Roadha Mihaaru
ކޮވިޑްގެ ޕީސީއާރު ޓެސްޓު ހެދެނީ ހަތަރު އަތޮޅަކުން

މާލެ ފިޔަވައި ކޮވިޑްގެ ޕީސީއާރު ޓެސްޓު ހެދެނީ އެންމެ ހަތަރު އަތޮޅަކުން

18 ޖެނުއަރީ 2022

މާލެ ފިޔަވައި މި ވަގުތު ރާއްޖެ އިން ކޮވިޑް-19 އަަށް ޓެސްޓް ކުރުމަށް ޕީސީއާރު ހެދެނީ ހަތަރު އަތޮޅަކުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ފިޔަވައި މި ވަގުތު ރާއްޖެ އިން ކޮވިޑް-19 އަަށް ޓެސްޓް ކުރުމަށް ޕީސީއާރު ހެދެނީ ހަތަރު އަތޮޅަކުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.

އެޗްއީއޯސީގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ މި ވަގުތު އެ ހަތަރު އަތޮޅުން އެކަނި ޕީސީއާރު ޓެސްޓު ހެދުނަސް ށ، ރ، ބ، ޅ، ތ، ލ، ގއ. އަދި ގދ އާއި ފުވައްމުލަކު ހޮސްޕިޓަލުގައި ޖީން އެކްސްޕާޓް މެޝިން ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މި މެޝިންތަކުން ދުވާލަކު 40 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށާއި އެހެންވެ ކޮވިޑްގެ އަލާމާތް ހުންނަ މީހުންގެ ސާމްޕަލް ރަށްރަށުން ޓެސްޓް ކުރެވޭނެ ކަމަށެވެ.

އޭނާ ވިިދާޅުވިގޮތުގައި، ކޮމިއުނިޓީ ސްޕްރެޑް އޮންނަ ރަށްރަށުގައި ތިބޭ ކޮވިޑްގެ އަލާމާތް ހުންނަ މީހުންގެ ޓެސްޓް ކުރުމަށް އެންޓިޖެން ޓެސްޓް ވެސް ފޯރުކޮށްދެ އެވެ. އެޗްއީއޯސީން އެ ޓެސްޓުތައް އަތޮޅުތަކާއި ރަށްތަކަށް ވެސް ފޯރުކޮށްދެ އެވެ.

އެކަމަކު ކަރަންޓީނު ނިމޭ މީހުންގެ ސާމްޕަލާއި ބަލީގެ އަލާމާތް ނުހުންނަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު، ޓެސްޓުކުރުމަށް އާންމުކޮށް ފޮނުވަނީ ކައިރި އަތޮޅުތަކަށް ނުވަތަ މާލެ އަށް ކަމަށް އޮފިޝަލް ވިދާޅުވެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވިޔަސް އަދިވެސް ގިނަ ރަށްރަށުގައި ކޮވިޑަށް ޓެސްޓްކޮށް ފަސޭހައިން ނަތީޖާ ލިބޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން އާންމުން ކަންބޮޑުވެ އެވެ. ބައެއް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލްގެ ނަތީޖާ ނުލިބި 3-4 ދުވަސްވާ ކަަމަށް އެ މީހުން ބުނެ އެވެ.

ރާއްޖޭގައި އަލަށް ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށާފައި ވަނީ މާޗް 2020 ގަ އެވެ. ރާއްޖެ އިން އެ ބައްޔަށް ޝައްކުވާ މީހަކު މާޗް 7، 2020 ގައި ފުރަތަމަ ފަހަރަށް ފެނުމާއެކު، ޓެސްޓު ހަދަން ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ. އޭގެ ފަހުން ވެސް ޝައްކުވި ބައެއް މީހުންގެ ޓެސްޓުތައް ޕޫނޭގެ ލެބޯރެޓަރީއަކަށް ފޮނުވައިގެން ހެދިޔަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު، އެ އަހަރުގެ މާޗު މަހުގެ ފަހުކޮޅު އައިޖީއެމްއެޗުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ސަރުކާރުން ފެށި އެވެ.

އެހެންވެ، ރާއްޖެ ހިމެނެނީ ކޮވިޑް-19 ދުނިޔެ އިން ފެނުނު ފުރަތަމަ ދުވަސްކޮޅު އެންމެ ފުރަތަމަ އެ ބައްޔަށް ޓެސްޓު ކުރަން ފެށި ގައުމުތަކުގެ ތެރޭގަ އެވެ. އެކަމަކު ކޮވިޑްގެ ބަލި ފެތުރެމުންދާތާ އެތައް ދުވަހެއް ވީއިރު ވެސް ރަނގަޅު އިންތިޒާމެއް ނެތް ކަމުގެ ޝަކުވާ ބޮޑެވެ. ނަމަވެސް ކޮވިޑަށް މިހާތަނަށް ދެ ބިލިއަން ރުފިޔާ ރާއްޖެ އިން ހޭދަކޮށްފައިވެ އެވެ.