Roadha Mihaaru

ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އަގުތައް އާންމުކޮށްފި

މިދިޔަ ހަފުތާގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށި ރ. އަތޮޅުގައި އެ ހިދުމަތް ދޭ އަގުތައް މިއަދު އާންމުކޮށްފި އެވެ.

ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

01 ޖުލައި 2025

މިދިޔަ ހަފުތާގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށި ރ. އަތޮޅުގައި އެ ހިދުމަތް ދޭ އަގުތައް މިއަދު އާންމުކޮށްފި އެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާރުޓީއެލް މަޝްރޫއުގެ ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގެ ރޫޓުތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަގު ނަގަން ހަމަޖެހިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށެވެ.

ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް މިދިޔަ ހަފުތާގައި ފަށައި ވަނީ އެއް ހަފުތާއެއް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފަ އެވެ.

އެމްޓީސީސީން ބުނީ އަގު ނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އާރުޓީއެލް ފެރީގެ އަގުތަކުގެ ލިސްޓުގައި ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 17 ރަށާއި އެއާޕޯޓް އޮންނަ އިފުރާ ދެމެދުގައި ދަތުރުކުރެވޭ އެކި ރޫޓުތަކުގެ އަގުތައް ހިމަނައިފަ އެވެ. ޓިކެޓުގެ އަގުތައް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 35ރ. އާއި 125ރ. އާ ދެމެދުގަ އެވެ.

މި މަހު ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.