Roadha Mihaaru
ގައިގައި ސަމުސާތަކެއް ބެލެންސްކޮށްގެން ރިކޯޑެއް

ގައިގައި ސަމުސާތަކެއް ބެލެންސްކޮށްގެން އިރާންގެ މީހަކަށް ރިކޯޑެއް

30 ޖެނުއަރީ 2022

ނުވެއްޓޭ ގޮތަށް ހަށިގަނޑުގައި ސަމުސާތައް ބެލެންސްކުރުމުގެ ހުނަރު ދައްކާލައިގެން ސްޕޭންގެ މީހަކު ހަދާފައި އޮތްް ރިކޯޑެއް އިރާންގެ މީހަކު މުގުރާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުވެއްޓޭ ގޮތަށް ހަށިގަނޑުގައި ސަމުސާތައް ބެލެންސްކުރުމުގެ ހުނަރު ދައްކާލައިގެން ސްޕޭންގެ މީހަކު ހަދާފައި އޮތްް ރިކޯޑެއް އިރާންގެ މީހަކު މުގުރާލައިފި އެވެ.

އެ ގައުމުގެ ކަރަޖް އަށް ނިސްބަތްވާ އަބޮލްފަޒުލް ސަބްރް މުހްތާރީ، 50، އަށް ރެކޯޑް ލިބުނީ އޭނާގެ މޭމައްޗާއި ބަނޑާއި ކޮނޑާއި ބުރިކަށީގައި 85 ސަމުސާ ނުވައްޓައި ބެލެންސްކުރުމުންނެވެ. މި ސަމުސާތައް ހަށިގަނޑުގައި އެތުރީ، މަތިން ތިރިއަށް ވާ ގޮތަށެވެ. ކުރިން މި ރެކޯޑް އޮތީ 64 ސަމުސާ ބެލެންސްކުރި ސްޕެއިންގެ މާކޯސް ރުއިޒް ކެބެލޯގަ އަތުގަ އެވެ.

ރެކޯޑާ ބެހޭ ގޮތުން މުހްތާރީ ބުނީ ވަރަށް ކުޑައިރުއްސުރެ ވެސް އޭނާގެ ހަށިގަނޑުގައި އެއްޗެހި "ތަތްލަވާ" ކަމަށެވެ.

"މިކަން ވަރަށް ކުޑައިރު ފާހަގަކުރެވުނަސް އޭރަކު މިއީ ޓެލެންޓަކަށް ބޭނުން ކުރެވިދަނެ ކަމެއް ކަމަށް ދެކީގެން މިކަން ތަރައްގީކުރާކަށް އެއްވެސް މަސައްކަތެއް ނުކުރަން،" އޭނާ ބުންޏެވެ. "މިކަމެއް އަސްލު ފެށުނީ އުމުރުގެ ތަންކޮޅެއް ފަހުން."

މުހުތާރީ ބުނި ގޮތުގައި އޭނާ ހަށިގަނޑުގައި ކޮންމެ ފަދަ އެއްޗެއް ވެސް ތަތްލާނެ އެވެ. އަދި މިއީ އޭނާގެ ހަށިގަނޑުން ބޭރުވާ ޒާތެއްގެ "ހަކަތައެއް" ގެ ސަބަބުން ވާ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ޕްލާސްޓިކަސް ބިއްލޫރިއަސް ލަކުނޑިއަސް އަދި ހިލައަކަށް ވިޔަސް ނުވަތަ އަދި މޭވާ އާއި ތަރުކާރީ ވެސް އަދި ހިފައިގެންގުޅޭ ކޮންމެ ފަދަ އެއްޗަކަށް ވިޔަސް އަހަރެންގެ ގައިގައި އެ އެއްޗެއް ޖައްސާލައިފި ނަމަ ނުވެއްޓެވި ބެލެންސްކުރެވޭ،" މުހުތާރީ ބުންޏެވެ. "މިއީ އަހަރެންގެ ހަށިގަނޑުން ބޭރުވާ ހަކަތައަކުންވާ ކަމެއް. އެކަމަކު އެއީ ކޮން ކަހަލަ ހަކަތައެއް ކަމަށް ސިފަކޮށްދޭކަށް ނޭނގޭ. ޔަގީންވާ ކަމަކީ އަހަރެންގެ ހަށިގަނޑުގައި ހާއްސަ ބާރެއް ސިފައެއްވާކަން."

މުހުތާރީ ބުނި ގޮތުގައި ގައިގައި ސަމުސާ ބެލެންސްކުރުމުގެ ރެކޯޑް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެންނެވެ. ސަބަބަކީ މޫސުން ދިމާވާ ގޮތުން ވައިގެ ތެތްފިނިކަމާ ހެދި ހަށިގަނޑުގެ ފިނިހޫނުމިނަށް ވެސް ބަދަލުތައް އައިސް ސަމުސާތައް ހަށިގަނޑު "ތަތްނުވެ" ބެލެންސްކުރަން ދަތިވުމެވެ.

"އެހެން ވިޔަސް މަސައްކަތްކުރީ ރެކޯޑް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާނުލަން. އެގޮތުން ތިން ވަނަ ފަހަރަށް މަސައްކަތްކޮށްގެން އަށްޑިހަ ފަސް ސަމުސާ ބެލެންސްކުރެވުނީމަ ރެކޯޑް ލިބުނީ،" މުހުތާރީ ބުންޏެވެ. "ވަރަށް އުފަލުން މިހާރު މި ހުރީ."

އޭނާ ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑަށް ފޮތަށް އެރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންވެ އޭނާގެ އެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރަން ބޭނުންވާ ކަމަށް ބުންޏެވެ.