Roadha Mihaaru
ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް މުހިއްމު: ހަސީނާ

ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް މުހިއްމު: ހަސީނާ

23 ޑިސެމްބަރ 2021

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގައި އިސްކަން ދިނުމުގެ އެއްބަސްވުމެއް ގާއިމްކުރުން މުހިއްމު ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝޭޚު ހަސީނާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގައި އިސްކަން ދިނުމުގެ އެއްބަސްވުމެއް ގާއިމްކުރުން މުހިއްމު ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝޭޚު ހަސީނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކު މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ހަސީނާ ވިދާޅުވީ ތަކެތި އުފެއްދުމުގެ ގާބިލުކަން އިތުރުވަމުން އަންނާތީ ބަންގްލަދޭޝަކީ ރަނގަޅު ގިނަ އުފެއްދުންތަކެއް ރާއްޖެއަށް ސަޕްލައިކުރެވޭނެ ގައުމެއް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއެރުވުމާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ތަފްސީލުކޮށް މަޝްވަރާކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ވިޔަފާރީގައި އިސްކަން ދިނުމުގެ އެއްބަސްވުމެއް، ދެ ގައުމުގެ ދެމެދުގައި ގާއިމްކުރުމުގެ މުހިއްމުކަން އަޅުގަނޑު އަނެއްކާވެސް ފާހަގަކުރިން،" ހަސީނާ ވިދާޅުވި އެވެ.

ދެ ގައުމުގެ މެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރުކުރެވިފައިވާތީ ހިތްޕުޅު ހަަމަޖެހިވަޑައިގަންނަވާ ކަމަށާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުފަށަން ވިސްނަމުން އަންނަ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް އިތުރުވުމުން، ދެ ގައުމުގެ މީހުންގެ ގުޅުމާއި ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ހަސީނާ ވިދާޅުވި އެވެ.

ބަންގްލަދޭޝް އާއި ރާއްްޖެއާ ދެމެދު ދަތުރުކުރާ ޝިޕިން ލައިނެއް އުފެއްދުމަށް ފުރުސަތު އޮތް ވަރާ ގުޅޭ ގޮތުން ވެސް ދެބޭޅުންގެ މަޝްވަރާ ކުރެއްވި ކަމަށް ހަސީނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުމަށް މި އަހަރަކީ، ހަސީނާ ވިދާޅުވި ގޮތުގައި، ވަރަށް ހާއްސަ އަހަރެކެވެ. އެއީ އެކަމަނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބަންގްލަދޭޝް އަށް މި އަހަރު ވަޑައިގެންނެވުން ހިމެނޭ ގޮތުން، މަތީ ފެންވަރުގައި ކުރެވުނު މުއާލަމާތްތައް މި އަހަރު ގިނަވީމަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމު ވެސް މިދިޔަ މަހު އެ ގައުމަށް ދަތުރެއް ކުރެއްވި އެވެ.