Roadha Mihaaru
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި

ޒިކުރާ މިސްކިތުގެ މައްސަލައިގެ ހުކުމް އިއްވަން އޮތް ދުވަހު އެސްޖޭއިން މައްސަލަ އަނބުރާ ގެންގޮސްފި

31 ޖެނުއަރީ 2022

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ދައުވާކުރި މައްސަލައިގެ ހުކުމް އިއްޔެ އިއްވަން ހައި ކޯޓުން ހަމަޖައްސާފައި ވަނިކޮށް އެސްޖޭ ކުންފުނިން އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ދައުވާކުރި މައްސަލައިގެ ހުކުމް އިއްޔެ އިއްވަން ހައި ކޯޓުން ހަމަޖައްސާފައި ވަނިކޮށް އެސްޖޭ ކުންފުނިން އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ދިހަ ބުރިއަށް ޒިކުރާ މިސްކިތް އިމާރާތްކުރަން ކުރީގެ ސަރުކާރުން އެސްޖޭއޭއާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރި މައްސަލާގައި 111 މިލިއަން ރުފިޔާގެ ބަދަލަކަށް އެދި ކުރި ދައުވާ ސިވިލް ކޯޓުން އެސްޖޭއަށް ކާމިޔާބު ނުވުމުން އެ ކުންފުނިން އެ މައްސަލަ އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮއްވައި އެސްޖޭއިން ވަނީ ސަރުކާރާ އެކު އެއްބަސްވުމަކަށް އައިސް، އެސްޖޭގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެސްޖޭއިން ސަރުކާރާ އެކު އެއްބަސްވުމަކަށް އައިއިރު، ބަދަލު ހޯދުމުގެ މައްސަލަ ހައި ކޯޓުގައި އޮތީ ހުކުމް އިއްވުމުގެ މަރުހަލައިގަ އެވެ. އެ މައްސަލާގެ ހުކުމް އިއްޔެ އިއްވަން ހަމަޖައްސާފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދަން ސިޓީ ފޮނުވުމުން އެ މައްސަލައިގެ ދައުވާ ފޯމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެ މައްސަލަ އަނބުރާ ގެންދެވޭނެކަމާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވި އެވެ. އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަކީ އެ މައްސަލަ އެސްޖޭއަށް އަނބުރާ ނުގެންދެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ މައްސަލަ އަނބުރާ ގެންދަން އެސްޖޭއިން ފޮނުވި ސިޓީގައި، އެއްބަސްވުމާ ޚިލާފްވެފައި ވަނީ ދައުލަތުން ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ބުނެފައި އޮތުމެވެ.

އެސްޖޭ އިން ކުރި އިސްތިއުނާފް މައްސަލައެއްގައި، އެސްޖޭ އިން އަމިއްލައަށް ގޮތް ނިންމުމަށް ފަހު ފޮނުވާ ސިޓީއަކަށް ބިނާކޮށް މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ. އަދި އެ މައްސަލަ ބޭރު ނުކޮށް ހައި ކޯޓުން ހުކުމެއް އިއްވަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަތެވެ. އެކަމަކު ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ނިންމެވީ އެ މައްސަލަ އެސްޖޭ އިން އެދުނު ގޮތަށް އަނބުރާ ގެންދަން ފުރުސަތު ދިނުމަށެވެ.