Roadha Mihaaru
ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

23 ޑިސެމްބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ސެޝަންގެ ރައީސް ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އިންތިހާބުކުރި ފަހުން، ނިއުޔޯކްގައި ދިރިއުޅުއްވަމުން ގެންދަވާ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަށް ކޮވިޑް ޖެހުނީ އެ ބަލިން ދިފާއުވުމަށް ބޫސްޓާ ޑޯޒް ވެސް މިދިޔަ ހަފުތާގައި ޖައްސަވާފައި ވަނިކޮށް ކަމަށެވެ.

ކޮވިޑް ޖެހުމާއެކު، ޝާހިދު ވަނީ ނިއުޔޯކްގައި އޭނާ ދިރިއުޅުއްވާ ގޭގައި އެކަހެރިވެވަޑައިގެންފަ އެވެ،

ކޮވިޑް ޖެހިފަައިވާ މީހުންނާއި އެ ބަލިން ދިފާއު ވުމުގެ ވެކްސިން ޖެހުމުގެ ނަސީބު ނެތް މީހުންނަށް ހެޔޮ ދުއާ ކުރައްވާ ކަމަށް ވިދާޅުވެ، ޝާހިދު ވަނީ ވެކްސިންގެ ހަމަހަމަ ކަމަށް ފެށުނީއްސުރެ ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވައިފަ އެވެ.

ޝާހިދުގެ ޓުވީޓް

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ޝާހިދުގެ ފަރާތުން ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނެ އެވެ. އަދި މިދިޔަ ދުވަސްތަކުގައި ޝާހިދު ބައްދަލުކުރައްވާފައި ވަނީ މަދު ބަޔަކާ ކަމަށާއި އެ މީހުންނަށް ވެސް ސަމާލުވާން އަންގަވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.