Roadha Mihaaru
އެފްޑީސީގެ 4،000 ފްލެޓް: 18 ފްލޯގެ 32 ޓަވަރު

އެފްޑީސީގެ 4،000 ފްލެޓް އަޅަނީ 18 ފްލޯގެ 32 ޓަވަރުގައި

03 ޖެނުއަރީ 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތްކުރާ ސޯޝަލް ހައުސިންގައި 4،000 ފްލެޓް ހަދަނީ 18 ފްލޯ ހިމެނޭ 32 ޓަވަރަށް ކަމަށް، އެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތްކުރާ ސޯޝަލް ހައުސިންގައި 4،000 ފްލެޓް ހަދަނީ 18 ފްލޯ ހިމެނޭ 32 ޓަވަރަށް ކަމަށް، އެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒްގެ މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފްލެޓު އެޅުމަށް ބޭނުންވާ ލޯނު ލިބިފައިވާ ކަމަށެވެ. މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމުން ވަރަށް އަވަހަށް ފްލެޓުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި 4،000 ފްލެޓުގެ ޓަވަރުތައް އަޅަން ނިންމާފައި ވަނީ ދެ ވަނަ ފޭސްގެ އެކި ސަރަހައްދުތަކުގަ އެވެ. ކައިރިކައިރީގައި ހުންނާނީ ގިނަވެގެން ވެސް ގާތްގަނޑަކަށް ތިން ފްލެޓް ކަމަށް އެފްޑީސީން ބުންޏެވެ.

އެ ފްލެޓުތައް އަޅަން އެފްޑީސީން ހަވާލުކޮށްފައި ވަނީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. ކޮންމެ ކުންފުންޏަކާ ހަވާލުކުރީ 16 ޓަވަރެވެ. އެހެންވެ މި މަޝްރޫއުގައި ހިމެނެނެނީ ޖުމްލަ 32 ޓަވަރެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފްލެޓު އެޅުމަށް ބޭނުންވާ ލޯނުގެ އެއްބަސްވުމުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އާއި އެ ކުންފުނީގެ ޗެއާޕާސަން މުހައްމަދު އާޒިމް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެފްޑީސީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފްލެޓު އެޅުމަށް ބޭނުންވާ ލޯނުގެ އެއްބަސްވުމުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އާއި އެ ކުންފުނީގެ ޗެއާޕާސަން މުހައްމަދު އާޒިމް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެފްޑީސީ

އެންބީސީސީއާ އެކު މަޝްރޫއު ކުރިއަށް ގެންދަން ފެބްރުއަރީ 2، 2021 ގައި އަދިި ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެކު މާޗު 8، 2021 ގައި ވަނީ ސޮއިކޮށްފަ އެވެ. އެ ކޮންމެ ކުންފުންޏަކަށް ދީފައި ވަނީ 2،000 ފްލެޓު އަޅާށެވެ. އެއީ ޖުމްލަ 4،000 ފްލެޓެވެ.

ފްލެޓުތައް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ދީފައިވެ އެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

މި ދެ ކުންފުންޏާ ވެސް ހަވާލުކުރީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ތަންތަން އެޅުމަށެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނުގައި 650 އަކަފޫޓު ހުންނާނެ އެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނަކީ 900 އަކަފޫޓެވެ. ޝަމޫލް ވިދާޅުވި ގޮތުގައި އެ ތަނުގެ ޑިޒައިނާ ގުޅޭ ބައެއް ކަންކަން ކުރަމުން އައި ނަމަވެސް ފްލެޓުތަކުގެ ސްޓްރަކްޗާ ވަނީ ނިންމައިފަ އެވެ.

"ބައެއް ޓަވަރުގައި ހުންނާނެ ހަމަ އެކަނި ތިން ކޮޓަރީގެ ތަންތަން. އަނެއް ޓަވަރުތަކުގައި މިކްސްކޮށް ހުންނާނެ،" ޝަމޫލް ވިދާޅުވި އެވެ.

ޖޭއެމްސީން ހަދާ ފްލެޓުތަކަށް ބޭނުންވާ ސާމާނު އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ އެވެ. އެއަށްފަހު، އަންނަ މަހުގެ ފަހުކޮޅު ނުވަތަ މާޗު މަހުގެ ކުރީކޮޅު 2،000 ފްލެޓުގެ ބިންގާ އަޅާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.

އެ ފްލެޓުތައް ނިންމަން އެއްބަސްވީ ތިން އަހަރު ދުވަހުންނެވެ.

އެންބީސިސީ ފްލެޓުތަކުގެ ސާމާނު އަންނަ މަހުގެ ކުރީކޮޅު ލިބި، އަންނަ މާޗު މަހުގެ މެދު ތެރޭގައި ބިންގާ އަޅާނެ ކަމަށް ޝަމޫލް ވިދާޅުވި އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފްލެޓުތައް 900 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މި ސަރުކާރުން ވައުދުވީ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަަހައްދުގައި 13،000-15،000 ފްލެޓް އެޅުމަށެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މި ދައުރުގެ ތެރޭގައި މި ފްލެޓްތަކުގެ މަސައްކަތް ފަށައި ބޮޑު ބައެއް ނިންމޭނެ އެވެ.

ސަރުކާރުން އަމާޒު ހިފާފައި އޮތީ ގިނަ ފްލެޓްތަކެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށެވެ.