Roadha Mihaaru
ދެ ބިމުގައި ޓާޓާ އިން ހަ މަސްތެރޭ ފްލެޓް ފަށަން ޖެހޭ

އޯޑިއޯން އާއި ނާދީ ބިމުގައި ޓާޓާއިން ހަ މަސްތެރޭ ފްލެޓް އަޅަން ފަށަން ޖެހޭ

11 ޖެނުއަރީ 2022

ތިން ބިލިއަން ރުފިޔާގެ ގެއްލުމުން ސަލާމަތްވުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު މި ސަރުކާރުން ސެޓްލްމެންޓަކަށް ދިޔައީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށާއި މިހާރު އެއްބަސްވެފައި އޮންނާނީ ސޮއި ކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ކަމަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން ބިލިއަން ރުފިޔާގެ ގެއްލުމުން ސަލާމަތްވުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު މި ސަރުކާރުން ސެޓްލްމެންޓަކަށް ދިޔައީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށާއި މިހާރު އެއްބަސްވެފައި އޮންނާނީ ސޮއި ކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ކަމަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާ އެކު 555 ހައުސިން ޔުނިޓް އަޅަންވީ އެއްބަސްވުމުގައި ދިމާވި މައްސަލަތައް ކޯޓުން ބޭރުގައި މިހާރު އޮތީ ހައްލުވެފަ އެވެ. މި ސަރުކާރުން ނިންމާފައި އޮތީ އޭރު އެއްބަސްވި ގޮތަށް ފްލެޓް އަޅަން އެ ކުންފުންޏަށް އޯޑިއޯން އާއި ނާދީ ބިމާއި 30 ލަގްޒަރީ ވިލާ އަޅަން ރަށެއް ވެސް ދިނުމަށެވެ.

ހައުސިން މަޝްރޫއު ފުރިހަމަ ނުކޮށް، އެންމެ 288 ފްލެޓް އެޅި ބަޔަކު ބޭނުންވި ގޮތަށް އެ ކުންފުންޏަށް ފައިދާވާ ޝަރުތުތަކަށް މި ސަރުކާރުން ވެސް ދީލައިލި މައްސަލައިގައި ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވީ މިފަހަރު ސެޓްލްމެންޓަކަށް ދިޔައީ ކުރީގެ ސަރުކާރުގައި އެއްބަސްވި ގޮތަށް ވުރެ ވެސް ދައުލަތަށް ލުއި ގޮތަކަށް ކަމަށެވެ. ދައުލަތުން ތިން ބިލިއަން ރުފިޔާ ޓާޓާއަށް ދައްކަން ޖެހިދާނެ ކަމުގެ ބިރަށް ސެޓްލްމަންޓަކަށް ދިޔައިރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2018 ގައި އެއްބަސްވެފައި އޮތީ ރިސޯޓެއް ހަދަން ރަށެއް 50 އަހަރަށް ދޭން ކަން އަކްރަމް ފާހަގަކުރެއްވި އެވެ.

"އެއަށް ވުރެ ރަނގަޅަށް މި ދިޔައީ. ލަގްޒަރީ ވިލާ އަޅަން ދޭ އިރު ސަރުކާރަށް ނުވަ މިލިއަން ޑޮލަރު މިފަހަރު ލިބޭނެ އިތުރަށް. ޔާމީން ސަރުކާރުން އެއްބަސްވީ ތިމަންނަމެން ރިސޯޓަކާއި ބިންތައް ދޭނަމޭ." އަކްރަމް ވިދާޅުވި އެވެ.

"މި ފަހަރު އެއްބަސްވީ ސޮއިކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް ވެސް އަޅަން ފަށާ ގޮތަށް."

އޯޑިއޯން އާއި ނާދީ ބިން ޓާޓާ އަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުމުން ބިން އަތުލައި ހުޅުމާލެ އިން ބިންތައް ހަމަޖައްސައިދޭން ހުށަހެޅި އެވެ. އެކަމަކު ޓާޓާ އިން ޑިމާންޑްކުރީ ފުރަތަމަ އެއްބަސްވުމުގައި ކަނޑައެޅި ނާދީ އާއި އޯޑިއޯން ބިމަށެވެ.

އަގު ބޮޑު މި މަޝްރޫއާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ފާޑުކިއުން އަމާޒުކުރީ އެމްޑީޕީގެ ސަރުކާރުގައި މި އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތަށެވެ. މި މަޝްރޫއު ޓާޓާއާ ހަވާލުކުރީ އެ ކުންފުންޏަށް ހުރިހާ އިނާޔަތްތަކާއި މަންފާ ލިބޭ ގޮތަށް ކަން އޮޑިޓް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. މި ވެރިކަމުގައި، މި މަޝްރޫއާ ގުޅުވައި ފާޑުކިއުން އަމާޒުކުރަނީ ދައުލަތުން ބޮޑު ގެއްލުމެއް ދޭން ޖެހުނީ ކުރިން އެއްބަސްވި ގޮތަށް ކުރީގެ ސަރުކާރުގައި ކުރިއަށް ނުގެންގޮސް އުވާލުމުން ކަމަށް ބުނެ އެވެ.