަނަ އަހަރު ދޭން ޖެހޭ 17.9 މިލިއަން ރުފިޔާ

- 2017 ވަނަ އަހަރު ދޭން ޖެހޭ 20.5 މިލިއަން ރުފިޔާ

މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ވެސް ބައްދަލުކޮށްފަ އެވެ. އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ވަނީ އެދިފަ އެވެ.

މިކަމުގައި އިސްކޮށް އުޅޭ ގއ. އަތޮޅު ކައުންސިލް ބުނެފައި ވަނީ އެ އަތޮޅުގެ އަތޮޅު ފިހާރައާ އެކު، އެ ސަރަހައްދުގައި ހުރި އެހެން އަތޮޅުތަކުގެ ފިހާރަތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްދިނުމަށް އެދި، މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ އެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށެވެ.

މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވައިފަ އެވެ.

އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރާއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓިކް ޝޮޕްތަކަކަށް ބަދަލުކުރާށެވެ.