Roadha Mihaaru
"އިންތިހާބު ލަސްކުރަނީ ހުރިހާ މުއައްސަސާތައް ގުޅިގެން"

އިންތިހާބު ލަސްކުރަނީ ހުރިހާ މުއައްސަސާތައް ގުޅިގެން: އިންތި

15 ޑިސެމްބަރ 2016

ގާނޫނޫއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަމުން ދަނީ ހުރިހާ މުއައްސަސާތައް ގުޅިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނޫއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަމުން ދަނީ ހުރިހާ މުއައްސަސާތައް ގުޅިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭނުންވެގެން ކޯޓަށް މައްސަލަ ހުށަހަޅައި ސިވިލް ކޯޓުގެ އަމުރަކުން އިންތިހާބު ވަނީ ދެ މަހަށް ފަސްކޮށްފަ އެވެ. އެ އަމުރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މި މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައި ކޯޓުގައި އަދި ނުފަށަ އެވެ. ހައި ކޯޓު މިހާރު އޮތީ ރިސެސްގައި ކަމަށް ވިޔަސް، މުހިންމު މައްސަލަތައް އެ މުއްދަތުގައި ކޯޓުތަކުގައި ކުރިއަށް ގެންދެ އެވެ.

އިންތިހާބާ މެދު ވަކި ގޮތެއް ނުނިންމައި ލަސްކުރުން މިއީ، އިންތި ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިހާބަށް ތައްޔާރުވެެގެން ތިބި ޕާޓީތަކާއި ދިވެހި އެތައް ރައްޔިތުންގެ ހައްގު ގެއްލިގެންދާ ކަމެކެވެ.

"މިއީ [އިންތިހާބު ލަސްކުރުމަކީ] ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް ގުޅިގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާ ކަމެއް. ގާނޫނުއަސާސީގައި މުއްދަތެއް ކަނޑައަޅާފައި އޮއްވައި އެއާ ހިލާފުވެ، އިންތިހާބު އޮންނާނެތޯ ނޯންނާނެތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދައި، ފޫހިކޮށްލައި އިންތިހާބު ސަމާސާއަކަށް ހަދާފައި މިވަނީ،" އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިންތި ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިންތި ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: މަޖިލިސް

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކޯޓުތަކުން ވެސް ވަކި ގޮތެއް ނުނިންމައި ލަސްކުރަނީ ޕީޕީއެމް މުސްތަޝާރުގެ ފެކްޝަނުން ބޭނުންވެގެން ކަމަށް ވެދާނެ އެވެ. އެގޮތުން ރައީސް ޔާމީންގެ ފެކްޝަނުން އަންގާ ހުރިހާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރުމަށް ފަހު، ހައި ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންނަށް "ދަޅަ ދައްކަން" ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބު ލަސްކުރާ މައްސަލާގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ކުރި ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.