Roadha Mihaaru
ހެލްތުގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް އައްޔަންކޮށްފި

70،000ރ. ގެ އުޖޫރައަކާއެކު، ހެލްތު މިނިސްޓްރީގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް އައްޔަންކޮށްފި

11 ޖެނުއަރީ 2022

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް 70،000ރ. ގެ ބޮޑު މުސާރައަކާއެކު ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް 70،000ރ. ގެ ބޮޑު މުސާރައަކާއެކު ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަށް 14 އަހަރު ޚިދުމަތް ކުރައްވާފައިވާ އަޝްރަފް މި މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޔޫކްރެއިިންގެ ކްރައިމިއާ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން އިންޓާނަލް މެޑިސިން ހައްދަވާފައިވާ ޑރ. އަޝްރަފް ވަނީ ނޭޕާލުގެ ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސްގައި އިންޓާނަލް މެޑިސިންގެ ތަމްރީނު ވެސް ހައްދަވައިފަ އެވެ.

އަޝްރަފް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1996 އިން ފެށިގެން ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްޗުގަ އެވެ. އޭގެ ފަހުން އިތުރު ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ އެހެން ބައެއް ތަންތަނުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ގައުމީ ޔުނިވާސިޓީގެ މެޑިކަލް ދަރިވަރުންނަށް އޭނާ ކިޔަވައި ވެސް ދެއްވި އެެވެ.

އޭނާ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ނޮދާން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަމާއި ހުޅުމާލެ ހޮސްޕިޓަލުގެ އިސްވެރިޔާކަން ވެސް ހިމެނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އޭނާ މަސައްކަތް ކުރެއްވިއިރު، އެ ހޮސްޕިޓަލުގައި އައިސީޔޫ ހުޅުވައި، ކަރުންމަތީގެ އޮޕަރޭޝަންތަކާއި ލޮލުގެ ފަރުވާ ދިނުން ވެސް ފެއްޓެވި އެވެ.

އެންމެ ބޮޑު މުސާރަ ލިބޭ އެއް މަގާމު

ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކުރީ މިދިޔަ އަހަރު ޖޫންގަ އެވެ.

އެ ކޮމިޝަނުން މި މަގާމު އިއުލާނުކުރީ 70،000ރ. މުސާރައަކާއެކު އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430ރ. ގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރ. އެވެ. މިއީ ސިވިލް ސާވިސްގެ މަގާމުތަކަށް ބަލާއިރު އެންމެ ބޮޑު މުސާރަ ދޭ މަގާމެވެ. އަދި މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމެވެ.

މި މަގާމަށް މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑީޖީގެ މަގާމުގެ ބައެއް މަސްއޫލިއްޔަތުތައް

• ސިއްޙީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީ އަށް ލަފާދިނުން.

• ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުން.

• ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މުއައްސަސާތަކާ އެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހި ކޮށްދިނުން.

• ރާއްޖެ އަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްހީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުން.

• ސިއްހީ ދާއިރާ އާއި ހެލްތު މިނިސްޓްރީއާ ގުޅުން ހުރި އެހެން ކަންކަމުގައި ލަފާދޭ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުން.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު އަޝްރަފްގެ ކުރިން އެންމެ ފަހުން ފުރުއްވީ ޑރ. ޝީޒާ އަލީ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މަގާމުން ޝީޒާ ވަކިވެވަޑައިގެންފައި ވަނީ މި މަގާމަށް ކަނޑައަޅާފައިވާ "ޓާމް" ފުރިހަމަ ވުމުންނެވެ. މި މަގާމަށް އައްޔަން ކުރަނީ ހަތަރު އަހަރު ދުވަހަށެވެ.

ޑިރެކްޓަ ޖެނެރަލަކަށް އައްޔަން ކުރާނީ، ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލް ކޮށްފައިވާ މީހެކެވެ. އަދި އޭނާ ވާން ޖެހޭނީ އެ ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ، އެ ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށެވެ. އަދި އެއީ ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރު، ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ އެވެ.