Roadha Mihaaru
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި

ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި

30 ޑިސެމްބަރ 2021

އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ކޭސްތައް އިތުރުވަމުންދާތީ އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސިނަމާތައް ބަންދު ކުރާތީ މި މަހުގެ 31 ގައި ރިލީޒް ކުރަން އޮތް ޝާހިދުގެ ކަޕޫރްގެ ފިލްމު "ޖާޒީ" އެ ތާރީހުގައި ނުގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ކޭސްތައް އިތުރުވަމުންދާތީ އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސިނަމާތައް ބަންދު ކުރާތީ މި މަހުގެ 31 ގައި ރިލީޒް ކުރަން އޮތް ޝާހިދުގެ ކަޕޫރްގެ ފިލްމު "ޖާޒީ" އެ ތާރީހުގައި ނުގެނެސްދޭން ނިންމައިފި އެވެ.

އެކަން ފިލްމުގެ ޓީމާއި ޝާހިދު ވަކިން ކުރި ޓްވީޓެއްގައި ވެސް ހިއްސާ ކޮށްފައިވެ އެވެ. އޭނަ ބުނި ގޮތުގައި ފިލްމު ދެން އަންނަ އަހަރު ފެނެސްދޭނީ ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެވެ. "ޖާޒީ" ފަސްކުރި އިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 50 ޕަސެންޓް ކެޕޭސިޓީއާ އެކު ފިލްމުތައް ދައްކަމުން އައި ސިނަމާތައް ބުދަ ދުވަހުން ފެށިގެން ބަންދު ކުރަން ނިންމިކަން ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރުވާލް އަންގާރަ ދުވަހު އިއުލާން ކުރެއްވި އެވެ.

ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި އޮމިކްރޯންގެ ބިރު މިހާރު ބޮޑުވަމުންދާތީ އެ ވޭރިއަންޓް ޕީކް އިންޑިއާ އިން ފެންނާނެ ކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެހެންވެ މި ސަބަބާ ހުރެ ސިނަމާތަކުގެ ވިޔަފާރި އަށް ބޮޑު ހުއްޓުމެއް އަންނާނެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިހާރު ބެލެވޭ ގޮތުން އަންނަ މަހާއި ފެބްރުއަރީގައި ރިލީޒްކުރަން ހުރި ފިލްމުތައް ފަސްކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ ދެ މަހުގައި ރިލީޒް ކުރަން ހުރި ބޮޑެތި ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 7 ގައި ގެނެސްދޭން އޮތް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ޖެނުއަރީ 21 އަށް އޮތް އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އާއި ފެބްރުއަރީ 18 އަށް ތާވަލުކޮށްފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ހިމެނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމުތަކާއި އަދި ޝާހިދުގެ "ޖާޒީ" އަކީ ކޮވިޑާ ހެދި މިދިޔަ އަހަރު ވެސް ފަސްކުރަން ޖެހުނު ފިލްމުތައް ކަމެވެ. މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ސިނަމާތަކުގައި ފިލްމުތައް ދައްކަން ފެށި ފަހުން އެންމެ ރަނގަޅަށް ހިނގި ފިލްމަކީ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ.

ކޮވިޑާ ހެދި ސިނަމާތަކުގައި "ބަންދު" ބޯޑު އަޅުވަން ޖެހުމުން މިދިޔަ އަހަރާއި މި އަހަރު ވެސް ގިނަ ފިލްމުތަކެއް އެކިއެކި ސްޓްރީމިން ޕްލެޓްފޯމްތަކުން ޕްރީމިއާކޮށްފައިވެ އެވެ.

"ކަބީރް ސިންގް" އަށް ފަހު ޝާހިދު ކުޅުނު "ޖާޒީ" ފަސްކުރި އިރު، މި ފިލްމަކީ އެ ނަމުގައި 2019 ގައި ގެނެސްދިން ތެލެގޫ ފިލްމެއްގެ ރިމޭކެކެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ވެސް ހިމެނެ އެވެ.