Roadha Mihaaru
އަންހެން ފުޓްބޯޅައަށް އެފްއޭއެމްގެ ސަމާލުކަމެއް ނެތް

އަންހެން ފުޓްބޯޅައަށް އެފްއޭއެމްގެ ސަމާލުކަމެއް ނެތް

18 ސެޕްޓެމްބަރ 2022

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ތިން މެޗުން ރާއްޖޭގެ ޓީމު ކޮޅަށް ގިނަ ލަނޑުތަކެއް ވަނެވެ. ދިވެހި ޓީމު މުބާރާތް ނިންމާލީ ލަނޑެއް ނުޖެހި އެވެ. ގައުމީ ޓީމަށް ފާޑު ކިޔުންތައް އަމާޒުވި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ތިން މެޗުން ރާއްޖޭގެ ޓީމު ކޮޅަށް ގިނަ ލަނޑުތަކެއް ވަނެވެ. ދިވެހި ޓީމު މުބާރާތް ނިންމާލީ ލަނޑެއް ނުޖެހި އެވެ. ގައުމީ ޓީމަށް ފާޑު ކިޔުންތައް އަމާޒުވި އެވެ.

"ފާޑު ކިޔަންވީ ރާއްޖޭގައި އަންހެން ފުޓްބޯޅަ އަށް ސަމާލުކަން ނެތީތީ،" ކުރިން އަންހެން ގައުމީ ޓީމަށް ކުޅުނު ކުރީގެ ކުޅުންތެރިިޔަކު ބުންޏެވެ.

"އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ އެއް ވެސް މުބާރާތެއް ނެތް. އަންހެން ފުޓްބޯޅަ ލީގެއް ފަށާ ވާހަކަ ދައްކާތާ ގިނަ އަހަރުތަކެއް ވެއްޖެ. އެކަމަކު ފެންނަ ފެނުމަށް ބަލާއިިރު އެކަން މުހިންމު ކަމަކަށް ނުވާތީ އެ އޮތީ ނުފެށިފަ."

މި އަހަރު ޖަނަވަރީ މަހު ޅ. ނައިފަރުގައި އަންހެން ފުޓްބޯޅަ މުބާރާތެއް އެފްއޭއެމުން ބޭއްވި އެވެ. ފިރިހެން ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް އާންމުކޮށް ވަޑައިގަންނަވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނައިފަރުގައި ބޭއްވި އަންހެން މުބާރާތަށް ވަޑައިނުގަންނަވަ އެވެ. އޭގެ ކުރިން ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ސީޒަންގެ ހުރިހާ މުބާރާތެއްގެ ފަހު މެޗަށް ބައްސާމް ވަޑައިގެންނެވި އެވެ.

ސާފް ޗެމްޕިއަންްޝިޕްގައި ވާދަ ކުރި އަންހެން ފުޓްބޯޅަ ޓީމު: މުބާރާތުގައި ޓީމުގެ ނަތީޖާތައް ދަށް --- ފޮޓޯ: ސާފް

ސާފް ޗެމްޕިއަންްޝިޕްގައި ވާދަ ކުރި އަންހެން ފުޓްބޯޅަ ޓީމު: މުބާރާތުގައި ޓީމުގެ ނަތީޖާތައް ދަށް --- ފޮޓޯ: ސާފް

އެފްއޭއެމުން، 2021-2022 އަށް ނެރުނު ކަލަންޑަރުގައި އަންހެން ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ބާއްވަން ހިމަނައިފައެއް ނުވެ އެވެ. އެކަމަކު ކަލަންޑަރު އިއުލާން ކުރި ފަހުން، ވާދަކުރާ ޓީމުތަކުގެ ނަންތަކާއެކު، އަންހެން އިންވިޓޭޝަނަލް ކަޕްގެ ނަމުގައި ޓީމަކަށް ނުވަ ކުޅުންތެރިން ކުޅޭ ގޮތަށް "ނައިން ސައިޑް" މުބާރާތެއް ބާއްވަން އިއުލާން ކުރި އެވެ. ކުރިން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން އަދި ފުވައްމުލަކުގައި ކުޅެން ހަމަޖެއްސި މުބާރާތް، ހަމައެކަނި ނައިފަރުގައި ކުޅޭ ގޮތަށް ފަހުން ހަމަޖެއްސި އެވެ.

އެ މުބާރާތުގައި ކުރިން ވެސް ކުޅެފައިވާ ކުޅުންތެރިޔަކު ބުނި ގޮތުގައި އަންހެން ފުޓްބޯޅަ މުބާރާތެއް ކުރިން ވެސް ނައިފަރުގައި ބާއްވަ އެވެ.

"ނައިފަރުގެ މުބާރާތުގައި އަޅުގަނޑު ކުޅޭތާ އަށް ވަރަކަށް އަހަރު ވެއްޖެ. މި އަހަރު ނައިން ސައިޑް ކޮށް މި ބޭއްވީ. މީގެ ކުރިން ފައިވް ސައިޑް އަދި ސިކްސަ ސައިޑްކޮށް ވެސް މުބާރާތް ކުޅެފައި ހުންނާނެ،" ކުޅުންތެރިޔާ ބުންޏެވެ.

އެފްއޭއެމް އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުނި ގޮތުގައިި އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ފީފާ އާއި އޭއެފްސީން ބޮޑު ފަންޑެއް ދެއެވެ.

އެފްއޭއެމް އިންވިޓޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން

އެފްއޭއެމް އިންވިޓޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން

"އެކަމަކު އެ ފަންޑުގެ 30 ޕަސެންޓް ވެސް އަންހެން ފުޓްބޯޅަ އަށް ބޭނުމެއް ނުކުރާނެ. އެފެންޑު ބޭނުން ކުރާނީ ފިރިހެން ފުޓްބޯޅަ އަށް ނުނީ އެފްއޭއެމްގެ އެހެން ކަންކަމަށް،" އޭނާ ބުންޏެވެ.

"އެކަމަކު ކޮންމެ މަހަކު ފީފާ އާއި އޭއެފްސީ އަށް ފޮނުވާ ރިޕޯޓްގައި ލިޔާނެ އަންހެން ފުޓްބޯޅަ އަށް މިވެނި ކަމެއް ކުރީމޭ. މިވެނި ޕްރޮގްރާމެއް ހިންގީމޭ. އެ ރިޕޯޓް ފޮނުވީމަ އަނެއްކާ ވެސް އަންހެން ފުޓްބޯޅަ އަށް ބަޖެޓްގެ އަނެއް ބައި ލިބޭނީ."

އޭނާ ބުނި ގޮތުގައި ނައިފަރުގައި ބޭއްވި މުބާރާތަކީ ކަމެއް ކުރީމޭ ބުނިުމުގެ ގޮތުން އެފްއޭއެމް ހިއްސާވި ކަމެކެވެ.

ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާ އެޅުމުގެ މުބާރާތުގައި، ފުރަތަމަ ފަހަރަށް އަންހެން ޑިވިޝަން ހިމެނުމުން، ރާއްޖޭގައި މައިގަނޑުގޮތެއްގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން، މުބާރާތްތަކުގެ އަންހެން ޑިވިޝަން ނެތް ހަމައެކަނި ކުޅިވަރަކަށް މިހާރު އޮތީ ފުޓްބޯޅަ އެވެ.

ފައިނަލް މެޗަށް ވަޑައިގެންނެވި އެފްއޭއެމްގެ އެކްސްކޯ ހަމައެކަނި މެންބަރު މަރަޔަމް ޝާނީޒް (ވ) މުބާރާތުގައި ކުޅުންތެރިޔަކަށް އިނާމު ދެއްވަނީ

ފައިނަލް މެޗަށް ވަޑައިގެންނެވި އެފްއޭއެމްގެ އެކްސްކޯ ހަމައެކަނި މެންބަރު މަރަޔަމް ޝާނީޒް (ވ) މުބާރާތުގައި ކުޅުންތެރިޔަކަށް އިނާމު ދެއްވަނީ

ކުޅިވަރުގެ ކުރީގެ ހިންގުންތެރިޔަކު ވިދާޅުވި ގޮތުގައި ފިރިހެން ލީގެއް އޮންނަންޏާ އަންހެން ލީގެއް އޮތުމަކީ މަޖުބޫރު ކަމެކެވެ.

"ކުރިމަގެއް ފެންނަން އޮންނަން ޖެހޭނެ. އަންހެން ލީގެއް އޮތުމަކީ މަޖުބޫރު ކަމެއް. ފިރިހެން ލީގެއް އޮންނަންޏާ އަންހެން ލީގެއް ވެސް އޮންނަން ޖެހޭނެ. އަންހެން ލީގު ކުޅެވޭނެ ދަނޑުތައް ވެސް މިހާރު އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"އެފްއޭއެމްގެ ޒިންމާއެއް ގައުމީ އަންހެން ޓީމް ބިނާ ކުރަން އެމުބާރާތުން ފާހަގަވި ހުނަރުތަކާއި ކަންކަން ދެނެގަނެވިފައި އޮތް ޓެކްނިކަލް ސްޓަޑީއެއް ހެދުން،" އޭނާ ވިދާޅުވި އެވެ.