Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރީތި، ތަނަވަސް، ހިތްގައިމު ފްލެޓްތަކެއް

ރީތި، ތަނަވަސް، ހިތްގައިމު ފްލެޓްތަކެއް

30 ޑިސެމްބަރ 2021

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް އަޅަން ޖެހޭ ގޮތުގެ ނަމޫނާ މި ފެންނަނީ އެވެ؛ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގައި އޭގެ ހުރިހާ ސިފައެއް އެބަހުއްޓެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް އަޅަން ޖެހޭ ގޮތުގެ ނަމޫނާ މި ފެންނަނީ އެވެ؛ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގައި އޭގެ ހުރިހާ ސިފައެއް އެބަހުއްޓެވެ.

"ވާއު، ސަޅި،" ފުލުހުން އަޅާ 361 ފްލެޓްތަކުގެ ސާމްޕަލް ފްލެޓެއްގެ ދޮރު ހުޅުވާލުމާ އެކު، ނޫސްވެރިއަކަށް ބުނެވުނެވެ.

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓް: ފުލުހުންގެ ހުރިހާ ފްލެޓެއް ވެސް ހުންނާނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓް: ފުލުހުންގެ ހުރިހާ ފްލެޓެއް ވެސް ހުންނާނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހަ ޓަވަރުގައި އަޅާ، ސިފައިންގެ 330 ފްލެޓާއި ފުލުހުންގެ 361 ފްލެޓް ހުންނާނެ ގޮތް ހަމައެކަނި ކުރެހުންތަކުގެ ބަދަލުގައި، ނަމޫނާ އަކަށް ތައްޔާރު ކުރި ފްލެޓްގައި ވެސް އެބަހުއްޓެވެ. ފުލުހުންގެ ތިން ޓަވަރުގައި ފަސް ސައިޒަކަށް، އަދި ފަސް ޑިޒައިނަކަށް އެޕާޓްމެންޓްތައް ހުރި އިރު ސިފައިންގެ ޓަވަރުތަކުގައި ހުރިހާ އެޕާޓްމެންޓެއްގެ ސައިޒް ވެސް އަދި ޑިޒައިން ވެސް ހުރީ އެއްގޮތަށެވެ.

ބްރިޖުން ފައިބާ ގޮތަށް، ހުޅުމާލެ ތެރެއަށް އަރާ އިރު، ޓްރީޓޮޕް ހޮސްޕިޓަލް ކައިރިން ވާތްފަރާތުން އެ ފެންނަ ހަ ޓަވަރަށް ވަދެ، އެތަންތަން ބަލާލުމުގެ ފުރުސަތު "މިހާރު"ގެ ނޫސްވެރިން ފުރަތަމަ ފަހަރަށް ވަނީ ލިބިފަ އެވެ. ސިފައިންގެ ފްލެޓްތައް، ނުވަތަ ސިފްކޯ ހިޔާގެ ކަންކަން ބަލަހައްޓަނީ ސިފްކޯ އިންނެވެ. ފުލުހުންގެ ފްލެޓްތައް ނުވަތަ ބްލޫ ހައުސިންގެ ކަންކަމާ ހަވާލުވެ ތިބީ ޕޮލްކޯ އެވެ.

ސިފައިންގެ ފްލެޓްތަކުގެ ސިޓިން ރޫމް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިންގެ ފްލެޓްތަކުގެ ސިޓިން ރޫމް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްލޫ ހައުސިން ސްކީމްގެ އެޕާޓްމެންޓްތައް

އެޗްޑީސީގެ އަތުން ބިން ގަނެގެން، ފުލުހުން އިމާރާތް ކުރަން ފަށާފައިވާ ފްލެޓްތަކުގެ 85 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ފަސް ޑިޒައިނެއްގެ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހުރި އިރު، ނަމޫނާ އެޕާޓްމަންޓުން ފެނުނު އެންމެ ހާއްސަ ކަމަކީ ތަނުގެ ޖާގައިގެ ތަނަވަސްކަމެވެ. ފުލުހުންގެ ފަސް ޑިޒައިނުގެ އެޕާޓްމެންޓްތައް ބެހިފައި ހުރީ 890-1350 އަކަފޫޓާ ދެމެދުގަ އެވެ. އޭގެ މާނައަކީ، ސޯޝަލް ހައުސިން އަށް އިމާރާތް ކުރި، ހިޔާ ފްލެޓްތަކަށް ވުރެ ގާތްގަނޑަކަށް 300 އަކަފޫޓު ކޮންމެ އެޕާޓްމަންޓަކަށް އިތުރު ކަމެވެ.

މާސްޓަ ބެޑް ރޫމާ އެކު އިތުރު ދެ ކޮޓަރި ހިމެނޭ އިރު، އެ ދެކޮޓަރީގެ ސައިޒް އެއްވަރެވެ. ބޮޑު ސިޓިން ރޫމެއް ހިމެނޭ އިރު، ކޮންމެ އެޕާޓްމެންޓެއްގެ ވެސް ސިޓިން ރޫމުން ބެލްކަންޏަށް ނުކުމެވެ އެވެ. ބެލްކަނި ފުދޭ ވަރަކަށް ބޮޑެވެ. އެއްޗެހި ދޮވެ ހަދަން، ހެޔޮވަރުގެ ބޮޑު ފާހާނާއެއްގެ ސައިޒްގެ ޖާގަ ހިމެނޭ ހުސް ތަންކޮޅެއް އޮވެ އެވެ.

ސިފައިންގެ ފްލެޓްތައް ހުންނާނެ ގޮތް

ސިފައިންގެ ފްލެޓްތައް ހުންނާނެ ގޮތް

ފުލުހުންގެ އެޕާޓްމެންޓްތައް، އެ ލިބުނު ފުލުހުންނާ ހަވާލުކުރަން ނިންމާފައި އޮތީ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން އިލެކްޓްރޯނިކްސް ނުހިމަނައި، ސެމީ ފާނިޝް ކޮށެވެެ. އެހެން ނަމަވެސް، ދެން ހުރި ހުރިހާ އެއްޗެއް ހުންނާނެ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ބަދިގޭގައި ބަހައްޓާ ކިޗަން ސެޓާއި ބަދިގޭ ކަބަޑު ސެޓް ވެސް ހިމެނެ އެވެ.

ފެންނަން ހުރީ ވަރަށް ތަނަވަސް ބަދިގެ އެކެވެ. ޒަމާނީ ސިންކާއި އިސްކުރެވެ. ހަރުކޮށްފައި ހުރީ އެންމެ ޒަމާނީ އަދި ވަރަށް އަގުބޮޑު ކަބަޑު ސެޓާއި ހުޑެވެ. މިއީ، ފުލުހުންގެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ބަހައްޓާނެ އެއްޗިއްސެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ އެޕާޓްމެންޓްތައް ނިމި ހަވާލުކުރާ އިރު، ހުރިހާ އެޕާޓްމެންޓެއްގައި ވެސް ހުންނާނީ އެއްވައްތަރެއްގެ އެއްޗިއްސެވެ. އެކަމަށް ބޭނުންވާ ފާހާނާ ސާމާނާއި ދޮރުފަތާއި އޭސީ އާއި ކަބަޑާއި މިހެން ގޮސް ހުރިހާ ސާމާނެއް ހުރީ ރާއްޖެ ގެނެސްފަ އެވެ. އެއީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ ސާމާނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ބަދިގެ ހުންނާނެ ގޮތް

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ބަދިގެ ހުންނާނެ ގޮތް

ބޮޑު ފާހާނާއެކެވެ. މުޅިން ފުރިހަމަވެގެންދާއިރު، ފާހާނާ އަށް ބޭނުންވާ އެއްވެސް އެއްޗެއް ތަނުގެ ވެރިފަރާތުން ގަނެ ހަރުކުރާކަށް ނުޖެހެ އެވެ. ހެޑް ޝަވަރަށް ދަންދެން ހުރީ އެންމެ ޒަމާނީ ސާމާނެވެ.

ހަ މީހުންގެ ކާމޭޒަކާއި އެންމެ ބޮޑެތި ސައިޒްގެ ސޯފާ ސެޓާއި ސްޓަޑީ ޓޭބަލެއް ބެހެއްޓިޔަސް ސިޓިން ރޫމްގައި ވަރަށް ބޮޑު ޖާގައެއް އެބައޮތެވެ.

ހުރިހާ ޓަވަރެއްގެ ވެސް އެޕާޓްމެންޓްތައް ހުރީ ބޭރުން ކޮންމެވެސް ދެ ދިމާއަކުން ބެލްކަންޏަށް ނުކުމެވޭ ގޮތަށް، ވިއު ފެންނަ ގޮތަށެވެ. އެންމެ ހާއްސަ އެއް ކަމަކީ، އެޕާޓްމެންޓް ތެރޭގައި ތިބޭ އިރު އޮތް ޕްރައިވަސީ އެވެ. ޑިޒައިން ކުރި އިރު، އެކަމަށް ވަރަށް ބޮޑަށް ވިސްނާފައި އޮތް ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓެއްގެ ކޮޓަރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓެއްގެ ކޮޓަރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ހުރިހާ އެޕާޓްމަންޓްތަކުން ކުނި ބޭލުމަށް، ރާއްޖޭގައި ފުރަތަަމަ ފަހަރަށް ގާބޭޖް ޝޫޓް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެންމެ މަތިން ފެށިގެން އެންމެ ތިރީ ފްލޯއާ ހަމައަށް އެ ނިޒާމް ތިން ޓަވަރުގައި ވެސް އެބަހުއްޓެވެ.

ކޮންމެ ޓަވަރެއްގެ ވެސް އެޕާޓްމެންޓްތައް ފެށެނީ ދެ ވަނަ ފްލޯ އިންނެވެ. ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގައި 12 ފްލޯ، އަދި އަނެއް ދެ ޓަވަރުގައި 14 ފްލޯ ހިމެނެ އެވެ. ދެ ޓަވަރެއްގައި، ކޮންމެ ޓަވަރެއްގައި 10 ޕެންޓް ހައުސް ހިމެނެ އެވެ.

ޕެންޓް ހައުސްތަކުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް ތިން ކޮޓަރީގެ ދެ އެޕާޓްމެންޓްގެ ބޮޑުމިނެވެ. ސައިޒުން ބޮޑުވިޔަސް، ވަކި އިތުރަކަށް އެތަން ރީތިކުރަން އިމާރާތް ކުރާ ފަރާތުން ވިސްނައިފައެއް ނެތެވެ. އެހެންވެ، ތަނުގެ އިންޓީރިއާގެ ބޮޑުބައި ހަދާނީ އެތަން ލިބޭ ފުލުހުންނެވެ. ޕެންޓްހައުސްތަކުގެ އުފާވެރިކަމަކީ، ބެލެވޭ ގޮތުގައި ދެ ފްލޯއެއްގައި ހުރެފައި، އެއް ފްލޯއިން އަނެއް ފްލޯ އަށް އެޕާޓްމެންޓްގެ ތެރެއިން ދެވޭ ގޮތަށް ހުރުމެވެ.

ކޮންމެ ޓަވަރެއްގެ ވެސް އެންމެ ތިރީ ދެ ފްލޯ ހަމަޖައްސައިފައި ވަނީ، ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިހާރަ/ ރެސްޓޯރަންޓަށް ދޫކުރާ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުގައި ޕޮލްކޯ އާއި އަމިއްލަ ފަރާތްތަކުން ވެސް ވިޔަފާރި ކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ޓަވަރެއްގައި ވެސް ހަތަރު ލިފްޓް ހިމެނެ އެވެ. އޭގެ ތެރޭގައި ސާވިސް އެއް ލިފްޓް ހިމެނެ އެވެ.

ސިފައިންގެ އެޕާޓްމެންޓްތައް

"ސިފްކޯ ހިޔާ"ގެ އެންމެ ހާއްސަ ކަމަކީ، ހުރިހާ އެޕާޓްމެންޓްތައް ވެސް އެއް ގޮތަކަށް، އެއް ޑިޒައިނަކަށް، އެއްގޮތަކަށް ހުރި ކަމެވެ. މިއީ، ސިފައިންގެ ތެރޭގައި އެއްވެސް ތަފާތެއް ނުކުރުމުގެ ބޭނުމުގައި ހަމަޖައްސައިފައިވާ ގޮތެއް ކަމަށް ވެ އެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބަދިގެ ހުރެ އެވެ. ބޮޑު ސިޓިންރޫމެއް ހުރި އިރު، ނަމޫނާ ފްލެޓުން ފެންނަ ގޮތުގައި ސިޓިން ރޫމުގެ ކުރިމަތިން ދެ ފަރާތަށް ހަނި ގޯޅިއެއް ލައި، ދެ ކޮޓަރި އަދި ކުރިމަތިން މާސްޓަ ރޫމް ފެނެ އެވެ. ސިޓިން ރޫމްގެ އެއްބައިގައި ބަދިގެ ހުރި އިރު ހަ މީހުންނަށް އިށީނދެވޭ ވަރުގެ ބޮޑު ކާމޭޒެއް ހުއްެޓެވެ. އެއީ އާއިލާއަކަށް އެންމެ ހެޔޮވަރުގެ ސިޓިން ރޫމެކެވެ.

ސިފައިންގެ ފްލެޓެއްގެ ބަދިގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިންގެ ފްލެޓެއްގެ ބަދިގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިންގެ ފްލެޓްތައް ވެސް ހަދާފައި ހުރީ، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރި އައިލެންޑް އެކްސްޕާޓް ކުންފުނިން ކަމަށް ވާތީ ނަމޫނާ އެޕާޓްމެންޓުން ފެނުނީ ހަމަ ދާދި އެއް މަންޒަރެކެވެ. ސިފްކޯގެ ފްްލެޓްތައް ވެސް ސިފައިންނާ ހަވާލުކުރަން ނިންމައިފައި އޮތީ ސެމީ ފާނިޝްކޮށެވެ. ވަންނަ އިރު، އެ ބައެއްގެ އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރާ ސާމާނު ފިޔަވައި، އެ އެޕާޓްމެންޓަށް އިތުރަށް ހަރަދު ކުރަން ނުޖެހޭ ގޮތަށެވެ.

ފުލުހުންގެ އެޕާޓްމެންޓްތަކާއި ސިފައިންގެ އެޕާޓްމެންޓްތަކާ ވަރަށް ބޮޑު ތަފާތުތަކެއް އެބަހުއްޓެވެ. ކޮންމެ އެޕާޓްމެންޓެއް ވެސް ހަދާފައި ހުރީ 932 އަކަފޫޓުގެ ތަނެއްގަ އެވެ. ދޮންނަ މެޝިނަށް ވަކި ތަންކޮޅެއް ހުރި އިރު ކޮންމެ އެޕާޓްމެންޓެއްގައި ވެސް ހެޔޮވަރުގެ ބެލްކަންޏެއް ހިމެނެ އެވެ. އަދި އެ ބެލްކަންޏަކީ، ވަރަށް ޕްރައިވަސީ ބޮޑު، އަދި ޑިޒައިން ކޮށްފައިވާ ގޮތުން އެހެން އެއްވެސް އެޕާޓްމެންޓެއްގައި އުޅޭ މީހަކަށް ނުފެންނަ ގޮތަށް ޑިޒައިންކޮށްފައިވާ ބެލްކަންޏެކެވެ.

ސިފައިންގެ ނަމޫނާ ފްލެޓްގެ ފާހާނާ

ސިފައިންގެ ނަމޫނާ ފްލެޓްގެ ފާހާނާ

ސިފައިންގެ ޓަވަރުތައް ހަދާފައި ހުރީ އެލް ޝޭޕްއަށެވެ. ކުރިން ރާވާފައި އޮތީ ދެވަނަ ފްލޯގައި ބޮޑު ސްވިމިން ޕޫލަކާއި ޖިމްއެއް ހަދާ ގޮތަށެވެ. އެހެން ނަމަވެސް، އެ ޕްލޭން މިހާރު އޮތީ ބަދަލުވެފައި ކަމަށް ވެ އެވެ. ސާދަ ބުރީގެ ތިން ޓަވަރުގައި ޖުމްލަ 15 ޕެންޓް ހައުސް ހިމެނެ އެވެ. ކޮންމެ ޓަވަރެއްގައި ވެސް ހަތަރު ލިފްޓް ހިމެނެ އެވެ.

ފުލުހުންނާ ހިލާފަށް، ފްލެޓް ލިބޭނެ މީހުން ކަނޑައަޅާފައި ވިޔަސް ލިބޭނީ ކޮން ފްލެޓެއްކަން ސިފްކޯ އިން އަދި ވަނީ ނުނިންމަ އެވެ. އޭގެ ގުރުއަތެއް އަދި ނުލަ އެވެ. އެހެން ވިޔަސް، ކޮންމެ ފްލޯއަކުން ލިބުނަސް، އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.

ސިފްކޯ އިން ވެސް އެ ކުންފުނީގެ ތިން ޓަވަރުގެ ތިރީ ދެ ފްލޯ ބޭނުންކުރާނީ ވިޔަފާރިއަށެވެ. ފިހާރަތަކާއި ކެފޭ/ ރެސްޓޯރަންޓް އެ ދެ ފްލޯގައި ހުންނާނެ އެވެ.