Roadha Mihaaru
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި

ގަލްފް ކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތަކެއް ހަވާލުކޮށްފި

31 ޖެނުއަރީ 2022

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލަން އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސްއާ ހަވާލުކޮށްގެން ބަންނަން ނިންމި ލޯންޗްތަކުގެ ތެރެއިން ހަތަރު އުޅަނދު މިއަދު އެ ކުންފުންޏާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލަން އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސްއާ ހަވާލުކޮށްގެން ބަންނަން ނިންމި ލޯންޗްތަކުގެ ތެރެއިން ހަތަރު އުޅަނދު މިއަދު އެ ކުންފުންޏާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީން މިރޭ ބުނީ އެ ލޯންޗްތައް މާދަމާ ހދ. އަތޮޅަށް ފޮނުވައި އެ ލޯންޗުތަކުގެ ރޫޓިން އަދި ޝެޑިއުލް ޓެސްޓްތައް ފަށާނެ ކަމަށެވެ. ފެރީ ލޯންޗްތަކުގެ ދަތުރުތައް ރަސްމީކޮށް ފަށާނީ އޭގެ ފަހުންނެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ފުރަތަމަ މަރުޙަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. އެ އަތޮޅުތަކުގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ފަށައިފަ އެވެ.

މި މަސައްކަތަށް ބަންނަ ހައި ސްޕީޑް ފެރީތަކަކީ 30 ނޮޓުގެ ބާރު މިނުގައި ދުވާނެ ފެރީތަކެކެވެ. އެހެންކަމުން މިއީ މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި ދަތުރުކުރާނެ ފެރީތަކެކެވެ.

މި މަޝްރޫއު އެމްޓީސީސީން ގަލްފް ކްރާފްޓާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 11 ގަ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ބޭނުންވާ ފެރީތައް ބަންނަން 107 މިލިއަން ރުފިޔާ އަށް ގަލްފް ކްރާފްޓާ ހަވާލުކުރި އިރު، ފުރަތަމަ ފިޔަވަހީގައި ދަތުރުކުރަން ބޭނުން ކުރާނީ 17 ފެރީއެކެވެ.

މިއިން ކޮންމެ ފެރީއަކީ 50 މީހުންގެ ޖާގައިގެ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަރައިފައިބަން ފަސޭހަ ފެރީތަކަކަށް ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.