Roadha Mihaaru
ސީއެސްސީން އަމާންދީ، މުސްއަބުގެ މައްސަލަ ގެންދަނީ

މުސްއަބުގެ މައްސަލަ: ސީއެސްސީން އަމާން ދީފި، މައްސަލަ އަނބުރާ ގެންދަނީ

19 ޑިސެމްބަރ 2022

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަކިކުރި މައްސަލާގައި 1.1 މިލިއަން އޭނާއަށް ދޭން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަކިކުރި މައްސަލާގައި 1.1 މިލިއަން އޭނާއަށް ދޭން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން އަނބުރާ ގެންގޮސްފި އެވެ.

މުސްއަބު 2019 ވަނަ އަހަރު ވަކިކުރި މައްސަލާގައި ބަދަލަށް 1.1 މިލިއަން ދޭން ހައި ކޯޓުން ހުކުމް ކުރިޔަސް، އެ ފައިސާ ސީއެސްސީން ނުދައްކަ އެވެ. އެހެންވެ، ސިވިލް ކޯޓުން އަމުރުކުރީ ފަސް ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.

އަސްލު މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ބަދަލު ދިނުން ފަސްކުރަން އަމުރެއް ނުނެރެ އެވެ.

އެ އަމުރު ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިއްޔެ އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އެ ކޮމިޝަނުން ބުނީ މިހާރު ބޭނުންވަނީ މައްސަލަ އަނބުރާ ގެންދަން ކަމަށެވެ. އެއީ އެ ކޮމިޝަނަށް ދެއްކޭނެ ގާނޫނީ ހުއްޖަތުތަކެއް މިހާރު ނެތުމުން ކަމަށް ބުންޏެވެ.

ނަމަވެސް ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ސީއެސްސީއަށް އަމާޒުވި އެވެ. ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ސީއެސްސީން ހިފަމުންދާ ކަމަށް މުސްއަބުގެ ފަރާތުން ބުނެފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުން ސުވާލުކުރި އެވެ.

"ކޮމިޝަންގެ އިންޓަންޝަނެއް ނެތް އިނގޭތޯ ނަހަމަ ގޮތުގައި ބޭނުން ކުރުމަކަށް." ސީއެސްސީގެ ވަކީލް ވިދާޅުވި އެވެ.

"އެ ނިޔަތެއް ނެތްކަން ވިދާޅުވާ ވިދާޅުވުން ފިޔަވައި އިތުރު ޖަވާބެއް ނެތީތޯ." ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއް ޖަވާބެއް ދޭތީ ފަނޑިޔާރުންގެ ބެންޗުން އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

"އާދެ. އިތުރު ޖަވާބެއް ނެތް." ސީއެސްސީގެ ވަކީލް ވިދާޅުވި އެވެ.

މިއީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ހިފުން ކަމަށް ނުވާނެ ގޮތެއް ގާނޫނީ ގޮތުން ބުނެދޭން ފަނޑިޔާރުން އަނެއްކާވެސް އެންގެވި އެވެ.

ޖަވާބުގައި ސީއެސްސީން ބުނީ މައްސަލަ ދިމާވީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުން ލަސްވުމުން ކަމަށެވެ. އިސްތިއުނާފް ލަސްވީ ހައި ކޯޓުން ރިޕޯޓް ލަސްވުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހައި ކޯޓުން ރިޕޯޓް ދޫކުރީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް ވިޔަސް، ސީއެސްސީން ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފްކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ސީއެސްސީން ބުނީ ބަދަލުގެ ފައިސާ ދޫކުރުން ލަސްވީ ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރަން ސީއެސްސީން ނިންމުމުން ކަމަށެވެ.

ސީއެސްސީން މައްސަލަ އަނބުރާ ގެންދަން ބޭނުންވިޔަސް، މުސްއަބުގެ ފަރާތުން އެދުނީ ހައިކޯޓުން މައްސަލައާ މެދު ގޮތެއް ނިންމައިދިނުމަށެވެ. އަދި ސީއެސްސީން އަމަލުކުރި ގޮތުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި ވަކީލަށް ކުރަންޖެހުނު ގާނޫނީ ހަރަދު ނަގައިދޭން އެދުނެވެ. އެއީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުންނެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލައާ މެދު ކޯޓުން ނިންމާ ގޮތް ފަހުން އިއުލާން ކުރާނެ ކަމަށެވެ.