Roadha Mihaaru
ޑޭވޯއަށް ހަލައްކައެއްހާ ރުފިޔާ ދޭން ފީފާއިން އަންގައިފި

ކުރީގެ ކޯޗަށް ހަ ލައްކައެއްހާ ރުފިޔާ ދޭން ފީފާއިން އެފްއޭއެމަށް އަންގައިފި

14 ސެޕްޓެމްބަރ 2022

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް ހަ ލައްކައެއް ހާ ރުފިޔާ ދޭން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އަންގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް ހަ ލައްކައެއް ހާ ރުފިޔާ ދޭން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އަންގައިފި އެވެ.

ޑޭވޯގެ ފަރާތުން ފީފާ އަށް މައްސަލަ ހުށަހެޅީ، ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ހޭދަ ކުރި މުއްދަތުގައި ދޭން ޖެހޭ މުސާރަ ދީފައި ނުވުމުންނެވެ. އެ މައްސަލަ ބެލުމަށް ފަހު ފީފާގެ ޕްލޭއާ ސްޓްޓަސް ޗެމްބާއިން މިދިޔަ މަހު 16 ގައި އެފްއޭއެމަށް އަންގާފައިވަނީ މިއަހަރު ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑޭވޯ އަށް ދޭން ޖެހޭ މުސާރަ ދިނުމަށެވެ.

ރާއްޖޭގެ ކޯޗު ކަމަށް، ޑޭވޯ ހަމަޖެއްސީ މި އަހަރު ޖެނުއަރީގަ އެވެ. އޭނާ އާ އެކު އެއްބަސްވުން ހެދީ ކިހާ މުއްދަތަކަށް ކަމެއް އޭރު ވެސް އެފްއޭއެމުން ހާމަކޮށްފަ އެއް ނުވެ އެވެ. ޑޭވޯ ތަމްސީލު ކުރާ އެޖެންޓް ކުންފުނި، ދެކުނު ކޮރެއާގެ ޕީއެންޖޭ ކޯޕަރޭޝަނުން ބުނީ، އެފްއޭއެމުން ޑޭވޯ އާއެކު އެއްބަސްވުން ހެދީ ޖެނުއަރީ 2023 ގެ ނިޔަލަށް ކަމަށެވެ.

"(ޑޭވޯ) އަށް ދޭން ޖެހޭނީ ކިހާ ފައިސާއެއްކަން ހާމަ ކުރެވޭކަށް އަހަރެމެންނަކަށް ނެތް. ސަބަބަކީ މި ނިންމުމުގެ މާއްދާއެއްގައި ބުނެފައި އެބައޮތް އެކަންކަން އާންމުކޮށްގެން ނުވާނެ ކަމަށް،" ޕީއެންޖޭ ކޯޕަރޭޝަންގެ އޮފިޝަލް "މިހާރު" އަށް ބުންޏެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޑޭވޯ އަށް 35،000 ޑޮލަރު (539،700 ރުފިޔާ) އަށް ވުރެ ގިނައިން ދޭން ފުޓްބޯލް ޓްރައިބިއުނަލްއިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި އޭނާ އަށް ކޮންމެ މަހަކު 5000 ޑޮލަރަށް ވުރެ މަތިން ދޭން ޖެހޭ އަދަދެވެ.

އެ ފައިސާ 45 ދުވަހުގެ ތެރޭގައި އެފްއޭއެމް އިން ނުދައްކައިފިނަމަ، ފީފާއިން އެފްއޭއެމަށް ދޫކުރާ ޑިވެލޮޕްމެންޓް ފަންޑުން އެ ފައިސާ އުނި ކުރާނެ އެވެ.

ޑޭވޯ، ރާއްޖޭގެ ކޯޗު ކަމަށް ހަމަޖެއްސުމަށް ފަހު، އެފްއޭއެމްގެ ރައީސް ބައްސާމް، އޭނާ އަށް މަރުހަބާ ވިދާޅުވުމަށް ކުރެއްވި ޓްވީޓް

މީގެ ކުރިން މޮންގޯލިއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި، ޑޭވޯގެ ކޯޗު ކަމުގެ ދަށުން ރާއްޖޭން ވަނީ ތިން މެޗު ކުޅެފަ އެވެ. އެއީ ފެބްރުއަރީ މަހު ރާއްޖޭގައި ކުޅުނު ތިން ގައުމު ވާދަކުރާ ސީރީޒް މެޗުތަކެކެވެ. ސައުދީ އަރަބިއާ އާއި ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ތެރެއިން ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި ޝީޝެލްސް 1-0 އިން ބަލިކޮށްފަ އެވެ. އެކަމަކު ފަހުން ކުޅުނު ދެ މެޗުގައި ސީޝެލްސް އަދި ސައުދީ އަތުން ވެސް ރާއްޖެ ބަލިވީ އެވެ.

ޑޭވޯގެ ބަދަލުގައި، މިހާރު ނޭޕާލްގައި ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަލިވީ ތަފާތު ބޮޑު ކޮށެވެ. ރޭ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 7-0 އިންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 9-0 އިންނެވެ. އަދި މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 އިންނެވެ.

ސީނިއާ ގައުމީ ފިރިހެން ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރީ ކުރީގެ ދެ ކޯޗުންނަށް ވެސް ބަދަލުގެ ގޮތުގައި ގިނަ ފައިސާތަކެއް ދިނުމަށް އެފްއޭއެމަށް ފީފާގެ ފުޓްބޯލް ޓަރައިބިއުނަލުން މީގެ ކުރިން ވަނީ އަންގައިފަ އެވެ. އެގޮތުން ކުރީގެ އެސިސްޓެންޓް ކޯޗު އަދި ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ރޭނޭ ހިޑިންކް އާއެކު އެފްއޭއެމުން ހެދި އެއްބަސްވުމާ ހިލާފަށް އޭނާ މަގާމުން ވަކި ކުރުމުން ފީފާގެ ޓްރައިބިއުނަލް އިން ވަނީ ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން އެންގި އެވެ.

ކުރީގެ ހެޑް ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ވެސް އުސޫލާ ހިލާފަށް ބާތިލުކޮށްފައި ވުމުން، އޭނާ އަށް ވެސް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 180،000 ޑޮލަރު ދޭން ވެސް ފީފާއިން އެންގި އެވެ.