Roadha Mihaaru
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް

ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް

25 ޑިސެމްބަރ 2021

ލީގު އުސޫލުން ގުރޫޕް ސްޓޭޖް ކުރިއަށް ގެންދާ ޕްރެޒިޑެންޓް ކަޕްގައި، މިރޭ ކްލްބް ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާ އިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލީގު އުސޫލުން ގުރޫޕް ސްޓޭޖް ކުރިއަށް ގެންދާ ޕްރެޒިޑެންޓް ކަޕްގައި، މިރޭ ކްލްބް ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާ އިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް ދަތުރު ކުރާނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު ގަދަ ދޭއްގައި ގައި ނިންމާ ދެ ޓީމެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާ މޮޅުކޮށް ދިނުމުގައި އެންމެ ބޮޑު ހިއްސާއެއްވީ، އެ ޓީމަށް ދެލަނޑު ޖަހައިދިން އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.

ވެލެންސިއާ އެއްވަނައިގައި އޮތީ، ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ފައިދާ ގޯލުން ވެސް ކުރީގައި އޮތުމުންނެވެ. ވެލެންސިއާ އަށް ފައިދާ ހަތް ގޯލް އެބައޮތެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް ވެސް ވަނީ އެއަދަދަށް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މާޒިޔާ އަށް ލިބިފައި ވަނީ ފައިދާ ހަތަރު ގޯލެވެ.

ފުރަތަމަ ލަނޑު ސެންޓޭ ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ފޮނުވާލީ ތިރިތިރިންނެވެ. ބޯޅަ ގޯލްގެ ތެރެއަށް ވަނީ ގްރީންގެ ކީޕަރު އަހްމަދު ރަމީޒް އަތުގައި ޖެހިފަ އެވެ.

ދެވަނަ ލަނޑު ސެންޓޭ ޖެހީ 33 ވަނަ މިނެޓްގައި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ދިން ބޯޅައިންނެވެ. ހަލީލް އޭރިއާ ތެރެއަށް ވަދެ، ބޯޅަ ފޮނުވާލަން އޭނާ އަށް ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ބޯޅަ ދިނީ އޭރިއާ ތެރެއަށް އެރި ސެންޓޭ އަށެވެ. ސެންޓޭ ވަނީ އިތުބާރާއެކު ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

މެޗުގެ 43 ވަނަ މިނެޓްގައި ވެސް ސެންޓޭ އަށް ހުސް ފުރުސަތެއް ލިބުނެވެ. ގްރީންގެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ހުހަށް އޭރިއާގެ ތެރެއަށް ވަނެވެ. އޭނާ އަށް ހުރަސް އަޅަން ނުކުތް ކީޕަރު ރަމީޒް އާއި ސެންޓޭއާ ދެ ކުޅުންތެރިން އެކަކު އަނެކަކުގެ ގައިގައި ޖެހުމުން ދެ ކުޅުންތެރިން ވެސް ވެއްޓުނެވެ. ސެންޓޭ އަތުން ގެއްލުނު ބޯޅަ ގްރީންގެ ކުޅުންތެރިން ސާފްކޮށްލައި ބޯޅަ ބޭރުކޮށްލި އެވެ.

ވެލެންސިއާގެ ހަލީލް އަތުން ބޯޅަ ހޯދަން ގްރީންގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލެންސިއާގެ ހަލީލް އަތުން ބޯޅަ ހޯދަން ގްރީންގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެވަނަ ހާފަށް ނުކުތް ގޮތަށް ވެލެންސިއާ އިން ވަނީ ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ވެލެންސިއާއިން ނެގި ކޯނަރުން ތަނަވަސްވި ބޯޅައިން ލަނޑު ޖެހީ ހަލީލް އެވެ. ގްރީންގެ ކީޕަރު ރަމީޒު ފުންމައިގެން އަރައި ބޯޅަ ހޯދި އެވެ. އެކަމަކު ހަލީލްގެ ފައިގައި ޖެހިފައި ރަމީޒު އަތުން ބޯޅަ ދޫވި އެވެ. ކީޕަރު އަތުން ދުވީ ބޯޅަ ހަލީލް ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ވެލެންސިއާގެ ހުސައިން ހަނާން އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ ކުޅުންތެރިން ކުރިއަށް ދިން ބޯޅައެއް ލިބުނީ ގްރީންގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި ހަނާން އަށެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ އާހަމައަށް ދިއުމުން، ގްރީންގެ ކީޕަރު އޭރިއާ ބޭރަށް ނުކުތުމުން ހަނާން ވަނީ ހުހަށް އޮތް ގޯލަށް ފޮނުވާލަށް ބޯޅަ ޖަހައިފަ އެވެ. އެކަމަކު އެބޯޅަ ދިޔައި ހުރަސް ދަނޑިމަތިން ބޭރަށެވެ.

ގްރީން އިން ޖެހި ހަމައެކަނި ލަނޑަކީ އެޓީމަށް ލިބުނު ޕަނެލްޓީއެއްގައި ކެޕްޓަން ރިލްވާން ވަހީދު ޖެހި ލަނޑެވެ. އެޕެނަލްޓީ ގްރީން އަށް ލިބުނީ އެޓީމުގެ އަލީ ޝާމިސް (ތޮއްޕެ) ބޯޅަ ހިފައިގެން ހުސްކޮށް ވެލެންސިއާގެ އޭރިއާގެ ތެރެއަށް ވަނުމުން، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް، ޝާމިސް އަށް ފައުލް ކުރުމުންނެވެ. ރިލޭ ވަނީ ކީޕަރު ފައިސަލް އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ބުދަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ވާދަ ކުރަނީ، ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި މާޒިޔާ އާއި ޓީސީ ވާދަކުރާނެ އެެވެ.