Roadha Mihaaru
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު

ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު: ނަތަންޔާހޫ

31 އޮކްޓޯބަރ 2023

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ވާހަކަ ވެސް ނުދައްކަވާނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ވާހަކަ ވެސް ނުދައްކަވާނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެރިރަށް ތަލް އަބީބްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ ހަމާސް އިން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު، މި ދަނޑިވަޅުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ ޓެރަރިޒަމްގެ ކުރިމަތީގައި އަމާން ދިނުން ކަމަށެވެ. އެމެރިކާ އަށް ކުރިމަތިވި ޕާލް ހާބާ (ޑިސެމްބަރު 7، 1941) ހަމަލާ އާއި ސެޕްޓެމްބަރު 11 (ސެޕްޓެމްބަރު 11، 2001)ގެ ހަމަލާއަށް ފަހު އެމެރިކާ ވެސް ހަމަލާ ބަދަލުކުރުމުގެ ވާހަކަ ދައްކަން ބޭނުން ނުވި ފަދައިން، އޮކްޓޫބަރު 7ގެ ހަމަލާއަށް ފަހު، އިޒްރޭލު ވެސް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލަކީ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ކުރިމަތީގައި އަމާންދޭން ގައުމެއް ނޫނެވެ. އަދި ހަމާސް އިން މަސައްކަތް ކުރަމުން ދަނީ އިޒްރޭލުގެ ކުރިމަގުގެ ވައުދު ފަނުފުލުން ދުއްވައިލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހަނގުރާމަ ފެށީކީ އިޒްރޭލެއް ނޫން. މިއީ އިޒްރޭލުން ކުރަން ބޭނުންވި ހަނގުރާމައެއް ވެސް ނޫން. އެހެން ނަމަވެސް މި ހަނގުރާމަ ކާމިޔާބު ކުރާނީ އިޒްރޭލް،" ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން މިހާރު ކުރަމުންދާ މަސައްކަތަކީ ތަހުޒީބީ މުޖްތަމައާ ދެކޮޅަށް އަނިޔާވެރި ޖަމާއަތަކުން ފެށި ހަނގުރާމައެއްގައި، ތަހުޒީބީ މުޖްތަމައުގެ ދިފާއުގައި ހަނގުރާމަ ކުރުމެވެ.

ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަމަލާ ދެމުން ދަނީ އާންމުންނަށް ލިބޭ ގެއްލުން ވީހާ ކުޑަކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށެވެ. ނަމަވެސް ހަމާސް ޖަމާއަތުން ގާޒާގެ އާންމު ރައްޔިތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާތީ، އާންމުންނަށް ލިބޭ ގެއްލުން ބޮޑުވުމަކީ، އިޒްރޭލުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ސިފައިން ގާޒާގައި ކުރާ މަސައްކަތަކީ ދީނީ ވާޖިބެއް އަދާކުރުމެވެ.

"ބައިބަލްގައި ވެސް އޮންނާނެ، ސުލްހައިގެ ވަގުތާއި ހަނގުރާމައިގެ ވަގުތު އޮންނަ ކަމަށް. މިއީ ހަނގުރާމައިގެ ވަގުތު. މިއީ ދުނިޔޭގެ އެންމެންގެ ކުރިމަގަށްޓަކައި ކުރާ ހަނގުރާމައެއް. މިއަދު އަހަރެމެން މިވަނީ ތަހުޒީބުގެ ލަޝްކަރާއި އަނިޔާވެރިކަމުގެ ލަޝްކަރާ ދެމެދު ރޮނގެއް ދަމާލާފައި. އެހެންވީމާ، މިއީ އެ ބަޔަކު ތިބޭނެ މީގެ ތެރެއިން ކޮން ފަޅިއެއްގައި ކަން އެބަޔަކު އަމިއްލަ އަށް ކަނޑައަޅަންވީ ވަގުތު."

އޭނާ ވިދާޅުވީ އިޒްރޭލު އަބަދުވެސް އޮންނާނީ އަނިޔާވެރިކަމާ ދެކޮޅު ފަޅީގައި ކަމަށާއި، އީރާންގެ ޝައިތާނީ ތިނެސްކަން (އީރާން، ހަމާސް، ހިޒްބުﷲ) މި ހަނގުރާމަ ކާމިޔާބުކޮށްފިއްޔާ، އެމީހުންގެ ދެ ވަނަ އަމާޒަކަށް ހަދާނީ އިޒްރޭލު ނޫން އެހެން ގައުމުތައް ކަމަށެވެ. އެހެންކަމުން، މި ހަނގުރާމައިގައި އިޒްރޭލަށް ލިބޭ ކާމިޔާބަކީ ހުރިހާ ގައުމުތަކަށް ވެސް ލިބޭނެ ކާމިޔާބެއްކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ހަމަލާއެއްައި ގާޒާގެ އިމާރާތްތައް ބިމާ ހަމަވެފައި

އިޒްރޭލުގެ ހަމަލާއެއްައި ގާޒާގެ އިމާރާތްތައް ބިމާ ހަމަވެފައި

ނަތަންޔާހޫ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އެމެރިކާ ސަރުކާރުން ވެސް ބުނީ މި ދަނޑިވަޅުގައި ހަނގުރާމަ ހުއްޓައިލަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެމެރިކާ އިން ފޯރުކޮށްދޭނެ ކަމަށް ވެސް އެމެރިކާ ސަރުކާރުން ބުންޏެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ، މިހާރު ކުރިމަތިވެފައިވާ ސުވާލުގެ ޖަވާބު ނޫން ކަމަށެވެ.

"އަހަރެމެން ގަބޫލެއް ނުކުރަން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ މިވަގުތަށް އެންމެ މުނާސަބު ޖަވާބު ކަމަކަށް. އަހަރެމެން ގަބޫލުކުރަނީ ހަމަލާ ބަދަލުކުރުން މި ދަނޑިވަޅުގައި ހުއްޓާލައިފިއްޔާ އެކަމުން ހުރިހާ ފައިދާއެއް ލިބޭނީ ހަމާސްއަށް ކަމަށް. މިވަގުތު ކުރިމަތިވެފައިވާ ހާލަތުގެ ނާޖާއިޒު ފައިދާ ލިބޭނެ ބަޔަކީ ހަމައެކަނި ހަމާސް،" ޖޯން ކިރްބީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާ ބަދަލުކުރުން އެކުގައި ހުއްޓައިލުމުގެ ބަދަލުގައި އެމެރިކާ ސަރުކާރުން ބޮޑަށް ބާރުއަޅަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށް ހަމަލާތައް މަޑުޖައްސައިލުމަށެވެ. އަދި ޣައްޒާ އިން ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިވާ ގޮތަށް އަސްކަރީ ހަރަކާތްތައް ބަދަލުކޮށްލުމަށެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 25 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 21040 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3450 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2130 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2100 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 315 މީހަކާއި ފުލުހުންގެ 58 މީހުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.