Roadha Mihaaru
އަންނަ މަހު 16: އޮލިމްޕަސް ހުޅުވަން އާ ތާރީހެއް

އަންނަ މަހު 16: އޮލިމްޕަސް ހުޅުވަން އަނެއްކާވެސް ތާރީހެއް

16 ނޮވެމްބަރ 2022

އިންޑިއާގެ އެހީގައި މަރާމާތުކޮށް ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް ނިންމައި އަންނަ މަހު 16 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންޑިއާގެ އެހީގައި މަރާމާތުކޮށް ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް ނިންމައި އަންނަ މަހު 16 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ 2020 ވަނަ އަހަރު އެ ސިނަމާ ބަންދުކުރި ގޮތަށް އެ ތަން އަދިވެސް ނުހުޅުވަ އެވެ. ދިވެހި ފިލްމު ދެއްކުމަށް ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވައި ލަސްވާތީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ބޮޑެވެ.

އޮލިމްޕަހުގެ މަސައްކަތް ނިންމޭނެ ތާރީހަކާއި، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޔުމްނާ ވިދާޅުވީ އޮލިމްޕަހުގެ މަސައްކަތް ހުޅުވުން ލަސްވެެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ލަސްވެފައިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމަށް ދިމާވި ދަތިކަމެވެ.

"އެއީ އެކަން ހަވާލުކުރި ފަރާތުން އެ ދިން މުއްދަތަށް ފަހު، ފަހުން އެކަން ނުކުރެވޭނެ ކަމަށް ބުނުމުން އަނެއްކާ ވެސް އެކަން ކުރާނެ ބަޔަކު ހޯދައިގެން މަސައްކަތް މި ކުރީ. ޒަމާނީ ފެންވަރަށް އޮލިމްޕަސް ހެދުމަށް ބޭނުންވާ ސާމާނު ގެނައުމުގައި ވެސް ލަސްތަކެއް ދިމާވި. ނަމަވެސް މިހާރު ވަނީ ގިނަ ސާމާނު ލިބިފައި،" ޔުމްނާ ވިދާޅުވި އެވެ.

މިހާރު މަސައްކަ ކުރަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވަން ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

އޮލިމްޕަހުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު

- އޮލިމްޕަހުގައި ހިންގާ ހަރަކާތްތަކާ ގުޅިގެން އެކަން އިޝްތިހާރުކުރުމަށް މައި ގޭޓްގެ މަތީގައި ލެޑް ޕެނަލެއް ހަރުކޮށް، އެ ތަނުގެ ވަށައިގެން ޖަހާ ކްލެޑިންގެ މަސައްކަތް އަންނަނީ ކުރަމުން. -ޑާންސް ޕްރެކްޓިސް ރޫމްތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް ނިމުމާ އެކު ފްލޯރިންގެ މަސައްކަތް ފަށާނެ. - އޮލިމްޕަހުގެ ހޯލާއި ރިހާސަލް ހޯލްތަކަށް އެކޯސްޓިކް ޓްރީޓްކުރާ މެޓީރިއަލް ހޯދުމަށް ހަވާލުކުރި ފަރާތަށް އެމަސައްކަތް ކުރެވެން ނެތް ކަމަށް އެންގުމުން، އެ މަސައްކަތް ސިންގަލް ސޯސް އުސޫލުން ވަނީ އެހެން ފަރާތަކާ ހަވާލުކޮށްފައި. - ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި ރިޓްރަކްޓަބަލް ސްކްރީނާއި 7.1 ސައުންޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ފަހަރު އިއުލާންކުރުމުން ވެސް އެއްވެސް ފަރާތަކުން ކުރިމަތިނުލުމުން ސިންގަލް ސޯސްކޮށް ބަޔަކާ ހަވާލުކުރީ މި މަހުގެ 16 ގެ ކުރިން ނިންމާ ގޮތަށް. - ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމުކުރުމަށް ހަދާ ޕްލެޓްފޯމްގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެއްބަސްވުން ބާތިލުކޮށް، މިދިޔަ ސްޕެޓެމްބަރު މަހުގެ 17 ގެ ނިޔަލަށް ނިންމުމަށް އެހެން ބަޔަކާ ވަނީ ހަވާލުކޮށްފައި. - އޮލިމްޕަހަށް ބޭނުންވާ ސައުންޑާއި ލައިޓް ހޯދުމަށް ބަޔަކާ މަޝްވަރާކޮށް، ކޯޓޭޝަން ބިޑް ކޮމިޓީ އަށް ފޮނުވުމުގެ މަރުހަލާގައި. - އޮލިމްޕަސް ބެކްޔާޑުގައި މިއުޒިޝަނުންނަށް މިއުޒިކް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޖެއްގެ ޑިޒައިން ނިންމައި ބެކްޔާޑުގައި އެހެން މަސައްކަތްތައް އަންނަނީ ކުރަމުން.

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަކާ ގުޅިފައިވާ އޮލިމްޕަސް ނުހުޅުވި އެތަނުގެ ބޭނުން ނުކުރެވޭތީ އެ އިންޑަސްޓްރީގެ ކަންބޮޑުވުން އެބަ އޮތެވެ.

އޮލިމްޕަސް ބަލަހައްޓަނީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ.

އެންމެ ފުރަތަމަ އެންސީއޭއިން ވަނީ އެ މަސައްކަތް މި އަހަރު ޖޫން މަހުގެ ފަހުކޮޅު ނިމި، އޮލިމްޕަސް އަލުން ހުޅުވާލެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖޫން މަސް ފަހަނައަޅައި ގޮސް އެ ފަހުން ވަނީ ސެޕްޓެމްބަރަށް ހުޅުވަން މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.

އެ ސިނަމާ މަރާމާތުކުރަނީ ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމުގެ ދަށުންނެވެ.