Roadha Mihaaru
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"

މި އަހަރު ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް" ވެއްޖެ

12 އޯގަސްޓް 2024

މި އަހަރު ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމަކަށް މާވެލް ސްޓޫޑިއޯސްގެ "ޑެޑްޕޫލް އެންޑް ވޮލްވެރިން" ވެއްޖެ އެވެ.

މި އަހަރު ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމަކަށް މާވެލް ސްޓޫޑިއޯސްގެ "ޑެޑްޕޫލް އެންޑް ވޮލްވެރިން" ވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 494.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި ލިބުނު 535.1 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު، މި ފިލްމުގެ ޖުމްލަ އާމްދަނީ ވަނީ 1.03 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

މި އަހަރު ބިލިއަން ޑޮލަރު ލިބުނު ފުރަތަމަ ފިލްމަކީ ވެސް މާވެލްގެ މައި ކުންފުނި ޑިޒްނީގެ ފިލްމެކެވެ. އެއީ އެނިމޭޑެޓް ފިލްމު "އިންސައިޑް އައުޓް 2" އެވެ. އެ ފިލްމަށް މިހާތަނަށް ވަނީ 1.6 ބިލިއަން ޑޮލަރު ލިބިފަ އެވެ.

"ޑެޑްޕޫލް އެންޑް ވޮލްވެރިން" އަކީ މާވެލް ސްޓޫޑިއޯސް އިން ގެނެސްދިން 31 ވަނަ ފިލްމެވެ. އަދި މާވެލްގެ ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރު ހޯދި 11 ވަނަ ފިލްމެވެ.

މި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމުގައި ޑެޑްޕޫލްގެ ރޯލު ކުޅުނީ ރަޔަން ރެނޮލްޑްސް އެވެ. އަދި ވޮލްވެރިންގެ ރޯލު ކުޅުނީ ހިއު ޖެކްމަން އެވެ.

"ޑެޑްޕޫލް އެންޑް ވޮލްވެރިން" އަކީ ޑެޑްޕޫލްގެ ތިންވަނަ ފިލްމެވެ. އަދި މި ފިލްމަކީ ޑެޑްޕޫލް އާއި ވޮލްވެރިން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) އަށް ތައާރަފުވި ފިލްމެވެ. ރަޔަން އައި ހިއު އަކީ ކުރިން ވެސް އެ ރޯލުތައް ކުޅުނު އެކްޓަރުންނެވެ.