Roadha Mihaaru
"ސްނޯ ވައިޓް" ހަދާތީ ޑިންކްލޭޖް ފާޑުކިޔައިފި

"ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" އަލުން ހަދާތީ ޑިންކްލޭޖް ފާޑުކިޔައިފި

27 ޖެނުއަރީ 2022

ޑިޒްނީން "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" އަލުން ހަދަން ނިންމާފައި ވާތީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕީޓާ ޑިންކްލޭޖް އެކަމަށް ފާޑުކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" އަލުން ހަދަން ނިންމާފައި ވާތީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕީޓާ ޑިންކްލޭޖް އެކަމަށް ފާޑުކިޔައިފި އެވެ.

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެެއްގައިި ބުނީ ޑިޒްނީ 1937 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމުން އަލުން ހެދުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

އޭނާ އެކަން މައްސަލައެއްގެ ގޮތުގައި ނެގި މައިގަނޑު ސަބަބަކީ އިސްކޮޅުން ކުރު މީހުން ނުވަތަ ޑްވާފިޒަމް ހުރި ބައެއްގެ ވާހަކަ 21 ވަނަ ގަރުނުގައި ވެސް "ބޮޑު ކަމަކަށް ހަދައިގެން" ގެނެސްދޭން އުޅޭތީ އެވެ. އޭނާ އަކީ ވެސް ޑުވާފިޒަމް ހުންނަ މީހެކެވެ.

މިކަމަށް އިޝާރާތްކޮށް ޑިންކްލޭޖް ބުނީ މި ފަހަރު އަސްލު އެކްޓަރުންނާ އެކު ޑިޒްނީން "ސްނޯ ވައިޓް އެންޑް ދަ ޑްވާފްސް" ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ހެދުމަކީ ކުރިއެރުމެއް ނޫން ކަމަށެވެ.

"އަނެއްކާ ވެސް ހަމަ ކިޔައިދޭން މި އުޅެނީ ހޮހޮޅައިގެ ތެރޭގައި އުޅުނު އެއްކަލަ ޑްވާފުންގެ ވާހަކަ. ސްނޯ ވައިޓް އަލުން ހެދުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް. އެއީ އެއްގޮތަކަށް ވެސް ކުރިއެރުމެއް ނޫން،" އަންނަ މަހު ރިލީޒްކުރަން ތައްޔާރުވާ މިއުޒިކަލް ރޮމޭންޓިކް ޑްރާމާ "ސައިރާނޯ" ގެ ބަތަލު ބުންޏެވެ.

ޑިންކްލޭޖް، 52، ވަނީ "ސްނޯ ވައިޓް" ގެ ރޯލު ލެޓިން ބަތަލާ އަކު ލައްވައި ކުޅުވަން ނިންމާފައި ވާތީ އެ ކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެ ރޯލު ދީފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" އިން ތައާރަފުކުރި ބަތަލާ ޒެޗެލް ޒެގްލާ، 20، އަށެވެ.

"އެކަމަކު އަދިވެސް އެމީހުން [ޑިޒްނީން] ފަހަރުވެރިވެފައި މި ކިޔަނީ ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސްއޭ،" އޭނާ ބުންޏެވެ.

ޑިންކްލޭޖްގެ މި ފާޑުކިޔުންތަކާ ގުޅިގެން ޑިޒްނީން ބަޔާނެއް ނެރެ، އެ މީހުންގެ ޕްރޮޖެކްޓް ދިފާއުކޮށްފައިވެ އެވެ. އެތަނުން ބުނީ "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" ހަދަން ނިންމާފައި އޮތީ ކުރިން ގެނެސްދިން ގޮތަށް ނޫން ކަމަށެވެ.

"މީތި ޕްރެޒެންޓްކޮށް ދިނުމުގައި ޒަމާނަށް ފެތޭ އާ ބަދަލުތަކެއް ހުންނާނެ. އެހެންވީމަ، ވާހަކަވެގެން ދާނީ ހަމަ ޔަގީނުން ވެސް މި ޒަމާނަށް، މި ޖީލަށް ފެތޭ އެއްޗަކަށް. އަދި މީތި ހެދުމުގައި އަހަރެމެން ޑްވާފިޒަމް ކޮމިނިއުޓީގެ ހިޔާލާއި ލަފަޔާއި މަޝްވަރާ ވެސް ހޯދާނަން،" ޑިޒްނީން ބުންޏެވެ.

އެ ސްޓޫޑިއޯ އިން ބުނި ގޮތުގައި "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް ވާނެ އެވެ. އަދި މީގެ ޕްރޮޑަކްޝަން ފެށުމާ އެކު، އެއިން ގެނެސްދޭނެ މުހިއްމު ބަދަލުތަކުގެ ވާހަކަ އާންމުކުރާނެ ކަމަށް ވެސް ބުންޏެވެ.

"ސްނޯ ވައިޓް" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމު ޑައިރެކްޓް ކުރާނީ 2009 ގެ "500 ޑޭޒް އޮފް ސަމާ" އާއި 2012 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން" ގެނެސްދިން މާކް ވެބް އެވެ. އަދި މީގެ ކާސްޓްގައި "ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ ބަތަލާ ގަލް ގެޑޯ ވެސް ހިމެނެ އެވެ.