Roadha Mihaaru
ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ

ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ

25 ޖެނުއަރީ 2022

ވެލެންސިއާގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ)، ދެއްކި ކުޅުމާ އެކު އޭނާގެ މަގާމު ފޫބެއްދޭނެ ދެވަނަ އެހެން ކުޅުންތެރިޔަކު ރާއްޖޭގައި މި ވަގުތު ނެތް ކަމަށް، ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށް ދިން ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭ އަށް ވަނީ ފައިނަލް މެޗުގައި އަނިޔާވެފަ އެވެ. އާދިއްތަ ދުވަހު ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައި ސެންޓޭ އަށް އަނިޔާވީ މާޒިޔާގެ ފޯވާޑް ނާއިޒް ހަަސަން (ދާދު) ކުރި ފައުލާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ދާދު އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލި އެވެ.

އަލިފުށީގައި ހުރެ ވާހަކަ ދައްކަމުން ހީނާ ބުނީ ސެންޓޭގެ އަނިޔާއާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ މާލެ ގޮސް ޓެސްޓްތައް ހެއްދުމަށް ފަހުގައި ކަމަށެވެ. ވެލެންސިއާގެ ޓީމު ރޭ ވަނީ މާލެ އައިސްފަ އެވެ.

"ސެންޓޭގެ މަގާމު ރިޕްލޭސް ކުރާކަށް މަސައްކަތެއް ނުުކުރާނަން. އެއީ ސެންޓޭ މުބާރާތުގައި އެ ދެއްކި ކުޅުމާ އެކު އޭނާ ރިޕްލޭސް ކުރެވޭނެ ވަރުގެ އެހެން ކުޅުންތެރިއެއް މި ވަގުތު ރާއްޖޭގައި ހުރި ކަމަށް އަހަރެން ގަބޫލު ނުކުރާތީ. އެހެނެއް ނޫން އެޓޭކިން ލައިނަށް ހައްލުތަކެއް ހޯދާން މަސައްކަތް ކުރާނަން،" ހީނާ ބުންޏެވެ.

ޕްރެޒިޑެންޓް ކަޕް ތަށި ވެލެންސިއާ އަށް އުފުލާލަދިން ކެޕްޓަން ސެންޓޭ ތައްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕްރެޒިޑެންޓް ކަޕް ތަށި ވެލެންސިއާ އަށް އުފުލާލަދިން ކެޕްޓަން ސެންޓޭ ތައްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސެންޓޭ އަށް ލިބުނު އަނިޔާއާ ގުޅިގެން، ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ސެންޓޭގެ މަގާމު ފޫބެއްދުމުގައި ހުރި ވިސްނުންތަކަކީ ކޮބައިތޯ އެހުމުން، ހީނާ ބުނީ ސެންޓޭގެ މަގާމު ރިޕްލޭސް ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. ހީނާ ބުނީ ވެލެންސިއާ ފައިނަލާ ހަމައަށް ގެންގޮސްދީ ތަށި ހޯދައި ދިނުމުގައި ސެންޓޭގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާކުރި ކަމަށެެވެ.

އޭނާ ބުނީ ސެންޓޭގެ ބަދަލަށް ހައްލެއް ހޯދަން މަސައްކަތް ކުރާއިރު، ގްރީން ސްޓްރީޓުން ވެލެންސިއާ އަށް ބަދަލުވާ، ޒުވާން ފޯވާޑް އަބްދުﷲ ޔާމީން އާއި މެސީ ބޭނުން ކޮށްގެން ރަނގަޅުކޮށް ހައްލުތަކެއް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.

ސެންޓޭ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ކަކުލުން ލޭ އައުމުން އަލިފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. އެ މެޗުގެ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއާ ގުޅިގެން ސެންޓޭ ބަދަލު ކުރަން ޖެހުނު އިރު އޭނާގެ މަގާމަށް ދެން އެރުވީ އިސްމާއީލް އީސާ (މެސީ) އެވެ. މާޒިޔާގެ މައްޗަށް 2-1 އިން ވެލެންސިއާ މޮޅުވި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހަން، ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ޕާސް ތަނަވަސްކޮށް ދިނީ ވެސް އީސަ އެވެ.