Roadha Mihaaru

ފަސް ލިޔުމަކުން ގައުމުގެ ހާލަތު!

ނޫހުގެ ލިޔުންތަކަށް 2021 ވަނަ އަހަރު ކިޔުންތެރިން އިޖާބަ ދީފައިވާ ގޮތުން މުޖުތަމައުގެ ހާލަތު ވަރަށް ސާފުކޮށް އަންގައިދެ އެވެ. މުޅި އަހަރު އެންމެ ގިނައިން ކިޔާފައިވާ ފަސް ލިޔުން އަދި މުޅި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މައުލޫތަކުން ވެސް ފެންނަނީ އެއް މަންޒަރެކެވެ.

ފަސް ލިޔުމަކުން ގައުމުގެ ހާލަތު!
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

01 ޖެނުއަރީ 2022

ނޫހުގެ ލިޔުންތަކަށް 2021 ވަނަ އަހަރު ކިޔުންތެރިން އިޖާބަ ދީފައިވާ ގޮތުން މުޖުތަމައުގެ ހާލަތު ވަރަށް ސާފުކޮށް އަންގައިދެ އެވެ. މުޅި އަހަރު އެންމެ ގިނައިން ކިޔާފައިވާ ފަސް ލިޔުން އަދި މުޅި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މައުލޫތަކުން ވެސް ފެންނަނީ އެއް މަންޒަރެކެވެ.

މަރަކާއި ހީލަތާއި ކުއްލި މަރާއި ހަރުކަށި ފިކުރާއި ޖިންސީ އަނިޔާ އެވެ.

މުޅި އަހަރުތެރޭ ވެސް އެއް މައުލޫއެއްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ މަކަރާއި ހީލަތެވެ. ނޫހުގެ ކިޔުންތެރިން ވަނީ މި މައުލޫގައި ހުރި ޚަބަރުތައް ވަރަށް ގިނައިން ކިޔައި އެތައް ސަތޭކަ ކޮމެންޓެއް ކޮށްފަ އެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހޭދަކުރި ދެ ވަނަ އަހަރަށް ވުމުން އެ ބައްޔަށް ސަމާލުކަން ކުޑަވެފައި އޮތްކަން ކިޔުންތެރިން ކޮވިޑްގެ ޚަބަރުތަކަށް ދިން ފިނި އިޖާބައިން އެނގެ އެވެ. އަނިޔާވެރި އަމަލުތަކާއި ކުއްލި މަރުތަކާއި ޖިންސީ އަނިޔާގެ ވާހަކަތަކުން ކިޔުންތެރިން ތިބީ އެހެން ކަމަކަށް ވިސްނުން އަނބުރާލެވޭ ގޮތަކަށް ނޫނެވެ.

މަކަރާއި ހީލަތް

މުޅި އަހަރު "މިހާރު" ގައި އެންމެ ގިނަ މީހުން ކިޔާފައިވާ އާޓިކަލް އަކީ ވެސް މަކަރާއި ހީލަތުގެ ފިތްކަނޑައިގެންދާ ވަރުގެ ވާހަކައެކެވެ. އެއީ "ސަމާލުވޭ، ފިތްކަނޑައިގެންދާ ވަރުގެ ސްކޭމެއް 10 ބުރީގެ ގެއެއްގައި!" އެވެ. މިއީ މާލޭގައި 10 ބުރިއަށް ހަދާފައި ހުރި ގެއެއްގެ އެޕާޓްމަންޓްތައް އެކި މީހުންނަށް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައި އެތައް ބަޔަކަށް ލަނޑު ލިބުނު ވާހަކަތައް މި ރިޕޯޓްގައި ގެނެސްދީފައިވެ އެވެ.

މި ރިޕޯޓަށް ފަހު މި މައްސަލައާ ގުޅުން ހުރި އެތައް ކަމެއް ހާމަވި އެވެ. އަދިވެސް މިއީ ކޮޅެއްމެދެއް ނޭނގޭ މައްސަލައެކެވެ.

މި މައުލޫގެ ކޮންމެ ލިޔުމަކީ ވެސް ނޫހުގައި އަދި ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް މިލިއަން ފަހަރަކު ބަލާފައި ހުރި ލިޔުންތަކެވެ.

ހިތްދަތި ވަކިވުންތައް

ކުއްލި އަދި ހިތްދަތި މަރުތަކުން އެތައް ބަޔަކު ރޮއްވާލި މި އަހަރު، އެފަދަ ހިތާމަތަކުގައި ނޫހުގެ ކިޔުންތެރިން ބައިވެރިވީ ވަރަށް ބޮޑަށެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބުނު އެއް ހާދިސާ އަކީ އަލަތު ދަރިފުޅު ވިހެއުމަށް ފަހު، ޒުވާން އަންހެނެއްގެ ހިތްދަތި ވަކިވުމެވެ.

ސަލްމާ ނަސީރު، 25، މަރުވީ އޭޑީކޭގައި ވިހެއުމަށް ފަހު ލޭ މަނާ ނުވެ ލޭ ހުސްވެގެންނެވެ. އެންމެ ބޭނުންވި ވަގުތު އަނބިމީހާ ވަކިވެގެން ދިއުމުން ހިތް ކުދިކުދިވި ފިރިމީހާ، އުމުރުން 29 އަހަރުގެ އިބްރާހިމް އަދުހަމް އިތުރަށް މާޔޫސްކޮށްލީ ލިބުނު ދަރިފުޅު ވެސް އޭނާގެ އަތުން ބީވެދާނެތީ އެވެ. އަދުހަމްގެ މި ހިތްދަތި ވާހަކަތައް ހިއްސާކުރި ރިޕޯޓަކީ މުޅި އަހަރު ވެސް ދެ ވަނަ އަށް އެންމެ ގިނައިން ކީ ލިޔުމެވެ.

ދެން އެންމެ ގިނައިން ކިޔާފައި ވަނީ ވެސް ސަލްމާގެ މަރުގެ ޚަބަރެވެ.

މުޅި އަހަރަށް ބަލާއިރު މިފަދަ ކުއްލި މަރުތައް ގިނަވެފައި އެ ޚަބަރުތަ ވެސް ވެފައި ވަނީ އެންމެ ގިނައިން ނޫހުން މީހުން ކިޔާފައިވާ ލިޔުންތަކުގެ ގޮތުގަ އެވެ.

ޓެރަރިޒަމް

މިފަދަ އަމަލުތަކުގެ ތެރެއިން އެންމެ ބޮޑު ކަމަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އެވެ. ނަޝީދު ވަރަށް ބޮޑަށް ޒަހަމްވި މި ހަމަލާއަށް މުޅި ގައުމުގެ ސަމާލުކަން ލިބުނެވެ.

ހަމަލާ ދިން ކަމުގެ ތުހުމަތުކުރެވޭ މީހުން ހޯދައި އެ މީހުންނާ ބެހޭ އެތައް މައުލޫމާތެއް ވަރަށް އަވަހަށް ހާމަވެގެން ދިޔަ އެވެ. ރާއްޖޭގައި ހަރުކަށި އަދި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ އެތައް ބަޔަކު ތިބިކަމާއި މިފަދަ މީހުން ވަރަށް މިނިވަންކަމާ އެކު އުޅެމުންދާކަން ވެސް މި ހަމަލާގެ ތަހުގީގުން ހާމަވި އެވެ. ނަޝީދަށް ދިން ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ.

މި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް އެތައް ބައެއްގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ޖިންސީ އަނިޔާ

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ވާހަކަތަކުން ލޭކެކިގެން ނުދާ ދުވަހެއް މަދެވެ. މި މުޑުދާރު އަމަލެއް އަލަށް ހާމަވާ ނުވަތަ އެފަދަ އަމަލެއްގެ ތަހުގީގާ ގުޅޭ މައުލޫމާތެއް ލިބޭ ކޮންމެ ދުވަހު ކަމުގެ ހަގީގަތް ހޯދަން ކިޔުންތެރިން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

މިފަދަ ވާހަކަތަކުގެ ތެރެއިން އަހަރު ތެރޭ އެންމެ ގިނައިން ކިޔާފައި ވަނީ ގަލޮޅު ސްކޫލްގައި ކުޑަ އަންހެން ކުއްޖަކަށް ލިބުނު ޖިންސީ އަނިޔާގެ ވާހަކަ އެވެ.

ސްކޫލުން ގެޔަށް ދިޔައިރު ލިބިފައި ހުރި އަނިޔާއެއްގެ ހަގީގަތް ހޯދަން އާއިލާ އިން ކުރި މަސައްކަތާއި އެކަމުން ހާމަވި ނިޒާމީ އެކި މައްސަލަތަކުން އާންމުން ރުޅިގަދަވި އެވެ. މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެކެވެ.

މި ހާދިސާއާ ގުޅޭ، އެންމެ ގިނައިން ކިޔާފައިވާ ރިޕޯޓްގައި އޮތީ ކުއްޖާއަށް ލިބުނު ޖިންސީ އަނިޔާ އެނގުނު ހިސާބުން ފެށިގެން އެ ހިސާބަށް ކަން ހިނގި ގޮތެވެ.

މި ފަސް ލިޔުމަކީ މުޅި އަހަރަށް ބަލާއިރު ވެސް އެންމެ ގިނަ މީހުން ކިޔާފައިވާ ޚަބަރާއި ރިޕޯޓްތައް ނިސްބަތްވާ މައުލޫތަކެވެ. އަހަރު ނިމިގެން މި ދިޔައީ މި ހާސްކަމުގެ ތެރޭގަ އެވެ.