Roadha Mihaaru
އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދެނީ

އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރު ދެނީ

02 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

މިއީ ކޮރޯނާވައިރަހާ ގުޅިގެން، ހުރިހާ ގައުމުތަކަށް އެމެރިކާ އިން ދޭ މާލީ އެހީގެ ތެރޭގައި ހިމެނޭ ދެ މިލިއަން ޑޮލަރެވެ. އިގްތިސާދީ ގޮތުން ގައުމުތަކަށް އެހީވުމަށް އެ ގައުމުން ވަނީ 150 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިިފަ އެވެ.

އެމެރިކާގެ މި އެހީއާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސެކެޓްރީ ޕޮމްޕެއޯ އަށާއި ރާއްޖެ އާއި ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައިވާ ސަފީރު އަަލައިނާ ޓެޕްލީޓްޒް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. މި ހާލަތުން އަރައިގަތުމަށް އެކުވެރި ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް އެ ޓުވީޓުގައި ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓް

އެމެރިކާ އިން ބުނީ، ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުން އެހީތެރިކަން ހޯދައިދިނުމުގައި ވެސް އެ ގައުމުން އެހީވާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ. މީގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝް ހިމެނެ އެވެ. މީގެ އިތުރުން ދެކުނު ކޮރެއާ އާއި ރަޝިއާ އާއި ތުރުކީ އަދި ކުވައިތުގެ އެހީއަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.

ދުނިޔެއަށް މިހާރު ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ވެސް ދަށްވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ބައެއް ގައުމުތައް ބަޑަށް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން، ސައުތު އޭޝިއާގައި ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވޯލްޑު ބޭންކުން ލަފާ ކޮށްފައިވަނީ ރާއްޖެ އަށެވެ.