Roadha Mihaaru
އާޒިފް ނަން ނެގުމުން ހަމްދޫން އެމްއެމްސީއަށް ހޮވިއްޖެ

އާޒިފް ނަން އަނބުރާ ނެގުމުން ހަމްދޫން އެމްއެމްސީއަށް ހޮވިއްޖެ

13 ޑިސެމްބަރ 2016

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހިތާދޫ އޮންލައިންގެ ފަރާތުން ކުރިމަތިލި އަހްމަދު އާޒިފްގެ ނަން އަނބުރާ ނެގުމުން އެ ކައުންސިލްގެ މެމްބަރަކަށް "މިހާރު"ގެ މުހައްމަދު ހަމްދޫން މިއަދު ހޮވިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހިތާދޫ އޮންލައިންގެ ފަރާތުން ކުރިމަތިލި އަހްމަދު އާޒިފްގެ ނަން އަނބުރާ ނެގުމުން އެ ކައުންސިލްގެ މެމްބަރަކަށް "މިހާރު"ގެ މުހައްމަދު ހަމްދޫން މިއަދު ހޮވިއްޖެ އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި އާޒިފް އާއި "މިހާރު" ގެ ކުޅިވަރު ނޫސްވެރިޔާ ހަމްދޫނަށް 40 ވޯޓު ލިބި އެއްވަރުވުމާ ގުޅިގެން ބައި އިލެކްޝަނެއް ބާއްވަން އެ މިނިސްޓްރީން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު އާޒިފް ނަން މިއަދު ނެގުމުން ބައި އިލެކްޝަން ދެން ބާއްވާކަށް ނުޖެހޭނެ އެވެ.

ސަން އޮންލައިންގެ ޒުވާން ނޫސްވެރިޔާ އާޒިފް ބުނީ މީޑިއާ ކައުންސިލް އިންތިހާބުގައި "މިހާރު" ވެސް ހިމެނޭ ގޮތަށް ބައެއް މީޑިއާތަކުގެ ފުރިހަމަ ތާއީދު އޭނާ އަށް ލިބުނު ކަމަށެވެ.

"މިހާރާއި އެހެން މީޑިއާތަކުގެ އެއްބާރުލުން ނުލިބުނު ނަމަ މި ކާމިޔާބީއެއް ނުލިބޭނެ. އެހެންވީމަ 'މިހާރު' އާ ބައި އިލެކްޝަންގައި ވާދަކުރަން ޖެހުނީމަ، 'މިހާރު'ން ދިން އެއްބާރުލުމުގެ އަގު ވަޒަންކުރަން ނަން އަނބުރާ މި ނެގީ،" އާޒިފް ބުންޏެވެ.

ނަން ނެގުމަށް ފަހު އާޒިފް ކުރި ޓުވީޓެއް.

އާޒިފް ކުރި ޓްވީޓެއްގައި ބުނީ "އެންމެ ބޭނުންވި އިރު އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ފައިގައި ކޮޅުފައިން ޖެހުމަކީ އަޅުގަނޑުގެ ސިޔާސަތުތަކާ ޚިލާފު ކަމެއް" ކަމަށެވެ.

ހޯމް މިނިސްޓްރީގައި އޮތް އިންތިހާބުގައި 86 ފަރާތަކުން ވޯޓުލި އިރު، މީޑިއާގެ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 29 މީހަކު ވާދަކުރި އެވެ. މީޑިއާ ކައުންސިލަށް އިންތިހާބު ކުރީ މީޑިއާތަކުން ހަ ނޫސްވެރިޔަކާއި އަމިއްލަ ގޮތުން ހަ މީހަކާ އެކު، ޖުމްލަ 12 މީހެކެވެ.

"މިހާރު" ނިއުސް ޓީމް މިއަދު އާޒިފް އަށް މަރުހަބާ ކިޔުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން: އެމްއެމްސީގައި މިހާރު ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ އާޒިފްގެ ނަން ނެގުމުން --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު" ނިއުސް ޓީމް މިއަދު އާޒިފް އަށް މަރުހަބާ ކިޔުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން: އެމްއެމްސީގައި މިހާރު ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ އާޒިފްގެ ނަން ނެގުމުން --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި ނޫސްވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ހޯދީ ވީމީޑިއާގެ އަހުމަދު ރިފާއު އެވެ. އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދީ އަހުމަދު އަބީރު އިސްމާއިލެވެ.

މީޑިއާތަކުން ހޮވުނު މީހުން:

1- އަހުމަދު ރިފާއު (ވީމީޑިއާ): 69 ވޯޓު 2- އަހުމަދު މުޖުތަބާ (ސަން މީޑިއާ): 57 ވޯޓު 3- ފަޔާޒް ޔޫސުފް (ޕީއެސްއެމް): 55 ވޯޓު 4- އަބްދުލް މުއީދު ހަސަން (ބަހުރު މަޖައްލާ): 44 ވޯޓު 5- މިސްބާހު އައްބާސް (ވީއެފްޕީ): 41 ވޯޓު 6- ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި މަޖައްލާ): 41 ވޯޓު

7- މުހައްމަދު ހަމްދޫން (މިހާރު): 40 ވޯޓު

އަމިއްލަ ގޮތުން ހޮވުނު މީހުން:

1- އަހުމަދު އަބީރު އިސްމާއިލް: 81 ވޯޓު 2- ޝައުފާ ހުސެއިން: 74 ވޯޓު 3- މުހައްމަދު އާޒިމް: 73 ވޯޓު 4- އަންވަރު އިބްރާހިމް: 62 ވޯޓު 5- އަސްއަދު ޝަރީފް: 45 ވޯޓު 6- މަރިޔަމް ހަލީލް: 39 ވޯޓު ޖުމްލަ 15 މެމްބަރުން ތިއްބަވާ މީޑިއާ ކައުންސިލްގެ އެންމެ ފަހު ދައުރު މި މަހު ދެވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ކައުންސިލްގެ އާ ދައުރަށް 13 މެމްބަރަކު އިންތިހާބު ކުރަނީ އެންމެ ފަހުގެ ކައުންސިލްގެ ދައުރުގެ ވަކި ހިސާބަކުން ދެ މެމްބަރަކު އަލަށް އިންތިހާބު ކޮށްފައި ވާތީ އެ މީހުންގެ ދައުރު އަދި ހަމަނުވާތީ އެވެ. އެކަމަކު އޭގެ ތެރެއިން މީޑިއާތަކުން ކުރިމަތިލި މެމްބަރު އިއްޔެ ވަނީ އިސްތިއުފާ ހުށަހަޅައިފަ އެވެ. މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.