Roadha Mihaaru
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް

ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް

11 ޑިސެމްބަރ 2018

ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ)، ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މިރޭ ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ)، ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މިރޭ ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ސޯދިގަށް އެ އެވޯޑް އެރުވީ އޭނާ ދިވެހި ނޫސްވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

"ހަވީރު" ނޫހުގެ ފުރަތަމަ އެޑިޓަރު ސޯދިގު ވަނީ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމްތަކުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ނޫސް ސަރުކާރުގެ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގަ އާއި، ވިޔަފާރި މިއަދު އަދި މޫންލައިޓް ފަދަ ނޫސްތަކުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

ނޫސްވެރިކަމުގެ އިނާމުތައް މިދިޔަ އަހަރު ހާސިލްކުރި ނޫސްވެރިންނަށް ވެސް މި ޖަލްސާގައި މިހާރު ވަނީ އެވޯޑް ދީފަ އެވެ.

ފީޗާ ލިޔުމުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އާމިނަތު ޝިފްލީން އެވެ. އެ އެވޯޑަށް "މިހާރު"ގެ އާސިމާ ނިޒާރު އަދި އާސިޔަތު މުހައްމަދު ސައީދު ވެސް ވާދަކުރި އެވެ.

ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "އަވަސް"ގެ މޫސާ ރަޝީދެވެ. އެ ބައިން "މިހާރު"ގެ ފަޒީނާ އަހުމަދާއި "އަވަސް"ގެ ނާޒިމް ހަސަން ވެސް ނޮމިނޭޓްވެފައިވެ އެވެ.

ކުޅިވަރުގެ ދާއިރާ އިން ވާދަކުރި ދެ ނޫސްވެރިން ކަމަށްވާ "މިހާރު"ގެ އައްޒާމް އަލިފުޅާއި "އަވަސް"ގެ ހުސެން ހަބީބަށް ލިބުނު މާކްސް އެއްވަރުވުމާ ގުޅިގެން އެ އެވޯޑް ދެ ނޫސްވެރިންނަށް ވެސް ލިބުނެވެ.

ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އަބްދުﷲ ޖަމީލް އެވެ. އެ އެވޯޑަށް ރާއްޖެ އެމްވީގެ ފާތުމަތު ޝަނާ މުހައްމަދާއި "އަވަސް"ގެ މުހައްމަދު އަފްރާހު ވެސް ވާދަކުރި އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ މުއިއްޒު އިބުރާހީމް އެވެ. އެ ބައިން އޭނާއާ ވާދަކުރީ "އަވަސް"ގެ ނާޒިމް ހަސަން އެވެ.

އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ "މިހާރު"ގެ އަހުމަދު ސާއިލް އަލީ އެވެ .އެބައިން "މިހާރު"ގެ އާމިނަތު ޝިފްލީން އާއި "އަވަސް"ގެ މޫސާ ރަޝީދު ވެސް ނޮމިނޭޓްވެފައިވެ އެވެ.

ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ރާއްޖެ ޓީވީގެ ފާތުމަތު ޝަނާ މުހައްމަދާ ވާދަކޮށް، ޗެނަލް 13ގެ އާމިނަތު ލަޔާލް މަނިކެވެ.

ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ ރާއްޖެ އެމްވީގެ މުހައްމަދު ޝަރުހާން ވަހީދެވެ. އެ ބައިން އޭނާއާ ވާދަކުރީ "މިހާރު"ގެ ދެ ފޮޓޯގްރާފަރެއް ކަމަށްވާ ހުސެން ވަހީދާއި ނިޝާން އަލީ އެވެ.

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ.