27 ޑިސެމްބަރ 2016
އައިޝަތު ނަޝީދާ، 42،ގެ ވެސް އުއްމީދަކީ މި އެވެ؛ ދިރިއުޅުމުގެ ނަމުގައި ގަނަތެޅުން ހުއްޓާލާފައި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ފަހިވުމެވެ. އެކަމަކު މި ހުވަފެނުގައި ކުލަ ނުޖެހި، އޭނާ އަށް ލިބޭ ހިތްދަތިކަން ހައްތަހާ ވަނީ ބޮޑެވެ.
އައިޝަތު ނަޝީދާ، 42،ގެ ވެސް އުއްމީދަކީ މި އެވެ؛ ދިރިއުޅުމުގެ ނަމުގައި ގަނަތެޅުން ހުއްޓާލާފައި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ފަހިވުމެވެ. އެކަމަކު މި ހުވަފެނުގައި ކުލަ ނުޖެހި، އޭނާ އަށް ލިބޭ ހިތްދަތިކަން ހައްތަހާ ވަނީ ބޮޑެވެ.
ބޯހިޔާވަހިކަން ނުލިބުމުގެ ހާސްކަމުގައި ގާތްގަނޑަކަށް 30 އަހަރު ވީ އެވެ. އޭނާގެ ހާލަތު ބަދަލެއް ނުވި އެވެ. ބައްޕަގެ ގޯތި، މ. ތިރިންގަލި، ބަހާފައި ލިބުނު 13 ފޫޓު ދިގު، 13 ފޫޓޫ ފުޅާ ކުޑަ ކޮޓަރީގައި ނަޝީދާގެ ދެމަފިރިންނާއި މަންމަ އާއި ހަތަރު ދަރިންނާއި މާމަ ދަރިންނާ އެކު ޖުމްލަ އަށް މީހުން ދިރިއުޅެނީ ތޮއްޖެހިގެންނެވެ. ހަމަޖެހިލައިގެން ކައިބޮއެ، ނިދައި، އަޅުކަން ކޮށްލެވޭނެ ގޮތެއް ނެތެވެ.
އެއްބަފާ ހަ ކުދިންނަށް ގެ ބަހާފައިވާއިރު، އެ އެންމެން ވެސް އުޅެނީ ހަމަ އެ ހާލުގަ އެވެ. އެ ގޭތެރެ ހީވަނީ ކުޑަވަރެއްގެ ގުދަނެއް ހެންނެވެ. އެތަން މިތަނުގައި މަތިމައްޗަށް ހުރީ ސާމާނުތައް އަތުރައިފަ އެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު ބަހައްޓާފައި ނޭވާލާނެ ޖާގައެއް ނެތެވެ. ފުރާޅުން ފެން ފައިބާތީ ފާރުތައް ބަލިވެ، ގެ ހުރީ ބޮލަށް ވެއްޓެން ކައިރިވެފަ އެވެ.
ނަޝީދާ ދިރިއުޅޭ ގެ: ވެށިފަހި މާލެ މަޝްރޫއުގައި ފްލެޓެއް ލިބުނަސް ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެތަނަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮންމެ ރެއަކާއި ދުވާލެއް ނިމޭއިރު ވެސް ހިތަށްއަރާ، މި ނޫން ދުވަހެއް ފެންނާނީ ކޮން އިރަކުންބާއޭ؟ މި ހާލުގައި މުޅިން މާޔޫސްވެއްޖެ. --ނަޝީދާ
ގޭތެރޭގެ ހާލަތު ހުރި ގޮތުން ދަރިންނާ އެކު ނިދެން ނެތިގެން ނަޝީދާގެ ދެމަފިރިން އުޅެނީ 5،000ރ. އަށް ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެތަނުގައި ކައްކާ ކެވޭނެ ގޮތެއް ނެތުމުން ދުވާލު އުޅެނީ ދަރިންނާ އެކުގަ އެވެ.
"ކުޑަ ގޮޅިއެއް ވަރުގެ ތަނެއްގައި އެންމެން ފުނި ޖެހިގެން ތިބެން މަޖުބޫރު. ވަރަށް ހިތްދަތި އިހުސާސެއް ކުރެވޭ ކަމެއް މިއީ،" ނަޝީދާ ބުންޏެވެ.
އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެ ނޫން ގޮތެއް މާ ބޮޑަށް ވެސް ހައްގެވެ. ތިން ފަހަރަށް އެދިގެން، ވެށިފަހި މާލެ މަޝްރޫއުގެ ދަށުން އޭނާ އަށް ވަނީ ފްލެޓް ލިބިފަ އެވެ. އެކަމަކު ފްލެޓް ޔަގީންވިއިރު، ލިބުނު "ޝޮކު" އެއަށް ވުރެން މާ ބޮޑެވެ.
."އުއްމީދެއްގައި ތިބޭތާ 10 ވަރަކަށް އަހަރު މިވީ. އިންތިޒާރަށް ނިމުން އައިސް ފްލެޓް އަތަށް އެރިއިރު މިއޮތީ އެއަށް ވުރެ ބޮޑު ހިތްދަތި ކަމެއް ކުރިމަތިވެފައި،" ނަޝީދާ ބުންޏެވެ.
މާލެ އިން ފްލެޓަކަށް ކުރިމަތިލީ އޭނާ އަށް ލިބިފައިވާ ކުޑަ ކޮޓަރި ދައުލަތަށް ދޫކޮށްލަން އެއްބަސްވެގެންނެވެ. ފްލެޓް ކަށަވަރުވިތާ އެތައް އަހަރެއް ވެފައިވާއިރު ވެސް ބިންކޮޅަށް ހަދަންވީ ގޮތެއް ސަރުކާރުގެ އެއްވެސް ފަރާތަކުން އަންގާފައެއް ނުވެ އެވެ. ފްލެޓްތައް ތަރުތީބުކުރަން މީގެ މަހެއްހާ ދުވަސް ކުރިން ގުރުއަތު ނަގައި، ގާކޮށީގައި ހުރި އިމާރާތުގެ ދެ ވަނަ ބުރިން ފްލެޓް ލިބުނު އިރު ވެސް ބިންކޮޅަށް ހަދަންވީ ގޮތުގެ ވާހަކައެއް ސަރުކާރުން ނުދައްކާ ކަމަށް އޭނާ ބުންޏެވެ.
ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ އަގުތައް އިއުލާންކުރީ ބިންކޮޅަށް ހަދަންވީ ގޮތެއް އޮޅުން ނުފިލައި ތިއްބަ އެވެ. ފްލެޓަށް ދައްކަން ޖެހޭ އަގު އިންތިހާ އަށް ބޮޑެވެ.
ގޭތެރޭގައި ސާމާނުތައް ފުނިޖެހިފައި: ހަ ދަރިންނަށް ގެ ބަހާލުމުން ކޮންމެ މީހަކަށް ލިބުނީ ކުޑަ ކޮޓަރިއެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެށިފަހި މާލެ އިން ފްލެޓާއި ގޯތި ލިބުނު މީހުން، އެ މީހުން ދައުލަތަށް ދޭން ޖެހޭ ބިންކޮޅު ހަވާލުކުރަން މިހާރު އޮތީ މުއްދަތެއް ދީފަ އެވެ. އެކަން އިއުލާންކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެކަމަކު ތިން މަސް ދުވަހުގެ ތެރޭގައި ތަން ދޫކޮށްފައި ފްލެޓަށް ވަންނާނެ ހަމަ އެއްވެސް ގޮތެއް ނަޝީދާއަކަށް ނުވިސްނުނެވެ. އޭނާގެ ފިރިމީހާ އަށް މަހެއްގެ މައްޗަށް ލިބޭ 12،000ރ. އިން، ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރި އަށް ކުލި ދައްކަން ޖެހެ އެވެ. ދަރިންގެ ހަރަދުތަކާއި ދިރިއުޅުމުގެ އެހެން ކަންކަމަށް ހޭދަކޮށް، މަސް ނިމޭއިރު ރައްކާކުރާނެ އެންމެ ފައިސާ ފޮއްޗެއް ވެސް ނޯވެ އެވެ.
މިހާލުގައި އުޅޭއިރު، ފްލެޓުގެ ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 400،000ރ. ހޯދާނީ ކިހިނެއް ހެއްޔެވެ؟ ބޭންކުގެ ތިން މިލިއަން ރުފިޔާގެ ދަރަނި ބޮލުގައި އަޅައިގެން ފްލެޓަށް ވަންނައިރު އެ ދަރަނި ދައްކާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ދުވަހަކު ލޯނެއް ނަގައިގެން ބޯހިޔާވަހިކަމެއް ނުހޯދީ، ނަޝީދާ ބުނިގޮތުގައި، އެ ފެންވަރު ނެތިގެންނެވެ.
"ޑައުން ޕޭމަންޓަށް 400،000ރ. ދެއްކުމަށް ފަހު އިންޓްރެސްޓާ އެކު އަޅުގަނޑުމެން އެބަ ދައްކަން ޖެހޭ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ. އޭރުން ވެސް މަހަކު އަޅުގަނޑުމެން 16،000ރ. ދައްކަން އެބަ ޖެހޭ. އަޅުގަނޑުގެ ނެތް އެ ފެންވަރެއް،" އޭނާ ބުންޏެވެ.
"އެ 400،000ރ. އާއި ތިން މިލިއަން ރުފިޔާ ލިބޭ ނަމަ ނުވަތަ އެއްވެސް ގޮތެއް އޮތް ނަމަ މި ހާލަކު ނޫޅޭނެ."
މަހެއްގެ މައްޗަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16،000ރ. ނުލިބޭއިރު ކުލީގެ ގޮތުގައި އެ އަދަދު ދައްކާނީ ކިހިނެއްތޯ ނަޝީދާ ސުވާލު އުފެއްދި އެވެ. ހަމައެއާ އެކުު އިމާރާތްކޮށްފައިވާ ފްލެޓުގެ ފެންވަރަށް ބަލާއިރު ވެސް އެހާ ބޮޑު އަގުގައި ގަތުމުގެ މާނައެއް އޮތް ކަމަަކަށް އޭނާ ނުދެކެ އެވެ.
ނަޝީދާ ދިރިއުޅޭ މ. ތިރިންގަލި: ދިރިއުޅެން އެކަށީގެން ނުވިއަސް އެ ނޫން ގޮތެއް އަދި ފެންނަން ނެތް ކަމަށް އޭނާ ބުނޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ފްލެޓަށް ކުރިމަތިލީއިރު އަދި މި މަޝްރޫއާ ގުޅޭ ގޮތުން ލިބުނުު މައުލޫމާތަށް ބަލާއިރު ފްލެޓަށް އެހާ ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަކަށް އޭނާ ހިއެއްނުކުރެ އެވެ.
ނަޝީދާ ބުނި ގޮތުގައި އޭނާ ހީކޮށްގެން ހުރީ އޭނާ ދޫކޮށްލާ ބިންކޮޅު އަގުކޮށްފައި އަރާ އަދަދުން ފްލެޓުގެ ކުއްޔަށް ލުޔެއް ލިބޭނެ ކަމަށެވެ. ސަރުކާރުން، ކުރިން ވާހަކަ ދެއްކީ އެ ގޮތަށް ނަމަވެސް ފްލެޓް ދޫކުރުމުގައި ސަރުކާރުގެ ވިސްނުން މިހާރު މުޅިން ބަދަލުވެފައިވާ ކަން ހައުސިން މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކުގެ ވާހަކަތަކުން ސާފުވާ ކަމަށް އޭނާ ބުންޏެވެ.
"ބިންކޮޅު ހިތުން ރުހުމުން ދޭން އަޅުގަނޑުމެން މިތިބީ. އެހެންވެއްޖިއްޔާ އެންމެ ރަނގަޅު ދެއްތޯ އެ އަދަދު ފްލެޓުގެ އަގުން އުނިކޮށްފައި ދޭން. އެ ކަހަލަ ލުއި ފަސޭހައެއް ވެސް ހަދާ ދިން ނަމަ ކިހާ ރަނގަޅުތޯ؟،" ނަޝީދާ ބުންޏެވެ.
"ކޮންމެ ރެއަކާއި ދުވާލެއް ނިމޭއިރު ވެސް ހިތަށްއަރާ، މި ނޫން ދުވަހެއް ފެންނާނީ ކޮން އިރަކުންބާއޭ؟ މި ހާލުގައި މުޅިން މާޔޫސްވެއްޖެ."
ނަޝީދާ އަށް ދެން އޮތީ، ފްލެޓް ދޫކޮށްލުމަށް ފަހު ގެ ހެދޭނެ ގޮތެއް އޮތްތޯ ބެލުމެވެ. އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އެތައް ބަޔަކާ ވާހަކަ ވެސް ދައްކައިފި އެވެ. މަޖީދީމަގު، ނަލަހިޔާ ހޮޓާ ސަރަހައްދުގައި ހުރި އެ ގެއަކީ މާލޭގެ އެންމެ ފަސޭހަ، ހިތްގައިމު ސަރަހައްދަކަށް ވާތީ ބުރިބުރި އަށް އިމާރާތް ނަގަން ބޭނުންވާ ބަޔަކު ވެސް އެބަ ތިއްބެވެ. އެކަމަކު އެއްބަސް ނުވެވެނީ އެ މީހުން ހުށަހަޅާ ޝަރުތަށެވެ.
ނަޝީދާގެ މަންމަ އާއި ދަރިން ނިދާ ތަންކޮޅު: އޭނާ ހުރީ މި ހާސްކަމުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބަޔަކާ ހަވާލުކޮށްގެން ހަދަން ބެލިއިރު މި ވާ ގޮތަކީ 10 ބުރި އަށް އިމާރާތްކޮށްފައި އަޅުގަނޑުމެންނަށް ލިބެނީ ހަތަރު ބުރި. ހަ ބުރި މި ދޭން ޖެހެނީ ގެ އިމާރާތް ކޮށްދޭ މީހުންނަށް. މިހެންވީމަ މިވާ ގޮތަކީ، ހަ ދަރިން ތިބޭތީ ހަތަރު ބުރި މާ މަދުވަނީ،" ނަޝީދާ ބުންޏެވެ.
މި ޒަމާނުގެ ކަންތައް އޮންނަ ގޮތާއި އާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ބަލައި އެކަން އެ އާއިލާ ތެރޭގައި ތަކުރާރުވާން ނަޝީދާމެން ބޭނުމެއް ނުވެ އެވެ. ބަޔަކާ ހަވާލުކޮށްގެން ގެ އިމާރާތްކުރަން އެއްބަސް ނުވެވިގެން އުޅެނީ ވެސް އެހެންވެ އެވެ.
މިއީ، ހަމައެކަނި ނަޝީދާ އަށް ކުރިމަތިވެފައިވާ ހާލެއް ވެސް ނޫނެވެ؛ ވެށިފަހި މާލެ މަޝްރޫއުގައި ފްލެޓް ލިބުނު އެތައް ބަޔަކު ތިބީ މި ހިތްދަތި ކަމުގެ ތެރޭގަ އެވެ. މި މީހުންނަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ހައްލެއް ހޯދައި ދިނުމެވެ. ސަރުކާރުން އިއުލާނެއްކޮށް، ސަރުކާރުން ވަކި ގޮތަކަށް އަމަލްކުރާނެ ކަމަށް ރައްޔިތުންނަށް އަންގައިދޭ ސިޔާސަތުތަކަށް ސަރުކާރުން ފުރަގަސްދީ، ނިކަމެތިންނަށް ނިކަމެތި ގޮތް، ފުދުންތެރިންނަށް ފައިދާ ހުރި ގޮތް ހަދާ ނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.
އެއްބަސްވުން ބާތިލް ކުރިޔަސް ޓާޓާ މަސައްކަތް ފަށައިފި
ސަރުކާރަށް ދޫކުރާ ބިންކޮޅު ހަވާލުކުރަން މުއްދަތެއް ދީފި
ފްލެޓްތަކަށް ފައިސާ ދައްކައިފި، އެއްބަސްވުން ހަދަނީ
ފްލެޓްތައް ނިމޭނެ ދުވަހެއް އަދިވެސް ނޭނގެ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
288 ފްލެޓު އެޅި ޓާޓާއަށް މިވަރުގެ ބަދަލެއް؟
ދައުލަތަށް ނެގި ބިމެއް ނުވިއްކަން އަމުރުކޮށްފި
ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށް ދީފި
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން