Roadha Mihaaru
ޕާކިސްތާނުގެ ސިޔާސަތަކީ އިންޑިއާއާ ސުލްހަވުން

ޕާކިސްތާނުގެ ސިޔާސަތަކީ އިންޑިއާއާ ސުލްހަވުން

13 ޖެނުއަރީ 2022

ޕާކިސްތާނުގައި މާދަމާ އިއުލާންކުރަން ހަމަޖެހިފައިވާ އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި، އަވައްޓެރި އިންޑިއާ އާއި އެހެން ގައުމުތަކާ އެކުގައި ސުލްހަ ގާއިމުކުރުން ހިމަނައިފި އެވެ.

ޕާކިސްތާނުގައި މާދަމާ އިއުލާންކުރަން ހަމަޖެހިފައިވާ އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި، އަވައްޓެރި އިންޑިއާ އާއި އެހެން ގައުމުތަކާ އެކުގައި ސުލްހަ ގާއިމުކުރުން ހިމަނައިފި އެވެ.

ބޮޑުވަޒީރު އިމްރާން ޚާން މާދަމާ އިއުލާންކުރައްވާ، ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުގައި އިންޑިއާއާ އެކުގައި ވަރަށް ގާތް ގުޅުމެއް އުފެއްދުމަށް ކަނޑައަޅާފައިވެ އެވެ. ސަތޭކަ ސަފްހާގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ސިޔާސަތުގައި ބުނެފައިވާ ގޮތުން، ގަނެވިއްކުމާއި ވިޔަފާރީގެ ގުޅުންތައް އިންޑިއާއާ އެކުގައި ގާއިމުކުރާނެ އެވެ.

ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި އުފެދިފައިވާ ދެބަސްވުން މިހާތަނަށް ވެސް ހައްލުނުކުރެވި އޮތް އިރު، އެ މައްސަލަ އަށް ވުރެ ބޮޑަށް ޕާކިސްތާނުން މި ވަގުތު އިސްކަން ދެނީ، އިންޑިއާއާ އެކުގައި ސުލްހަވެރި ގުޅުމެއް އުފެއްދުމަށެވެ.

ޕާކިސްތާނު ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ، ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން އިން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު މާދަމާ އިފްތިތާހް ކޮށްދެއްވާ، ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުން އާންމު ކުރާނީ ވަކި ބައެކެވެ. އެހެން ގައުމުތަކާ އެކުގައި ދަމަހައްޓާ ގުޅުންތަކާ ބެހޭ ގޮތުން، އެ ސިޔާސަތުގައި ހިމަނާފައިވާ ބައިތައް އާންމު ނުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

"ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި ވެސް، އިންޑިއާއާ އެކުގައި ހަނގުރާމައެއް ކުރާކަށް އަހަރެމެން ބޭނުމެއް ނޫން. އަހަރެމެން ކަނޑައަޅާ އާ ސިޔާސަތުގައި ބޭނުންވަނީ، އަހަރެމެންނާ އިންވެގެން ތިބި އަވައްޓެރިންނާ އެކުގައި ސުލްހަ ގާއިމުކުރަން،" ޕާކިސްތާނުގެ އިސް ވެރިއަކު ވިދާޅުވި އެވެ.

"ގައުމީ ސަލާމަތާ ބެހޭ އާ ސިޔާސަތުގެ މަރުކަޒީ ޝިއާރަކަށް ހަދާފައިވާނީ އިގްތިސާދީ ރައްކާތެރިކަން. ގައުމުތަކާ އެކުގައި އިގްތިސާދީ ގުޅުން ހަރުދަނާ ކުރުމުގެ މާނައަކީ، ގައުމުތަކާ ދެމެދުގައި އޮންނަ ސްޓްރެޓީޖިކް ގުޅުންތަކާއި ޕާކިސްތާނުގެ ސިޔާސީ މަސްލަހަތު އެއްފަރާތް ކުރުމެއް ނޫން."

އެ އޮފިޝަލް ވިދާޅުވި ގޮތުގައި ކަޝްމީރުގެ މައްސަލަ ފާހަގަކުރެވިފައިވަނީ، ޕާކިސްތާނުގެ ދިރުމާ ގުޅިފައިވާ ގައުމީ ސިޔާސަތެއްގެ ގޮތުގަ އެވެ. އަދި ކަޝްމީރުގެ މައްސަލަ އިހުމާލު ނުކުރެވޭނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ އާ ސިޔާސަތު އިއުލާންކުރުމަށް ފަހު، ޕާކިސްތާނުގެ ހާރިޖީ ގުޅުންތަކާއި ބައިނަލްއަގުވާމީ އަދި ދިފާއީ ސިޔާސަތު ވެސް ކުރިއަށް ދާނީ، ގައުމީ ސަލާމަތާ ބެހޭ އާ ސިޔާސަތުގެ ތެރެއިންނެވެ.