Roadha Mihaaru
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން

ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން

09 ފެބުރުއަރީ 2021

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ސިނަމާތައް ބަންދުކުރަން ޖެހި ފިލްމީ ވިޔަފާރި އަދިވެސް ހުއްޓިފައި އޮތުމުން އިންޑިއާގެ ސިނަމާތައް މިހާރު ސިފަކުރެވެނީ ދިރުމެއް ނެތް ގަބުރުސްތާނުތަކެއްގެ ގޮތުގައި ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ސިނަމާތައް ބަންދުކުރަން ޖެހި ފިލްމީ ވިޔަފާރި އަދިވެސް ހުއްޓިފައި އޮތުމުން އިންޑިއާގެ ސިނަމާތައް މިހާރު ސިފަކުރެވެނީ ދިރުމެއް ނެތް ގަބުރުސްތާނުތަކެއްގެ ގޮތުގައި ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެ އެވެ.

ކޮވިޑާ ހެދި އިންޑިއާގައި މާޗް މަހުގެ 25 ގައި އިއުލާންކުރި ލޮކްޑައުންއާ އެކު ސިނަމާތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހުއްދަ ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގަ އެވެ. އެކަމަކު ސިނާމަތަކަށް ގެންނަ ބޮޑެތި ފިލްމުތައް މަދުވެފައި، ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު ވެސް ވަރަށް މަދެވެ. ސިނަމާތައް އަލުން ހުޅުވަން ހުއްދި ދިނީ 30 ޕަސެންޓް ކެޕޭސިޓީއާ އެކު ކަމަށް ވިޔަސް ފަހުން ނިސްބަތް 50 އަށް އިތުރުކޮށް މި މަހުގެ 1 އިން ފެށިގެން 100 ޕަސެންޓް ކެޕޭސިޓީ އަށް މިހާރު އޮތީ ހުއްދަ ވެސް ދީފަ އެވެ.

އެކަމަކު ސިނަމާތަކުގައި ފިލްމު ބެލުމުގެ ފޯރި ކުރިން ވަރަށް ގަދަ އިންޑިއާގައި މިހާރަކު އެ ފޯރިއެއް ނެތެވެ.

ސިނަމާތައް ފަޅުވެ، ފިލްމީ ވިޔަފާރި ވަރަށް ބޮޑަށް އިނދަޖެހިފައިވާތީ ސަލްމާން ބުނީ މިއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިއީ މުޅި އިންޑަސްޓްރީ އަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ސިނަމާތަކުގެ ވިޔަފާރި އާންމު ހާލަތަކަށް ގެންނަން ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުން މަސައްކަތްކުރަމުން އަންނަ އިރު، އެ މީހުން އަންނަނީ މަޝްހޫރު ތަރިންގެ ބޮޑެތި ފިލްމުތައް ސިނަމާތަކުގައި އަޅުވަން އެދެމުންނެވެ. ސަބަބަކީ މި ފަހުން ފިލްމުތައް ޑިޖިޓަލްކޮށް ޕްރިމިއާކުރަމުން ދިއުމެވެ.

"އަހަރެމެންގެ މަސައްކަތަކީ އެކްޓްކޮށްފައި ފިލްމު ހެދުން. އެކަމަކު އަހަރެމެންގެ ސިނަމާތައް މިހާރު ގަބުރުސްތާންކަކަށްވެފައި އޮތުމުން އެ ފިލްމުތައް ދައްކާނީ ކޮންތާކު؟" ސަލްމާން ބުންޏެވެ. "ފިލްމު ހަދަނީ ސިނަމާތަކަށް. ސިނަމާތައް ހިންގަނީ ފިލްމުތައް އަޅުވަން. އެހެންވީމަ އެބަޖެހޭ ކުރިއެކޭ އެއްގޮތަށް ސިނަމާތައް ހިނގައިގަންނަން."

ސަލްމާން ވަނީ އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" މި އަހަރުގެ މެއި މަހުގެ މެދުތެރޭގައި ދިމާވާ ފިތުރު އީދާ ދިމާކޮށް ސިނަމާތަކުގައި ރިލީޒްކުރަން ނިންމައިފަ އެވެ. އެކަން އޭނާ ހޯސްޓްކުރާ ކަލާޒް ޗެނެލްގެ "ބިގް ބޮސް 13" ގެ އާދީއްތަ ދުވަހުގެ ރޭގެ ވީކެންޑް ކާ ވާރު އެޕިސޯޑްގައި ވެސް އިއުލާންކޮށްފައިވެ އެވެ. އެ އެޕިސޯޑްގައި "ރާދޭ" ގެ ކާސްޓްގައި ހިމެނޭ ޑިޝާ ޕަޓާނީ އާއި ރަންދީޕް ހޫޑާ ވެސް ބައިވެރިވި އެވެ.

ސަލްމާން ޕްރޮޑިއުސްކޮށް މި މަހުގެ 26 ގައި ފަށާ ޒީޓީވީގެ "އިންޑިއަން ޕްރޯ މިއުޒިކް ލީގް" އާ ބެހޭ ގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ސަލްމާން ވަނީ ސިނަމާތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފަ އެވެ.

"އަހަރެމެންގެ މަސައްކަތަކީ އެކްޓްކޮށްފައި ފިލްމު ހެދުން. އެކަމަކު އަހަރެމެންގެ ސިނަމާތައް މިހާރު ގަބުރުސްތާންކަކަށްވެފައި އޮތުމުން އެ ފިލްމުތައް ދައްކާނީ ކޮން ތާކު؟" ސަލްމާން ބުންޏެވެ. "ފިލްމު ހަދަނީ ސިނަމާތަކަށް. ސިނަމާތައް ހިންގަނީ ފިލްމުތައް އަޅުވަން. އެހެންވީމަ އެބަޖެހޭ ކުރިއެކޭ އެއްގޮތަށް ސިނަމާތައް ހިނގައިގަންނަން. ސިނަމާތަކަށް މީހުން ވަންނާނެ ގޮތްގޮތް ވެސް އެބަޖެހޭ ހަދަން. އެންމެ މުހިއްމު ކަމަކަށް ސިނަމާތަކަކީ ރައްކާތެރި ތަންތަންކަން އާންމުންނަށް ކަށަވަރުކޮށްދީ އިތުބާރު ހޯދަން އެބަޖެހޭ."

މިހާރު ކޮވިޑަށް ވެކްސިން ވެސް ލިބިއްޖެ. އެހެންވީމާ ދެން އޮތީ ކުރިއެކޭ އެއްގޮތަށް ސިނަމާތައް ހިނގައިގަތުން: ސަލްމާން

އޭނާ ބުނީ ސިނަމާތަކުގެ ވިޔަފާރި މި އަހަރު އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދިޔަ ނަމަވެސް އަހަރު ނިމޭކޮޅާއި އަންނަ އަހަރު ވިޔަފާރި އާންމު ހާލަތަކަށް އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

"މިހާރު ކޮވިޑަށް ވެކްސިން ވެސް ލިބިއްޖެ. އެހެންވީމާ ދެން އޮތީ ކުރިއެކޭ އެއްގޮތަށް ސިނަމާތައް ހިނގައިގަތުން." ސަލްމާން ބުންޏެވެ.

މި އަހަރުގެ ސަލްމާންގެ ދެ ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ "ރާދޭ" ގެ އިތުރުން "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.

ކުރިން އިންޑިއާ އަކީ ކޮންމެ ހަފުތާއްގެ ހުކުރު ދުވަހު އާ ފިލްމުތައް ސިނަމާތަކަށް ގެންނަ ގައުމެކެވެ. އެގޮތުން މިހާރު މަޑުމަޑުން އަންނަނީ މި އަހަރު ފިލްމުތައް ރިލީޒްކުރާ ތާރީހުތައް އިއުލާންކުރަމުންނެވެ. މި އަހަރަށް ވަރަށް އުންމީދީ ބޮޑެތި ފިލްމުތަކެއް އެބަހުއްޓެވެ.