Roadha Mihaaru
އެމެރިކާގެ އިސް ވަފުދެއް ފަލަސްތީނާއި އިޒްރޭލަށް

އެމެރިކާގެ އިސް ވަފުދެއް ފަލަސްތީނާއި އިޒްރޭލަށް

22 ޑިސެމްބަރ 2021

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން އިސްވެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން، އެމެރިކާ ސަރުކާރުގެ އިސް ވަފުދެއް އިޒްރޭލާއި ފަލަސްތީނަށް ކުރައްވާ ދަތުރެއްގައި މެދުއިރުމައްޗަށް އިއްޔެ ވަޑައިގެންފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން އިސްވެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން، އެމެރިކާ ސަރުކާރުގެ އިސް ވަފުދެއް އިޒްރޭލާއި ފަލަސްތީނަށް ކުރައްވާ ދަތުރެއްގައި މެދުއިރުމައްޗަށް އިއްޔެ ވަޑައިގެންފި އެވެ.

އެމެރިކާ ވަފްދުގެ މި ޒިޔާރަތުގައި އިޒްރޭލާއި ފަލަސްތީނުގެ ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ ކަންތަކުގެ ތެރޭގައި، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ އާއި ފަލަސްތީނާއި އިޒްރޭލުގެ އަރައިރުމުގެ މައްސަލަ ހިމެނެ އެވެ. މި ވަފްދުގެ ބޭފުޅުން އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ އިޒްރޭލަށެވެ. އަދި މި ހަފުތާގެ ފަހުކޮޅު ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.

މިހާރު އިޒްރޭލަށް ޒިޔާރަތް ކުރާ ވަފްދުގައި ހިމެނެނީ ސުލީވާންގެ އިތުރުން، ވައިޓް ހައުސްގެ، މެދުއިރުމަތީގެ ކަންކަމާ ބެހޭ ކޯޑިނޭޓަރު ބްރެޓް މެކްގާކް އާއި އިރުމަތީ ސަރަހައްދުގެ ކަންކަމާ ބެހޭ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޔައޭލް ލެމްޕާޓް އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާން އެމިލީ ހޯން ވިދާޅުވި ގޮތުގައި، ޖެކް ސުލިވާންގެ މިދަތުރުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި އިޒްރޭލު ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުކުރެއްވުމުގައި، އިޒްރޭލުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން، އިޒްރޭލުގެ ވެރިންނަށް ދެއްވާނެ އެވެ.

އޭގެ އިތުރުން، އިޒްރޭލާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުމާ ބެހޭ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އޭގެ ތެރޭގައި އީރާންގެ ނިއުކްލިއާ މަޝްރޫއުން އެމެރިކާއަށާއި އިޒްރޭލަށް ކުރިމަތިވާ ނުރައްކާތައް ހިމެނެ އެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވިއެނާގައި މިދިޔަ ދެ ހަފުތާގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި ނާކާމިޔާބުވެފައިވާއިރު، އީރާންގެ ނިއުކްލިއާ ކާރުހާނާތަކަށް އަސްކަރީ ހަމަލާއެއް ދިނުމާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ވެރިންގެ ފެންވަރުގައި މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަޝްވަރާތައް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އީރާންގެ ނިއުކްލިއާ ކާރުހާނާތަކަށް ހަމަލާއެއް ދޭނެ ގޮތުގެ ތަމްރީނުތަކެއް ބޭއްވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޖެކް ސުލިވާން އިޒްރޭލަށް ކުރައްވާ ދަތުރުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ އެވެ. އެ މައްސަލައިގައި އެމެރިކާ އާއި އިޒްރޭލުގެ އަމާޒު ހުރީ އެއް މިސްރާބަކަށް ކަމަށާއި، އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދެ ގައުމުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.