Roadha Mihaaru
މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

23 ޖެނުއަރީ 2022

ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ އަލާމަތްތައް ފެނިގެން ޓެސްޓުކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ވަގުތު ހުންނެވީ ގޭގައި އައިސޮލޭޝަންގައި ކަމަށެވެ.

"އިންޝާﷲ އަދި ރަނގަޅު ވާނެ. އެކަމަކު އާއިލާ އާއި މައިންބަފައިންނާ މެދު ކަންބޮޑުވޭ،" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ވިދާޅުވި އެވެ.

"ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހައި ރިސްކު މީހުންނާ ހަމައަށް މި ވައިރަސް ދިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރަން ޖެހޭ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ރައީސް ކޮވިޑަށް ޓެސްޓް ކުރެއްވީ ށ. ކޮމަންޑޫ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނަށް އިއްޔެ އެ ދާއިރާ އަށް، އަދި މިއަދު ހަވީރު ރ. އަލިފުށީގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ވަޑައިގަތުމަށް ޝެޑިއުލް ކުރައްވާފައި ވާތީ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަސްގަނޑަކަށް ފަހު މިހާރު ވަނީ މަތިވާން ފަށައިފަ އެވެ. ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މައްޗަށް އަރާއިރު، އިއްޔެ ވަނީ 2،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.